Roadha Mihaaru
ރާފިލް ބަލިވެ އުޅޭކަން ބުނަން މެސެޖުކޮށް 11 ކޯލް!

ރާފިލް މަރު: ހުން އައިސް ބަލިވެ އުޅޭކަން ބުނަން މެސެޖުކޮށް 11 ފަހަރު ގުޅާފައި އޮތް

14 މާޗް 2022

ސިފައިންގެ ތަމްރީނަށް ޅ. މާފިލާފުއްޓަށް ފަތިހު ފުރުމުގެ ކުރިން ޖެޓީގައި ހުރެ ދަރިފުޅު، މުހައްމަދު ރާފިލް ބައްޕައަށް ގުޅި އެވެ. ފުރާ ވާހަކަ އާއި އެ ރަށަށް ދެވުމުން ގުޅާނެ ކަމަށް ބުންޏެވެ. ދެން ގުޅީ އެ ސަލާމަތުން އެތަނަށް ފޯރައިފި ކަމުގެ ޔަގީންކަން ދިނުމަށެވެ. ތަމްރީނުތަކުގައި ބިޒީވާނެތީ ފޯނަށް ދެން ނުގުޅޭނެ ވާހަކަ ބުންޏެވެ. އިމަޖެންސީގައި ގުޅޭނެ ނަމްބަރު ދީފައި ފޯނު ބޭއްވީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިފައިންގެ ތަމްރީނަށް ޅ. މާފިލާފުއްޓަށް ފަތިހު ފުރުމުގެ ކުރިން ޖެޓީގައި ހުރެ ދަރިފުޅު، މުހައްމަދު ރާފިލް ބައްޕައަށް ގުޅި އެވެ. ފުރާ ވާހަކަ އާއި އެ ރަށަށް ދެވުމުން ގުޅާނެ ކަމަށް ބުންޏެވެ. ދެން ގުޅީ އެ ސަލާމަތުން އެތަނަށް ފޯރައިފި ކަމުގެ ޔަގީންކަން ދިނުމަށެވެ. ތަމްރީނުތަކުގައި ބިޒީވާނެތީ ފޯނަށް ދެން ނުގުޅޭނެ ވާހަކަ ބުންޏެވެ. އިމަޖެންސީގައި ގުޅޭނެ ނަމްބަރު ދީފައި ފޯނު ބޭއްވީ އެވެ.

އެއީ، އުމުރުން 19 އަހަރުގެ ދަރިފުޅުގެ ފަހު ކޯލެވެ.

"އޭގެ ފަހުން މާފިލާފުށިން ލިބުނީ ދެ ކޯލް. ފުރަތަމަ ފަހަރު ބުނީ ދަރިފުޅުގެ ހާލު ސީރިއަސްވެގެން ފަރުވާދޭން ގެންގޮސްފިއޭ ނައިފަރު ހޮސްޕިޓަލަށް. ދެން ލިބުނީ މަރުގެ ހަބަރު،" ބައްޕަ އަހްމަދު ރަބީލް ކިޔައިދިނެވެ.

"ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި ހުރިހާ ކަމެއް ހިނގައި ދަރިފުޅު ވަކިވެގެން މިދިޔައީ."

ދަރިފުޅުގެ މި ވަކިވުމުގައި، އޭނާ މިހާރު ތުހުމަތުކުރާ ގޮތުގައި، އިހުމާލުތަކެއް އެބަހުއްޓެވެ.

އެކަމަކު، މި ތުހުމަތުތަކާ ގުޅިގެން އެމްއެންޑީއެފުން ޖަވާބެއް ނުދިނެވެ. އެތަނުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "ކޮމެންޓެއް ނެތް" ކަމަށެވެ. ދެން ވިދާޅުވީ ތަމްރީނުތަކުގައި ދިމާވާ ކަންކަމާ ގުޅިގެން ކުރިން ބަޔާނެއް ނެރެފައި އޮތް ކަމަށެވެ. އެ ވިދާޅުވީ އެމްއެންޑީއެފުން މީޑިއާއަށް ފޮނުވި މެސެޖެއްގެ ވާހަކަ އެވެ.

އަސްކަރީ ތަމްރީންތަކެއްގައި ސިފައިން ބައިވެރިވަނީ. - ފޮޓޯ: އެމްއެންޑީއެފް

އަސްކަރީ ތަމްރީންތަކެއްގައި ސިފައިން ބައިވެރިވަނީ. - ފޮޓޯ: އެމްއެންޑީއެފް

ރާފިލްގެ މަރާއި ތަމްރީންގައި އުޅުނު އިތުރު ދެ މީހެއްގެ ހާލު ސީރިއަސްވުމާ ގުޅިގެން އެމްއެންޑީއެފުން މީޑީއާތަކަށް ފޮނުވި މެސެޖުގައި އޮތީ، އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކަކަށް ވާތީ އެކަމަށް ކުދިން ހޮވަނީ ވެސް ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު ޓްރެއިނިންގތަކުގައި ބައިވެރިވެވޭ ގާބިލްކަން ހުރިކަން ޔަގީންކޮށްފައި ކަމަށެވެ. "ތިން ކުއްޖެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެތެރެއިން އެއް ކުއްޖަކު ނިޔާވެ، ދެވަނަ ކުއްޖަކަށް އައިސީޔޫ ގައި ފަރުވާކުރަންޖެހި އަދި ތިންވަނަ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން މިކަމާ ކަންބޮޑުވެ ހިތާމަ ކުރާކަމެކެވެ." އެ މެސެޖެއްގައި ބުންޏެވެ. އެތަނުން ބުނީ ހިނގައިދިޔަ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެއްޗެއް ބުނަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.

ރާފިލްގެ ބައްޕަ ބުނި ގޮތުގައި ޓްރޭނިންއަށް ފުރިއިރު ވެސް ހުން އައިސްފައި ހުރި ދަރިފުޅަށް އެކަށީގެންވާ ފަރުވާ މަރުވުމާ ހަމައަށް ވެސް ލިބިފައެއް ނުވެ އެވެ. މާފިލާފުށީގައި ސިއްހީ ފަރުވާދޭނެ ތަނަކާއި ޑޮކްޓަރުން ތިބެ ފަރުވާ ނުލިބުމާއި ބަލިވެ އުޅޭކަން އެނގި ހުރެ ބުރަ ތަމްރީނުތަކުގައި ބައިވެރިކުރުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ނަގަ އެވެ.

މި ތުހުމަތު އޭނާ ކުރީ ދަރިފުޅުގެ ފޯނުން ފެނުނު މެސެޖްތަކާއި ފަހު ކޯލްގައި ދެއްކި ވާހަކަތަކުގެ އިތުރުން ފަރުވާއާ ގުޅޭ ގޮތުން އޭނާއަށް ލިބުނު މައުލޫމާތުތަކުންނެވެ.

ހުން އައި ވާހަކަ މެސެޖްކޮށް، 11 ފަހަރު ގުޅި!

ބައްޕަ "މިހާރު" އަށް ކިޔައިިދިން ގޮތުގައި، ސްކޫލްގައި އުޅުނުއިރު ކެޑޭޓަށް ދަރިފުޅު ވަނީ ވެސް ސިފައިންގެ ހިދުމަތާ ގުޅެން ޝައުގުވެރިވާލެއް ބޮޑުކަމުންނެވެ. އޭ ލެވެލް ނިމުމާ އެކު އިތުރު ކޯހެއްގެ ވިސްނުމެއް ނެތި ވެސް ބޭނުންވީ އަވަހަށް އެމްއެންޑީއެފަށް ވަންނާށެވެ. ތަމްރީނަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުރަން ޖެހުނީ، މެޑިކަލް ހަދައި ފާސްވެގެން ވަޒީފާ ހަމަޖެހުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

"އަބަދުވެސް ބުނާ ވާހަކައެއް އެއީ، އަޒުމަކީ ގައުމަށް ހިދުމަތްކޮށްދިނުމޭ،" ބައްޕަ ބުންޏެވެ.

މި އުއްމީދުގައި ފުރަން ގާތްވެފައި ވަނިކޮށް ހުން އައީ އެވެ.

"ދަރިފުޅު މި ވާހަކަ އެބައޮތް [އެމްއެންޑީއެފުން ހަވާލުވެ ހުންނެވި] ސާ އަށް މެސެޖްކޮށްފައި. ފުރަން ޖެޓީގައި ހުރެ 11 ފަހަރު ގުޅާފައި ވެސް އެބައޮތް. މި ރެކޯޑު ފޯނުގައި އެ އޮތީ ފެންނަން،" ބައްޕަ ބުންޏެވެ.

"އެ ކުއްޖާ އެބަހުރި ސިއްހީ ހާލަތު ގޯސްކަން ބުނެދޭން ވަރަށް މަސައްކަތްކޮށްފައި. އޭނަ ކުރި މެސެޖްތައް ބަލާފައި ހުރީ ވެސް،"

އެމްއެންޑީއެފް ޓްރެއިނިން ދިޔަތަނުން މަރުވި ރާފިލް

އެމްއެންޑީއެފް ޓްރެއިނިން ދިޔަތަނުން މަރުވި ރާފިލް

މާފިލާފުށީގައި ވެސް ޑޮކްޓަރުން ތިބޭއިރު، ހުން އައިސްފައި ތިބޭއިރު ތަމްރީނަށް ނެރުމުގެ ކުރިން ފުރަތަމަ ކަމަކަށް ވާން ޖެހޭނީ އެތަނުގެ ޑޮކްޓަރަށް ދައްކައިގެން ވެސް ފަރުވާދިނުން ނޫންތޯ ބައްޕަ ސުވާލު އުފެއްދި އެވެ.

"މާފިލާފުއްޓަށް ދިޔަތާ ޖެހިގެން އައި ދުވަހު ތަމްރީންތަކަށް މި ނެރުނީ، ތިންސަތޭކައެއްހާ ކުދިން އެއްފަހަރާ ތަމްރީންތަކެއް ފަށާއިރު ބަލަންވާނެ ނޫންތޯ އެ ކުދިންގެ ސިއްހީ ކަންކަމަށް ވެސް. އެ ކުއްޖާ އެ ދުވަހު ތަމްރީނުތަކުގައި ބައިވެރިކުރުމާ މެދު މެޑިކަލް ޓީމުން ގޮތް ނިންމަން ޖެހިފައި އޮތް ހާލަތެއް ނޫންތޯ އެއީ ގަދައަށް ހުން އައިސްފައި ހުރުން،" ބައްޕަ ކަންބޮޑުވުންފާޅުކުރި އެވެ.

"ނޭވާ ހާސްވެ ހިތް ހުއްޓުނީ،"

ބައްޕަ ކިޔައިދިން ގޮތުގައި ރާފިލް ތަމްރީނުގައި އުޅެނިކޮށް ކުއްލިއަކަށް ނޭވާ ހާސްވީ އެވެ. ހާލު ސީރިއަސްވާން ފެށުމުން، ތަމްރީން ހަދާ ރަށާ 15 މިނެޓުގެ ރާސްތާގައި އޮންނަ ޅ. ނައިފަރަށް ފުރުވާލީ އެވެ. އެކަމަކު ހޮސްޕިޓަލަށް ގެންދިޔައިރު ވިންދު އޮތީ ހުއްޓިފަ އެވެ.

ބައްޕައަށް ބުރަވެވެނީ މާފިލާފުށީގައި އަދި ނައިފަރަށް ގެންދިޔަ ލޯންޗު މަތީގައި ވެސް ދަރިފުޅަށް އެކަށީގެންވާ ފަރުވާދީފައި ނުވާ ކަމަށެވެ.

"އެމްއެންޑީއެފަށް ކިޔައެއް ނުދެވުނު ދަރިފުޅަށް ދިން ފަރުވާއެއް. ލޯންޗު މަތީގައި ވެސް ނެތް އެއްވެސް ފަރުވާދީފައެއް. ހިތް ހުއްޓުނީމަ ޕަންޕްކޮށްފައެއް ނެތް. ކްލިނިކެއް ހުރެފައި، ޑޮކްޓަރެއް ހުރެފައި، ނައިފަރަށް ގެންދާއިރު ނޭވާ ހާސްވާ މީހަކަށް ދިން ފަރުވާއަކީ ކޮބައިތޯ އަޅުގަނޑު ސުވާލުކުރިން. ނައިފަރަށް ގެންދިޔައިރު އޮކްސިޖަން އިނީ ޒީރޯގައި،" ބައްޕަ ބުންޏެވެ.

ރާފިލްގެ މަރު ފޯމުގައި އިނީ ބައްޕަ ބުނާ ގޮތުގައި ހިތް ހުއްޓިގެން މަރުވީ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްކަން އެންގީ ޖަނާޒާގެ ކަންތަކުގައި އުޅެނިކޮށް މާ ފަހުން ކަމަށް ބުންޏެވެ.

ޅ. ނައިފަރު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ އެތަނަށް ގެންދިޔައިރު ފުރާނަ ހުރި ކަމުގެ އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. ދަތުރުމަތީގައި ސީޕީއާރު ދެމުން އައި ކަމަށް އެމްއެންޑީއެފްގެ ޑޮކްޓަރުންނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރުން ލަފާ ކުރައްވަނީ، އޭނާ ވިދާޅުވި ގޮތުގައި، ހީޓް ސްޓްރޯކެއްގެ ސަބަބުން އިތުރު ކޮމްޕްލިކޭޝަންސްތަކެއް ދިމާވެ ހިތް ހުއްޓުނީ އެވެ.

އާއިލާއިން އެދެނީ ފަރުވާކުޑަކުރި ސަބަބު ބުނެދޭން

ބައްޕަ ބުނި ގޮތުގައި ދަރިފުޅުގެ ބަލިކަން އެންގުމާ އެކު އެކަށީގެންވާ ފަރުވާ ވަގުތުގައި ދެވުނު ނަމަ ފުރާނަ ސަލާމަތްވުުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އޭގެ ބަދަލުގައި، ހަށިގަނޑު ބަލިކަށިވެފައި ވަނިކޮށް ބުރަ ތަމްރީނުތަކަކުން އިތުރަށް ތަކުލީފު ޖެއްސުމަކީ ދަރިފުޅު ވަކިވެގެން ދިޔަ ސަބަބެވެ.

ސިފައިންތަކެއް ބަނދަރުގައި އޮތް ދޯންޏެއް ކައިރީގައި.

ސިފައިންތަކެއް ބަނދަރުގައި އޮތް ދޯންޏެއް ކައިރީގައި.

އާއިލާ ބޭނުންވަނީ ފަރުވާ ދިނުމުގައި އިހުމާލުވި ސަބަބު އެމްއެންޑީއެފުން ސާފުކުރުމެވެ. އެތަނުގައި ތަމްރީނު ހަދާ އެހެން މީހުންނާ މެދު ވެސް ކަންކުރަނީ މި އުސޫލުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"ދަރިފުޅަށް ދިމާވީ ހިތާމަވެރި ގޮތެއް، އެކަމަކު އެހެން މީހުންނާ މެދު ވެސް ހަމަ މިހެންތޯ ކަން ހިނގަނީ، ފަރުވާގައި އިހުމާލުވަނީތޯ،" އޭނާ ސުވާލު އުފެއްދި އެވެ.

ރަބީލް ބުނި ގޮތުގައި ދަރިފުޅުގެ މަރާ ގުޅިގެން އެމްއެންޑީއެފުން އޭނާއާ ބައްދަލުކުރަން މިއަދު ހަމަޖެހިފައިވެ އެވެ. އޭނާގެ އެ ތުހުމަތުތަކާއި ސުވާލުތައް އެ މީހުންނަށް ހުށަހަޅާނެ ކަމަށް ބުންޏެވެ.

"ބަލައެއް ނުގަނެވޭ، ގަބޫލެއް ނުކުރެވޭ މިހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދަރިފުޅު މި ވަކިވެގެން ދިޔައީ އިހުމާލެއް ނެތި ކަމަށް."