Roadha Mihaaru
ހެވީލޯޑުގެ ލޯނުގެ ރަހުނު އަގުކުރަން އަމުރެއް ނުދިން

ހެވީލޯޑުގެ ލޯނަށް ރަހުނުކުރި ރަށްތައް އަގުކުރަން މިނިވަން ފަރާތެއް ހޯދަން އަމުރެއް ނުދިން

16 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑް މޯލްޑިވްސްއިން ނެގި ލޯނެއްގެ މައްސަލާގައި ރަހުނު ކޮށްފައިވާ ރަށްތައް ވިއްކާލުމުގެ ކުރިން މިނިވަން ފަރާތެއްގެ ވެލުއޭޝަން ހެދުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑް މޯލްޑިވްސްއިން ނެގި ލޯނެއްގެ މައްސަލާގައި ރަހުނު ކޮށްފައިވާ ރަށްތައް ވިއްކާލުމުގެ ކުރިން މިނިވަން ފަރާތެއްގެ ވެލުއޭޝަން ހެދުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މޫސަ އާއި އޭނާގެ އާއިލީ ބޭފުޅުންތަކެއް ޔަގީންކަން ދީގެން ހެވީ ލޯޑަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި 11 މިލިއަން ޑޮލަރުގެ ލޯނު ނުދައްކާތީ އެ ލޯނަށް ރަހުނު ކޮށްފައިވާ ލ. ފަރެސްގައި ހަދަމުންދާ ރިސޯޓާއި ލ. ބޮޑުހުރާގެ އިތުރުން ލ. ކުޑަފަރެސްގެ ހެޑް ލީސް ހައްގުތައް ވިއްކާލުމުގެ ހުއްދައަށް ބޭންކުން 2020 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެތަންތަން ވިއްކާލައިގެން ލިބޭނެ މިންވަރު ދެނެގަތުމަށްޓަކައި ވެލުއޭޝަނެއް ހަދަން މިދިޔަ އަހަރު ކޯޓުން އެންގުމުން ބޭންކުން އެސެސްމަންޓް ރިޕޯޓެއް ހުށަހެޅި އެވެ.

ބޭންކުން ހުށަހެޅި އެސެސްމަންޓް ރިޕޯޓަށް ދެކޮޅުހަދައި، ހެވީ ލޯޑުން އެދުނީ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ވެލުއޭޝަން ހެދުމުގެ ވަގުތީ އަމުރަކަށެވެ. ހެވީ ލޯޑުން ކޯޓުގައި ބުނެފައިވަނީ ބޭންކްގެ ފަރާތުން ވެލުއޭޝަން ހެދީ ރަހުނު ކޮށްފައިވާ ރަށްރަށަށް ބޭންކުގެ މުވައްޒަފުން ދިއުމެއް ނެތި ކަމަށެވެ. އަދި ވެލުއޭޝަން އެސެސްމަންޓް ހެދީ އެކަމުގެ ގާބިލްކަން ތިބި މުވައްޒަފުން ނޫން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހެވީ ލޯޑުން ބުނާގޮތުން އެ ރަށްތަކުގެ ވެލުއޭޝަން އެސެސްމަންޓް ހެދިއިރު އެތަންތަނަށް އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ބޭންކުން ބަލާފައެއް ނުވެ އެވެ. އަދި އެ ތިން ރަށުގެ އަގުގެ ގޮތުގައި 60 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދައުލަތުން ކަނޑައަޅާފައި އޮތްއިރު ބޭންކުގެ އެސެސްމަންޓްގައި އެކަމަށް ބަލާފައި ނުވާ ކަމަށާއި އަދި މާ ކުޑަ އަގެއްގައި ބޭންކުން އެތަންތަން ވިއްކާލައިފި ނަމަ އެ ކުންފުނިން ކުރި ޚަރަދު ނުލިބި އަދި ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ހެވީ ލޯޑުން އެދުނީ ބޭންކްގެ އެސެސްމަންޓަށް ބަރޯސާވުމުގެ ބަދަލުގައި ދެ ފަރާތުން ގަބޫލުކުރާ މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެ ރަށްތަކުގެ ވެލުއޭޝަނެއް ހެދުމަށް ބޭންކްގެ މައްޗަށް ވަގުތީ އަމުރެއް ނެރުމަށެވެ. އެކަމަކު ސިވިލް ކޯޓުން އިއްޔެ ނިންމުމުގައިވަނީ ހެވީ ލޯޑުން އެދޭ އެދުމަކީ ވަގުތީ އަމުރަކުން ފަރުވާ ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ހެވީލޯޑުން އެދުނު ފަދަ އަމުރެއް ނެރެދޭން ނުޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.