Roadha Mihaaru

ހެވީލޯޑްގެ ރަށްތައް ވިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި

ލޯނެއް ނުދެއްކުމުން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

24 ނޮވެމްބަރ 2024

ލޯނެއް ނުދެއްކުމުން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދިން 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.

އެ ހުއްދައާ އެއްގޮތަށް ބީއެމްއެލްއިން މިދިޔަ މަހު ވަނީ އެ ތިން ރަށް ވިއްކާލަން އިއުލާންކޮށްފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ ހެވީ ލޯޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލައާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމަންދެން އެ ހުއްދައަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.

ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.

ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް މި ރިސޯޓުން ލިބޭނެ އެވެ.