Roadha Mihaaru
ޓޫރިޒަމުން ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް

ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރަން ޑައިވްއަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް

13 މާޗް 2022

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ޑައިވިން ހަރަކާތަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރަން ޓޫރިޒަމް މިނިސްޓްރީ އާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯ ޑައިވް އޮޕަރޭޓާސް (މޯޑޯ) ގުޅިގެން ޑައިވިން ހަރަކާތަކާ އެކު ބައިނަލްއަގުވާމީ ފޮޓޯ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި ރާއްޖޭގެ އެންމެ ރަނގަޅު 50 ޑައިވިން ޕޮއިންޓަކަށް އެއްފަހަރާ ޑައިވްކުރާނެ އެވެ. ފޮޓޯ މުބާރާތް ކުރިއަށްދާނީ އެ ޑައިވްގެ ތެރެއިންނެވެ.

އެ މުބާރާތުގައި ދިވެހި އަދި ބައިނަލްއަގުވާމީ ފޮޓޯގްރާފަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. ބޭރުގެ ފޮޓޯގްރަފަރުން މުބާރާތުގައި ބައިވެރިވާން 10 ޑޮލަރުގެ ފީއެއް ދައްކަން ޖެހުނަސް ދިވެހި ފޮޓޯގްރަފަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ.

މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ތިން ފޮޓޯ އެ ޑައިވްއަށް ހާއްސަ ފޮތުގައި ހިމަނާނެ އެވެ. އަދި މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަވޯޓާ އެގްޒަބިޝަނުގައި ހިމަނާނެ އެވެ. އެ ފޮޓޯތައް ބޭނުން ކުރާއިރު ފޮޓޯގްރަފަރަށް ފުރިހަމަ ކްރެޑިޓްސް ދޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދެ އެވެ.

އެ ހަރަކާތް ބާއްވަން ރާއްޖޭގެ އެންމެ ރީތި 50 ޑައިވް ސައިޓް ހޮވާނީ ނޮމިނޭޓް ކޮށްގެންނެވެ. ކޮންމެ އަތޮޅަކުން އެ އަތޮޅެއްގެ ކައުންސިލުން ޑައިވް ސައިޓެއް ނޮމިނޭޓް ކުރާއިރު ކޮންމެ ރިސޯޓަކުން ތިން ސައިޓް ނޮމިނޭޓް ކުރާނެ އެވެ. އަދި ބާކީ ސައިޓްތައް ނޮމިނޭޓްކުރާނީ އިވެންޓުގެ ސްޕޮންސަރުންނެވެ.

އެ ހަރަކާތުގައި ޑައިވް ސެންޓަރުތަކާއި ރިސޯޓުތަކާއި ލިވަބޯޑްތަކުން ބައިވެރިވޭނެ އެވެ. އެތަންތަނުން ބައިވެރިވާން ފީގެ ގޮތުގައި 85 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އޯޝަން ޖިއޯގްރަފިކްގެ ޑިރެކްޓަ އަދި ޕަބްލިޝަ މައިކަލް ޑައިވް ހަރަކާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޯޝަން ޖިއޯގްރަފިކްގެ ޑިރެކްޓަ އަދި ޕަބްލިޝަ މައިކަލް ޑައިވް ހަރަކާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އޯޝަން ޖިއޯގްރަފިކްގެ ޑިރެކްޓަ އަދި ޕަބްލިޝަ މައިކަލް ވިދާޅުވީ އެ ހަރަކާތުގައި ޑައިވް ޕޮއިންޓުތަކުން އެއް ވަގުތެއްގައި ނަގާ ފޮޓޯތަކުގެ ސަބަބުން ރާއްޖޭގެ ފަރުތަކާ ބެހޭ ދިރާސާތައް ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އެ ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ފަރުތައް މަރުނުވާކަން މުޅި ދުނިޔެއަށް އަންގައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައިކަލް ވިދާޅުވީ އެ ޑައިވް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ.

"ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ފަރުތައް އެންމެ ރީތި އެއް ގައުމު. އަޅުގަނޑުމެންގެ މި އިވެންޓުގެ ސަބަބުން އެ ނަގާ ފޮޓޯތައް އެބަ ބޭނުން ކުރެވޭ މިހާރު ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަންނަން. އަދި ކޮންމެ އަހަރަކު އެ އިވެންޓް ބާއްވާނަމަ ކޮންމެ އަހަރަކު އެ ލިބެނީ އަޕްޑޭޓެއް. ރިސާޗްތައް ހަދާ ނަމަ ވަރަށް ފަސޭހަވާނެ،" މައިކަލް ވިދާޅުވި އެެވެ.

އެ ޑައިވިން ހަރަކާތް ކުރިއަށްދާ ދުވަހު ބައިވެރިންނަށް އިތުރު ހަދިޔާތަކެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ދުވަހު ރާއްޖޭގައި 50 ވަނަ ޑައިވް ކުރާ މީހުންނަށް ޕަޑީ އާއި އެސްއެސްއައިގެ ކާޑެއް ލިބޭއިރު އެ ދުވަހު 50 ވަނަ އަހަރު ފުރޭ މީހުންނަށް ޑައިވް އޮޕަރޭޓަރުންގެ ފަރާތުން ހަދިޔާ ލިބޭނެ އެވެ.

ޑައިވްއާ ގުޅުވައިގެން އަންނަ އަހަރު ބާއްވާ އަންޑަވޯޓާ އެގްޒަބިޝަނުގައި 150 ފޮޓޯ ހިމަނާނެ އެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ.

ޑައިވް އާއި ފޮޓޯގްރަފީ މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުގެ ހެނދުނު 7:30ން ހަވީރު 5:30އަށެވެ. މުބާރާތުގެ ވަނަތައް އިއުލާން ކުރާނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. އެ މުބާރާތުގެ ފޮޓޯތައް ޖަޖް ކުރާނީ ދިވެހިންނާއި ބިދޭސީން ހިމެނޭ ޖަޖުންގެ ޕެނަލަކުންނެވެ.