Roadha Mihaaru
ހަލަބުން ޓްވީޓްކުރި ކުއްޖާ އަށް ތުރުކީން ގެ ދެނީ

ހަލަބުން ޓްވީޓްކުރި ކުއްޖާ އަށް ތުރުކީން ހިޔާވަހިކަން ދެނީ

21 ޑިސެމްބަރ 2016

އަންކާރާ (ޑިސެމްބަރު 21) - ހަލަބުން ޓްވީޓް ކުރަމުންދިޔަ ހަތް އަހަރުގެ އަންހެން ކުއްޖާ، ބަނާ އަލް އާބިދަށް ހިޔާވަހިކަން ދޭން ބޭނުންވާ ކަމަށް ތުރުކީން ހާމަކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (ޑިސެމްބަރު 21) - ހަލަބުން ޓްވީޓް ކުރަމުންދިޔަ ހަތް އަހަރުގެ އަންހެން ކުއްޖާ، ބަނާ އަލް އާބިދަށް ހިޔާވަހިކަން ދޭން ބޭނުންވާ ކަމަށް ތުރުކީން ހާމަކޮށްފި އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ވިދާޅުވީ ހަލަބުގެ ހަނގުރާމަވެރި ހާލަތު މުޅި ދުނިޔެ އަށް ބަޔާންކޮށްދިން ކުޑަ ކުއްޖާ އާއި އެ ކުއްޖާގެ އާއިލާ ތުރުކީ އަށް ގެނައުމަށް ވިސްނަމުންދާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބަނާގެ މަންމަ ފާތިމާ ވަނީ އެ މީހުން ހަލަބުން ނެރެދިނުމަށް އެދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ޚާރިޖީ ވަޒީރު ކަވުސޮގްލޫ އަށް ޓްވީޓް ކޮށްފަ އެވެ. ތުރުކީން ވަނީ ހަލަބުން މީހުން ނެރުމާއި ހަނގުރާމަ ހުއްޓާލުމަށް މަގުފަހި ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ބަނާ އާއި އޭނަގެ އާއިލާ ހޯމަ ދުވަހު ވަނީ ހަލަބުން ނެރެފަ އެވެ.

ހަލަބުން ޓްވީޓް ކުރާ ކުޑަ އަންހެން ކުއްޖާ ތުރުކީގެ އެންޖީއޯއެއްގެ މެންބަރަކާ އެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ކުޑަ އަންހެން ކުއްޖާ ތުރުކީގެ އެންޖީއޯއެއްގެ މެންބަރަކާ އެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ:އޭއެފްޕީ

ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީގެ ރައީސް ބުނީ ހަލަބުން ރައްކާތެރިކަމާ އެކު ބަނާ ނެރެފައިވާ ކަމަށެވެ. އެ ޖަމާއަތުގެ ރިލީފް ކޯޑިނޭޓަރު ބުނީ ބަނާ އާއި އޭނާގެ އާއިލާ މިހާރު ތިބީ ރައްކާތެރި ތަނެއްގައި ކަމަށެވެ.

ބަނާގެ އާއިލާގައި އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ފަސް އަހަރާއި ތިން އަހަރުގެ ފިރިހެން ދެ ކޮއްކޮ ތިބެ އެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އޭނާގެ ކޮއްކޮމެންނާ އެކު. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ބަނާ އޭނާގެ ކޮއްކޮމެންނާ އެކު. --ފޮޓޯ:އޭއެފްޕީ

ހަލަބުން ނުކުތުމަށް ފަހު ބަނާގެ މަންމަ ފާތިމާ ވަނީ އެ ސިޓީ ދޫކޮށްދާން ޖެހުމުން ހިތާމަކުރާ ކަމަށް ބުނެފަ އެވެ. އަދި ބަހުގައި ހޭދަ ކުރަން ޖެހުނު 24 ގަަޑިއިރުގެ ހިތްދަތިކަން ވަނީ ހިއްސާކޮށްފަ އެވެ. ފާތިމާ ބުނީ ކާނެ އަދި ބޯނެ އެއްޗެއް ނެތި ހޭދަކުރަން ޖެހުނު ވަގުތަކީ "ޖަލެއްގައި" ހޭދަ ކުރުން ފަދަ ކަމެއް ކަމަށެވެ. އެކަމަކު އެ މީހުން ސަލާމަތްވުމުން މާތް ﷲ އާއި އެކަމުގައި އެހީތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ޓްވިޓާ އިން ބަނާ ފޮލޯކުރާ ތިން ލައްކައެއްހާ މީހުންނަށް އެ ކުއްޖާ ވަނީ ދިރިއުޅެން ޖެހޭ ބިރުވެރި ހާލަތު ސިފަކޮށްދީފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އެ ކުއްޖާގެ މަންމަ ފާތިމާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަލަބުގެ ހާލަތު ބަޔާންކޮށްދީފަ އެވެ.

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ހަލާކުވެފައިވާ އިމާރާތަކަށް ބަލަހައްޓައިގެން. --ފޮޓޯ:އޭއެފްޕީ

ހަލަބުން ޓްވީޓް ކުރާ ހަތް އަހަރުގެ އަންހެން ކުއްޖާ ހަލާކުވެފައިވާ އިމާރާތަކަށް ބަލަހައްޓައިގެން. --ފޮޓޯ:އޭއެފްޕީ

ބަނާ އާއި އޭނާގެ މަންމަ ފާތިމާ ކޮންމެ ދުވަހަކު ކުރާ ޓްވީޓްތަކަށް ސީރިއާ ސަރުކާރުން ވަނީ ފާޑު ކިޔައިފަ އެވެ. އަދި އެއީ ޕްރޮޕެގެންޑާ ކަމަށް ވަނީ ބުނެފަ އެވެ. ބީބީސީއާ ވާހަކަ ދައްކަމުން ބަނާގެ މަންމަ އޮކްޓޯބަރު މަހު ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބޭނުން ވަނީ ދުނިޔެ އިން އެ މީހުންގެ އަޑު އަހަން ކަމަށެވެ.

ސުންނާފަތިވެފައިވާ ހަލަބުގެ ފޮޓޯތައް ބަނާ ޓްވީޓް ކުރަން ފެށުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ކުއްޖާ އަށް ތާއީދުކޮށް މެސެޖް ފޮނުވައިފަ އެވެ. ބަނާ ޓްވީޓް ކުރުން މަދުވެއްޖެ އޭނާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުނެ ގިނަ ބަޔަކު މެސެޖް ކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ. ބަނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާ ދުނިޔޭގެ އެހީއަށް އެދިފަ އެވެ. ބަނާގެ އާއިލާ ދިރިއުޅުނީ ހަނގުރާމަ އެންމެ ބޮޑަށް ހިނގި ހަލަބުގެ އިރުމަތީގެ ސަރަހައްދެއްގަ އެވެ.