Roadha Mihaaru
ވައިކަރަދޫން އަދިވެސް މަސް މަރުވަނީ

ވައިކަރަދޫން އަދިވެސް ގިނަ އަދަދަކަށް މަސް މަރުވަނީ

21 ޑިސެމްބަރ 2016

ގިނަ އަދަދެއްގެ މަސް މަރުވެގެން ހދ. ވައިކަރަދޫ ބަނދަރު ތެރެއަށް ލެއްގުމުން އެ މަސްތައް ނަގައި ބަނދަރު ސާފުކުރިތާ ދެ ދުވަސް ނުވެ، އަނެއްކާ ވެސް ގިނަ އަދަދެއްގެ މަސް މަރުވެގެން މައްޗަށް އަރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގިނަ އަދަދެއްގެ މަސް މަރުވެގެން ހދ. ވައިކަރަދޫ ބަނދަރު ތެރެއަށް ލެއްގުމުން އެ މަސްތައް ނަގައި ބަނދަރު ސާފުކުރިތާ ދެ ދުވަސް ނުވެ، އަނެއްކާ ވެސް ގިނަ އަދަދެއްގެ މަސް މަރުވެގެން މައްޗަށް އަރަން ފަށައިފި އެވެ.

މަރުވެގެން ފެންމައްޗަށް އަރާފައިވާ 20،000 އަށް ވުރެ ގިނަ މަސް މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެ ރަށުގެ ބަނދަރުގެ ތެރޭން ނެގި އެވެ. ކައުންސިލުން ބުނި ގޮތުގައި މަރުވެފައިވާ ގިނަ އަދަދެއްގެ މަސް ހޮނިހިރު ދުވަހު ނެގި އިރު، ޖެހިގެން އައި ދުވަހު، ބަނދަރުތެރެ އޮތީ މަރުވެފައިވާ މަހުން ކުނިވެފަ އެވެ.

އެ ހުރިހާ މަހެއް ނަގައި ބަނދަރުތެރެ ސާފު ކުރި ފަހުން އަނެއްކާ އިއްޔެ ވެސް، ދެ ހާހެއްހާ މަސް މަރުވެގެން ވަނީ މައްޗަށް އަރާފަ އެވެ.

"އެންމެ ފަހުން ވެސް އަޅުގަނޑުމެން ހަތަރު ލޮރީގެ މަސް ނަގައި، ވަޅުލިން. މިހާރު އަނެއްކާ ވެސް ފަޅުތެރެ ކުނިވަމުން މިދަނީ،" ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސް މަރުވާ މައްސަލަ މެރިން ރިސާޗް ސެންޓަރުގެ ސަމާލު ކަމަށް ގެނައި ނަމަވެސް، އެ މައްސަލަ އެ ތަނުން ދިރާސާ ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި ފޮނުވީ ވަކި ސުވާލުތަކެއް ހުރި ރިސާޗު ފޯމެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު މިއީ ހަމައެކަނި ފޯމަކުން ޖަވާބު ދީގެން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ކައުންސިލުން ވަނީ ފާޑު ކިޔާފަ އެވެ.

އާދަޔާ ހިލާފަށް މަސް މަރުވާ ސަބަބާ ގުޅޭ ގޮތުން ވައިކަރަދޫ ބައެއް މީހުން ލަފާކުރަނީ ފަޅުތެރެ ބެދި، އޮކްސިޖަން ލެވެލް ދަށްވުމެވެ.

ވައިކަރަދޫ ފަޅުތެރޭގައި މަރުވެފައިވާ މަސްތައް އެ ރަށުގެ ބަޔަކު ނަގަނީ: މިއީ ފަޅުތެރޭގެ އޮކްސިޖަން ލެވެލް ދަށްވެގެން ވީ ކަމެއް ކަމަށް މެރިން ރިސާޗު ސެންޓަރު ބުނޭ-- ފޮޓޯ/ އަހުމަދު ފާރިޝް

ވައިކަރަދޫ ފަޅުތެރޭގައި މަރުވެފައިވާ މަސްތައް އެ ރަށުގެ ބަޔަކު ނަގަނީ: މިއީ ފަޅުތެރޭގެ އޮކްސިޖަން ލެވެލް ދަށްވެގެން ވީ ކަމެއް ކަމަށް މެރިން ރިސާޗު ސެންޓަރު ބުނޭ-- ފޮޓޯ/ އަހުމަދު ފާރިޝް

މެރިން ރިސާޗު ސެންޓަރުން ވެސް ބުނަނީ އެ ރަށުގައި މަސް މަރުވަމުން ދަނީ ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގެ ބަނދަރު ހަދާފައި ހުންނަ ގޮތުން، ފަޅުތެރޭގައި އެންމެ ރަނގަޅަށް އޮއެ ނުދެމޭ ކަމަށެވެ. އަދި ވައިކަރަދޫ ފަޅުތެރޭގައި ވެސް އެ ވަގުތު އޮއި ދެމުން ކުޑަވެ، އޮކްސިޖަން ނުލިބިގެން މަސްތައް މަރުވީ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި އެވެ.

ވައިކަރަދޫ ކައުންސިލުން ބުނި ގޮތުގައި 1،200 އަކަފޫޓު ދިގު އަދި 250 ފޫޓު ފުޅާ އެ ރަށު ބަނދަރުން ފެން ދައުރުވާން އޮންނަނީ ހަމައެކަނި 50 ފޫޓުގެ ނެރެވެ. އަދި އޮއެވަރު ހުންނަ ގޮތުން، ބަނދަރު ތެރޭގައި ބައެއް ދުވަސް ދުވަހު ފެން ދައުރު ނުވާ ކަމަށް އެ ތަނުން ބުންޏެވެ.

"މަސްތައް މިހާރު މަރުވަމުން އެ ދަނީ ވެސް ބަނދަރުތެރެ ކުނިވެގެން. އެންމެ ތަނަކުން ފެން ދައުރުވާ އިރު މިތަން ހީވާނީ މަސްޓޭންކެއް ހެން،" އިބްރާހިމް ވިދާޅުވި އެވެ.

މެރިން ރިސާޗު ސެންޓަރުން ބުނީ މިގޮތަށް މަސް މަރުވުމަކީ އާއްމުކޮށް ދިމާވާ ކަމެއް ނޫން ކަމަށާއި މި ފަދަ ކަމެއް ދިމާވުމުން ރައްކާތެރިވުމަށް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ވެސް ނެތް ކަމަށެވެ.

"އެންމެ ރަނގަޅު ވާނީ ބަނދަރު ހަދާއިރު ވީހާ ވެސް ބޮޑަކަށް ފެން ދައުރުވާ ގޮތަކަށް މިކަން ކުރިއްޔާ،" އޮފިޝަލް ވިދާޅުވި އެވެ.

ވައިކަރަދޫ ފަޅުތެރޭގައި މަރުވެފައި ހުރި ބައެއް މަސްތައް އެ ރަށުގެ ބައެއް މީހުން ނަގައިގެން ބޭނުން ކުރި އެވެ.

މެރިން ރިސާޗު ސެންޓަރުން ބުނީ އެ ރަށުގައި މަސް މަރުވާކަން އެ އިދާރާގެ ސަމާލު ކަމަށް އައީ ހޮނިހިރު ދުވަހުގެ ރޭ ކަމަށާއި އެ މަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އަނެއް ދުވަހު ހެނދުނު އެ ރަށު ކައުންސިލަށް އެންގި ކަމަށެވެ.

ރާއްޖޭގެ އެހެން ބައެއް ރަށްރަށުގެ ފަޅުތެރޭގައި ވެސް މިގޮތަށް މީގެ ކުރިން މަސް މަރުވެފައި ވެ އެވެ. އަދި ފަޅުފުން ނުކޮށް ހުންނަ މޫދުގެ ސަރަހައްދުގައި ވެސް މި ގޮތަށް މަސް މަރުވެފައި ވެ އެވެ.

އޮފިޝަލް ވިދާޅުވީ މޫދުގައި މިގޮތަށް އެންމެ ގިނައިން މަސް މަރުވި ކަމަށް މި ފަހުން ރިޕޯޓު ކޮށްފައިވަނީ 2007 ވަނަ އަހަރު ކަމަށާއި އެއީ މަހަށް ޖެހުނު އިންފެކްޝަނެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ.