Roadha Mihaaru
ސްޓެލްކޯ އިން ފިއުލް ސާޗާޖު ބޮޑުނުކުރަން ނިންމައިފި

ތެލުގެ އަގު ބޮޑުވި ނަމަވެސް ސްޓެލްކޯއިން ފިއުލް ސާޗާޖު ބޮޑު ނުކުރަން ނިންމައިފި

02 އޮކްޓޯބަރ 2017

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރި ނަމަވެސް ފިއުލް ސާޗާޖު މިވަގުތު ބޮޑުނުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރި ނަމަވެސް ފިއުލް ސާޗާޖު މިވަގުތު ބޮޑުނުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ މައި ކުންފުނީގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް މިވަގުތު ކަރަންޓުގެ އަގު ބޮޑުނުކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވާފައިވާ ކަމަށެވެ.

"ރައީސް ވަނީ ކަރަންޓުގެ އަގު މި ވަގުތު ބޮޑުނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި. ރައީސް ބޭނުންފުޅެއް ނުވޭ ރައްޔިތުންނަށް މިވަގުތު އިތުރު ބުރައެއް ޖައްސާކަށް. އެހެންވެ މި ކުންފުނިން ދޭ ކަރަންޓުގެ އަގު ބޮޑު ނުކުރަން ވަނީ ނިންމާފައި،" ޒުހޫރު ވިދާޅުވި އެވެ.

ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް ޑީސަލް ގަންނަން ލިބޭ އަގު ލީޓަރެއް 8ރ. އަށް ވުރެ ބޮޑުވާ ނަމަ އިތުރުވާ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގޭ ގޮތަށް އެނާޖީ އޮތޯރިޓީން ހުއްދަ ދީފައިވެ އެވެ.

ސްޓެލްކޯ އަށާއި ފެނަކަ އަށް ޑީސަލް ސަޕްލައިކުރާ އެސްޓީއޯ އިން މިއަދުން ފެށިގެން ވަނީ ޑީސަލް ލީޓަރެއް ވިއްކާ އަގު 9.17ރ. އަށް ބޮޑުކޮށްފަ އެވެ.

ސްޓެލްކޯ އިން މިދިޔަ ޖުލައި 1 ވަނަ ދުވަހާ ހަމަޔަށް ފިއުލް ސާޗާޖުގެ ގޮތުގައި ޔުނިޓަކަށް 35 ލާރި ނަގާފައިވެ އެވެ. އޭގެ ފަހުން ފިއުލް ސާޗާޖު ސްޓެލްކޯ އާއި ފެނަކަ އިން ނަގަމުންނެއް ނުދެ އެވެ. ސަބަބަކީ ޖޫން މަހު ތެލުގެ ޑިއުޓީ ފަސް ޕަސެންޓަށް ސަރުކާރުން ކުޑަކުރުމެވެ.

ސްޓެލްކޯ އިން ފިއުލް ސާޗާޖު މި ވަގުތު ނުނަގަން ނިންމި ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާ ގޮތެއް އަދި ސާފެއްނުވެ އެވެ.