Roadha Mihaaru
ލޯބިވެރިންނަށް ކުރާ ހޭދަ ވެސް އަނބުރާ ހޯދޭނެ!

ލޯބިވެރިންނަށް ކުރާ ހޭދަ ވެސް އަނބުރާ ހޯދޭނެ!

16 މާޗް 2022

ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެކަކު އަނެކަކަށް ފައިސާ އާއި ހަދިޔާ ދިނުމަކީ އަބަދުވެސް ކުރާ ކަމެކެވެ. އޭގެ އަނެއްކޮޅުން ފައިސާގެ ބޭނުމުގައި މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ވެސް ހިނގާ ކަންކަމެވެ. ދެ މީހުން ވަކިވުމަށްފަހު ޚަރަދުކުރި މީހާ ފައިސާ ހޯދަން ކޯޓަށް ދާއިރު ހުންނަނީ ފައިސާގެ ބޮޑެތި މުއާމަލާތްތަކެވެ. އެ މީހުން ބުނާގޮތުން އެއީ ލޯބީގެ ހަދިޔާ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު އެކަކު އަނެކަކަށް ފައިސާ އާއި ހަދިޔާ ދިނުމަކީ އަބަދުވެސް ކުރާ ކަމެކެވެ. އޭގެ އަނެއްކޮޅުން ފައިސާގެ ބޭނުމުގައި މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ވެސް ހިނގާ ކަންކަމެވެ. ދެ މީހުން ވަކިވުމަށްފަހު ޚަރަދުކުރި މީހާ ފައިސާ ހޯދަން ކޯޓަށް ދާއިރު ހުންނަނީ ފައިސާގެ ބޮޑެތި މުއާމަލާތްތަކެވެ. އެ މީހުން ބުނާގޮތުން އެއީ ލޯބީގެ ހަދިޔާ އެވެ.

ލޯބީވެރިޔާގެ ފަރާތުން ހަދިޔާގެ ގޮތުން ލިބުނު އެއްޗެއް ކަމަށް ބުންޏަސް، އެއީ ފަސޭހައިން ސަލާމަތްވެވޭނެ ކަމެއް ނޫނެވެ. ސްވިޒަލެންޑްގެ އަންހެނަކާ ލޯބީގެ ގޮތުން އުޅުނުއިރު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި ދިވެއްސަކު އެ ފައިސާ އަނބުރާ ދައްކަން ޖެހުނެވެ. އަދި ޖަރުމަނު އަންހެނެއްގެ އަތުން ބައި މިލިއަނެއްހާ ރުފިޔާ އެގޮތަށް ހޯދި މީހަކު ފައިސާ އަނބުރާ ދައްކަން ޖެހުނުއިރު، އެފަދަ އެހެން މައްސަލައެއްގައި 170،00 އަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ޖެހުމެވެ. ދާދިފަހުން ވެސް އެފަދަ މައްސަލައެއް ނިންމި އެވެ.

ހަދިޔާއެއް ކަން ސާބިތުނުވާ ނަމަ އެއީ ދަރަންޏެއް

މިފަދަ މައްސަލަތަކުގައި ކޯޓުތަކުން ނިންމާފައިވާ ގޮތުން ޚަރަދެއް ކުރަންޖެހޭ ގުޅުމެއް ދެ މީހުންގެ ދެމެދުގައި ނެތް ނަމަ، އެކަކު އަނެކަކަށް ދޭ ފައިސާއަކީ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު ދަރަންޏެއްގެ ގޮތުގައި ބަލަންޖެހޭނެ އެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ ބުނާ ބީދައިންނެވެ.

ފައިސާ ދިން މީހާ އެ ފައިސާ ދިންކަން ސާބިތުކޮށް ދިނުމުން ނިމުނީ އެވެ. އާންމުކޮށް ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުންނަނީ ބޭންކްތައް މެދުވެރިކޮށް ކަމަށްވާތީ ފައިސާ ދިންކަން ސާބިތުކޮށް ދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. އެ ހިސާބުން އެއީ ހަދިޔާއެއް ކަން ނުވަތަ އެހެން ބޭނުމަކަށް ދިން ފައިސާއެއް ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އޮންނަނީ ފައިސާ ލިބުނު މީހާއަށެވެ. އެކަން އޭނާއަށް ސާބިތުކޮށް ނުދެވޭ ނަމަ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.

"ފައިސާގެ މުއާމަލާތަކީ ދަރަންޏެއްތޯ ނުވަތަ ހަދިޔާއެއްތޯ ސުވާލު އުފެދޭ ހާލަތުގައި، އަނބުރާ ހޯދުމަށް އެދެވޭ ފައިސާއަކީ ހަދިޔާއެކޭ ބުނެވޭ ނަމަ އެކަން ސާބިތުކޮށް ދިނުމުގެ ބުރަ މަތި ކުރެވިފައިވަނީ އެ ހަދިޔާ ލިބުނު ފަރާތުގެ މައްޗަށެވެ." ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ކުރި ހުކުމެއްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

- ޚަރަދު ކުރަންޖެހޭ ފަދަ ގުޅުމެއް ނެތްނަމަ ފައިސާގެ އަސްލަކީ ދަރަންޏަކަށްވުން

- ހަދިޔާއެއް ކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އޮތީ ލިބުނު މީހާއަށް

- ފިރިމީހާއަށް އަނބިމީހާ ކުރާ ޚަރަދަކީ ވެސް އަނބުރާ ދޭންޖެހޭ ދަރަންޏެއް

ހަދިޔާގެ ގޮތުގައި ދޭ ތަކެތި އަނބުރާ ހޯދޭނެތަ؟

މިހާތަނަށް މިފަދަ މައްސަލަތަކުގައި ފައިސާ ދައްކަން ޖެހިފައި އޮތީ ފިރިހެނުންނަށް ކަމަށް ވިޔަސް، މިއީ ހަމައެކަނި އަންހެނުންނަށް ފަހިވާ ގޮތަށް އޮތް ނިންމުމެއް ނޫނެވެ. އަންހެން މީހާއަށް ފިރިހެން މީހާ ދޭ ފައިސާއަށް ވެސް މި އުސޫލު ހިނގާނެ އެވެ. އެކަމަކު ގާނޫނީ ގޮތުން ޚަރަދެއް ކުރަންޖެހޭ ފަދަ ގުޅުމެއް ދެ މީހުންގެ ދެމެދުގައި ނެތުމަކީ ޝަރުތެކެވެ. މިސާލަކަށް އާއިލީ ގޮތުން ގުޅުމެއް އޮތުމެވެ. ލޯބީގެ ގުޅުމަކީ ގާނޫނީ ގޮތުން ޚަރަދެއް ކުރަންޖެހޭ ފަދަ ގުޅުމެއް ނޫނެވެ.

"ޚަރަދު ލާޒިމްނުވާ މީހަކަށް އެ މީހަކު ދީފައިވާ އެއްޗަކީ ހަދިޔާއެއް ކަމަށް ނުވަތަ އަނބުރާ ދޭންނުޖެހޭ ގޮތަށް ނުވަތަ ބަދަލެއް ދޭންނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއް ކަން ސާބިތުނުވާހާ ހިނދަކު، އެއީ އަނބުރާ ދޭންޖެހޭ ގޮތަށް ނުވަތަ މުގާބިލެއް އޮވެގެން ދީފައިވާ އެއްޗެއް." ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އަނގޮޓިއެއް

އަނގޮޓިއެއް

ފައިސާގެ ބަދަލުގައި އަގު ބޮޑެތި ހަދިޔާ ދިނުމަކީ ލޯބިވެރިންގެ މެދުގައި އާންމު ކަމެކެވެ. އެހެންވެ، އެފަދަ ތަކެތި ނުވަތަ އޭގެ އަގު ހޯދަން ވެސް ދައުވާ ކުރެވޭނެތޯ އެއް ބަޔަކު ސުވާލު އުފައްދަ އެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ހަދިޔާގެ ގޮތުން ދޭ އެފަދަ އެއްޗެހި ދިންކަން ސާބިތު ކުރަން އުނދަގޫ ވުމާއި މުދަލުގެ ބާވަތުން އެއީ ހަދިޔާއެއް ކަމަށް ބެލެވެން އޮންނާނެތީ އެވެ. އަދި އެފަދަ އެއްޗެއް ހޯދަން މިހާތަނަށް އެއްވެސް މައްސަލައެއްގައި ކޯޓަކަށް ނުދެ އެވެ.

"ގަޑި އަނގޮޓި އާއި މިފަދަ ތަކެތި ދީފައި ހުރިއްޔާ ބަލަން ޖެހޭ އޭގެ ތަބީއަތާއި ބާވަތަށް. އެއީ އާންމުކޮށް ހަދިޔާގެ ގޮތުގައި މީހުން ދީ އުޅޭ އެއްޗެހި ވީމަ."

"ގަޑި އަނގޮޓި އާއި މިފަދަ ތަކެތި ދީފައި ހުރިއްޔާ ބަލަން ޖެހޭ އޭގެ ތަބީއަތާއި ބާވަތަށް. އެއީ އާންމުކޮށް ހަދިޔާގެ ގޮތުގައި މީހުން ދީ އުޅޭ އެއްޗެހި ވީމަ." ވަކީލަކު ވިދާޅުވި އެވެ.

އަނބިމީހާ އަތުން ހޯދާ ފައިސާއަކީ ދަރަންޏަކަށް ވެދާނެ

ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ އިތުރަށް ކައިވެނިކޮށްގެން އުޅޭއިރު އަނބިމީހާ ލައްވައި ކުރުވާ ޚަރަދުތަކަށް ވެސް ފިރިމީހާ ޒިންމާ ކުރުވެ އެވެ. އެއީ ގާނޫނީ ގޮތުން އަނބިމީހާއަކީ ފިރިމީހާއަށް އެއްވެސް ޚަރަދެއް ކުރަންޖެހޭ މީހަކަށް ނުވާތީ އެވެ. އޭގެ ބަދަލުގައި އޮންނަނީ އަނބިމީހާގެ ޚަރަދުތައް ފިރިމީހާ ކުރަންޖެހޭ ގޮތަށެވެ. އެހެންވުމުން ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ ވެސް ބެލެވެނީ އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު ދަރަންޏެއްގެ ގޮތުގަ އެވެ.

"ފިރިމީހާއަށް އަނބިމީހާ ދީފައިވާ އެއްޗަކީ އަނބުރާ ދޭންނުޖެހޭ ގޮތަށް ދީފައިވާ އެއްޗެއްކަން ސާބިތުނުވާހާ ހިނދަކު، އަނބުރާ ދޭންޖެހޭ ގޮތަށް ދިން އެއްޗެއް." އެ ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް ފިރިމީހާ އަނބިމީހާއަށް ކުރާ ޚަރަދާ މެދު އޮންނަނީ އޭނާގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރި ޚަރަދެއްގެ ގޮތުގަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެއީ އަނބިމީހާއަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމަކަށް ވާތީ އެވެ.

ފިރިމީހާގެ އަމިއްލަ ބޭނުންތަކަށް އަނބިމީހާ ލައްވައި ކުރުވި ޚަރަދުތައް އެ ކައިވެނި ރޫޅުމުން އަނބުރާ ދައްކަން މީގެ ކުރިން ބައެއް ހުކުމް ކޮށްފައި އެބަހުއްޓެވެ. އަދި ކައިވެނި ޕާޓީ ބޭއްވުމަށާއި ހަނީމޫނަށް ދިއުމަށް އަނބިމީހާ ލައްވައި ފިރިމީހާ ކުރުވި ޚަރަދުތައް ވެސް އެއް މައްސަލާގައި އަނބުރާ ދައްކަން ޖެހުނެވެ. ކައިވެނި ރޫޅުމުން މުދަލާއި ފައިސާ ބަހާނެ ގޮތުގެ އެގްރިމެންޓެއް އޮތް ނަމަ، ކޯޓަށް ނުގޮސް އެކަންކަން ހައްލު ކުރެވޭނެ ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ.

"ރައްޔިތުން ހޭލުންތެރިވުން އޮތީ މިފަދަ ކަންކަމުގައި. ދެމަފިރިންގެ މުދަލާއި ފައިސާއަށް އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން އެގްރިމެންޓް ހަދާފައި ކޯޓުގައި ރަޖިސްޓްރީ ކުރެވެން އެބައޮތް. މިހާރު ކޮންމެވެސް ވަރަކަށް އެގްރިމެންޓް އެބަ ހަދާ." އެ ވަކީލް ވިދާޅުވި އެވެ.

ލޯބީގެ ނަމުގައި ލޯބިވެރިޔާ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށްފަހު ފައިސާ ނުދައްކާ އުޅޭ މީހުންނަށް މިހާރު ފުރުސަތެއް ނެތެވެ. އެ ފައިސާ އަނބުރާ ހޯދޭނެ އެވެ. އެކަމަކު އެ އެކަކު އަނެކަކަށް ހަދިޔާ ދިނުން ހުއްޓާލާކަށް ނުޖެހެ އެވެ. އަދި ޚާއްސަ މުނާސަބަތުތަކުގައި ލޯބިވެރިންގެ ފަރާތުން ލިބޭ އަގުހުރި ހަދިޔާތަކާ މެދު ވެސް ކަންބޮޑުވާކަށް ނުޖެހެ އެވެ.