Roadha Mihaaru
ތެލުގެ ސާޗާޖު ދެ ގުނައަށް ވުރެ ބޮޑުކޮށްފި

ތެލުގެ ސާޗާޖު ދެ ގުނަ އަށް ވުރެ ބޮޑުކޮށްފި

21 ޑިސެމްބަރ 2016

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ދެ ގުނަ ބޮޑުކުރުމުން ކަރަންޓުގެ އަގު އަނެއްކާވެސް މައްޗަށް ހިނގައްޖެ އެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި ފިއުލް ސާޗާޖު ބޮޑުކުރި ދެވަނަ ފަހަރެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާ މިންވަރު ދެ ގުނަ ބޮޑުކުރުމުން ކަރަންޓުގެ އަގު އަނެއްކާވެސް މައްޗަށް ހިނގައްޖެ އެވެ. މިއީ އެއް މަސް ދުވަހުގެ ތެރޭގައި ފިއުލް ސާޗާޖު ބޮޑުކުރި ދެވަނަ ފަހަރެވެ.

ސަރުކާރުން ކަރަންޓުގެ އަގަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނައި ފަހުން، މިއީ ތެލުގެ ސާޗާޖު ކަރަންޓް ބިލުގައި ހިމަނާ ތިން ވަނަ ފަހަރެވެ. އެ ކުންފުނިން މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން ތެލުގެ ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް ނަގަމުން އައީ ހަތަރު ލާރި އެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުން ފެށިގެން ވަނީ ޔުނިޓަކަށް ނަގާ މިންވަރު 12 ލާރިއަށް ބޮޑުކޮށްފަ އެވެ.

ސަރުކާރުގެ ކަރަންޓް ކުންފުނީގެ ވެބްސައިޓްގައިވާ ގޮތުން މި މަހުގެ ނުވަ ދުވަހުގެ ފަހުން ތައްޔާރުކުރާ ބިލްތަކަށް، ތެލުގެ ސާޗާޖުގެ ގޮތުގައި ނަގާނީ ޔުނިޓަކަށް 27 ލާރި އެވެ. އެ ކުންފުންޏަށް މިހާރު ޑީސަލް ލީޓަރެއް ގަންނަން ލިބެނީ 8.91ރ. އަށެވެ.

މި އުސޫލުން ފިއުލް ސާޗާޖް ނަގާ ނަމަ، މިހާރު 1،000ރ. އަރާ ބިލަކަށް 200ރ. އިތުރުވާނެ އެވެ.

ސްޓެލްކޯއަށް މި އަހަރުގެ ފެބްރުއަރީ މަހު ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 7.05ރ. އަށެވެ. އެކަމަކު އެޕްރީލް މަހު މި އަގު ވަނީ 7.50ރ. އަށް ބޮޑުވެފަ އެވެ. އަދި އޭގެ ފަހުން ޖޫން މަހު ތެޔޮ ލީޓަރެއްގެ އަގު 7.97ރ. އަށް ބޮޑުވި އެވެ.

އެ ކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ވަނީ ދީފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކުރި އެވެ. އަދި އެއާ އެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ހެޔޮ ބަދަލެއް ގެނެސްފައެއް ނުވެ އެވެ.