Roadha Mihaaru
މާފުށިން މިހާރު މަރުހަބާ ކިޔަނީ މެހި

މާފުށިން މިހާރު މަރުހަބާ ކިޔަނީ މެހި

13 މާޗް 2022

ކ. މާފުށީ ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް މީގެ ދެ ހަފުތާ ކުރިން ބޭއްވި އިވެންޓަށް މާލެއިން ގޮސް އެ ރަށުގެ ދެކުނު ފަރާތު ބަނދަރާ ކައިރިކުރުމާ އެކު ލޯންޗުތެރެ ފުރާލީ މެހިންނެވެ. ރަށަށް ފައިބައި، ޖަލަށް ދާން ކަރެކްޝަންސްގެ ޖިޕަށް އެރި އިރު، އޭގެތެރޭގައި ވެސް މެއްސެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. މާފުށީ ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް މީގެ ދެ ހަފުތާ ކުރިން ބޭއްވި އިވެންޓަށް މާލެއިން ގޮސް އެ ރަށުގެ ދެކުނު ފަރާތު ބަނދަރާ ކައިރިކުރުމާ އެކު ލޯންޗުތެރެ ފުރާލީ މެހިންނެވެ. ރަށަށް ފައިބައި، ޖަލަށް ދާން ކަރެކްޝަންސްގެ ޖިޕަށް އެރި އިރު، އޭގެތެރޭގައި ވެސް މެއްސެވެ.

އާދަޔާ ހިލާފަށް މެހި ގިނަކަމުން އެކަން ފާހަގަވެ ބައެއް ނޫސްވެރިން އެ ޖިޕްގެ ޑްރައިވަރާ ސުވާލު ވެސް ކުރި އެވެ. އޭނާ ބުނީ އެއީ ރަށުގެ ގޮނޑުން އަންނަ އެއްޗެހި ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ މާފުށީގައި އާދަޔާ ހިލާފަށް މެހި ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މާފުށީގައި ޓޫރިޒަމް ވިޔަފާރީގައި އުޅުއްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވެސް މެހީގެ އުނދަގޫ ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާ ކުރައްވާފައިވެ އެވެ.

އޭނާގެ ޓްވީޓްގައި، މާފުށީގައި މެހި ގިނަވުމުގެ ސަބަބުން އެ ރަށުގެ ރެސްޓޯރެންޓްތަކުގައި ކެއިންބުއިމަށް ވެސް އުނދަގޫވެފައިވާ ކަމަށް ލިޔުއްވާފައިވެ އެވެ. އެ ޓްވީޓާ އެކު އޭނާ ހިއްސާކުރެއްވި ވީޑިއޯގައި، މެހި ފައްސަން ރެސްޓޯރެންޓެއްގެ ކާ މޭޒެއްގައި ބަހައްޓާފައި ހުރި އެއްޗެއް ވެސް ފެނެ އެވެ.

"ދެން ކިހިނެއް ހަދައިގެންބާ މިކަން ރަނގަޅު ވާނީ؟ ކުނިގޮނޑު ހަމަ އޮވެގެން ކުނިވަނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަ ހައްލުވާނީ ކިހިނެއްތޯ އޭނާ ސުވާލުކުރައްވަމުން ވިދާޅުވެފައި ވަނީ ކައުންސިލްތަކަށް ބާރު ދީފައިވާ ކަމަށާއި ގްރީން ޓެކްސް ވެސް ދައްކާ ކަމަށެވެ.

ކުނި މެނޭޖް ކުރެވޭނެ ގޮތެއް ނެތް

އެ ރަށުގައި އާދަޔާ ހިލާފަށް މެހި ގިނަވެފައި ވަނީ ރަނގަޅަށް ކުނި މެނޭޖް ނުކުރެވޭތީ ކަމަށް އެ ރަށު މީހުން ބުނެ އެވެ. މެހި ގިނަވުމުން ބަލިތައް ފެތުރުމުގެ ބިރު ވެސް އެބަ އޮތެވެ.

މާފުށީގައި މެހި ގިނަވާ މައްސަލައާ ގުޅޭ ގޮތުން އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސޯލިހު "މިހާރު" އަށް ވިދާޅުވީ އެއީ މި ވަގުތު އެ ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރަން ކައުންސިލުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އާ ކައުންސިލުން މަގާމާ ހަވާލުވި ފަހުން ކުނިގޮނޑު ސާފުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކ. މާފުށީ: ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީ ކުރަމުން އަންނަ އެ ރަށުގައި ކުނި މެނޭޖް ކުރާނެ ރަނގަޅު ފެސިލިޓީއެއް ނެތް.-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކ. މާފުށީ: ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރީ ކުރަމުން އަންނަ އެ ރަށުގައި ކުނި މެނޭޖް ކުރާނެ ރަނގަޅު ފެސިލިޓީއެއް ނެތް.-- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެމްޓީސީސީއާ ހަވާލުކޮށްގެން ވަރަށް ފަހުން ވެސް އެތަން ސާފުކުރިން. އެކަމަކު އަދިވެސް އެންމެ ރަނގަޅަށް ކުނި މެނޭޖް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، ރަށު ތެރޭ މެހި ގިނަވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ކުރިން އެ ރަށުގެ ކުނިގޮނޑަށް ކުނި އަޅާއިރު، އެކި ވައްތަރުގެ ކުނި ވަކިނުކޮށް އުކުމެވެ. އެކަމަކު، މިހާރު އެކަން ވެސް ހަމަޔަކަށް އަޅުވައި، ކުނި ވަކިކޮށް އުކާލެވޭނެ ގޮތް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ ކުނި މެނޭޖް ކުރާނެ ރަނގަޅު ފެސިލީޓީއެއް އެ ރަށުގައި ހެދިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރެއް ހެދުމަށް ސްޓެލްކޯއާ އެކު އެއްބަސްވުމެއް ހަދަން ވެސް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.