Roadha Mihaaru
ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި

ރާއްޖޭން ޑައިވިންގެ ދުނިޔޭގެ ރެކޯޑު މުގުރާލައިފި

01 އޮކްޓޯބަރ 2019

ފްރީ ޑައިވިން އިން އިޓަލީން ހަދާފައިވާ ދުނިޔޭގެ ރެކޯޑު ރާއްޖޭން މިއަދު މުގުރާލައިފި އެވެ.

އިދުހާމް ނައީމް ބަރޮސް މޯލްޑިވްސް އިދުހާމް ނައީމް

ފްރީ ޑައިވިން އިން އިޓަލީން ހަދާފައިވާ ދުނިޔޭގެ ރެކޯޑު ރާއްޖޭން މިއަދު މުގުރާލައިފި އެވެ.

ރާއްޖެ އިން އެންމެ ގިނަ ޑައިވަރުން އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑް ހެދީ 521 ޑައިވަރުންނާ އެކު އެކު ޑައިވްކޮށްގެންނެވެ. އިޓަލީން މި ރެކޯޑް 2009 ވަނަ އަހަރު ހަދާފައި ވަނީ 280 މީހުންނާ އެކު އެވެ. މި ރެކޯޑް މުގުރާލުމަށް ޑައިވަރުން 30 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބަރޮސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޑައިވް ކުރެއްވި އެވެ. އެ މަނިކުފާނުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ފްރީޑައިވިން އިން ދެ ފަހަރު ދުނިޔޭގެ އެއްވަނަ ހޯދާފައިވާ ވިލިއަމް ޓްރޫ ބްރިޖް ވެސް މި އިވެންޓުގައި ބައިވެރި ވިއެވެ. ނަމަވެސް މިނިސްޓަރު އަލީ ވަހީދު މި ރެކޯޑް ހެދުމުގެ ޑައިވްގައި ޑައިވް ކުރައްވައިފައެއް ނުވެ އެވެ.

ވޯލްޑް ރެކޯޑް މުގުރާލުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު

ވޯލްޑް ރެކޯޑް މުގުރާލުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މިހާރު

މި ރެކޯޑް މުގުރާލުމުގެ އިވެންޓަށް ގިނިސް ވޯލްޑް ރެކޯޑުގެ އޮފިޝަލުން ވަޑައިގެން ވަނީ ޖަޖު ކޮށްފަ އެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު މިފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ކާމިޔާބީގެ އުފާވެރިކަން އިތުރުވެގެންދާކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ބައެއް އިސް ފަރާތްތަކުގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ފްރީ ޑައިވަރުން ބައިވެރިވި އެވެ.