Roadha Mihaaru
މިދިޔަ މަހު 66 މެގަވޮޓް މާލޭގައި ބޭނުން ކުރި

މިދިޔަ މަހު 66 މެގަވޮޓްގެ ކަރަންޓް މާލޭގައި ބޭނުން ކުރި: ސްޓެލްކޯ

11 ޖޫން 2019

މިދިޔަ މަހުގެ ތެރޭގައި 66 މެގަ ވޮޓާ ހަމަޔަށް މާލޭގައި ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހުގެ ތެރޭގައި 66 މެގަ ވޮޓާ ހަމަޔަށް މާލޭގައި ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ، އާންމު ގޮތެއްގައި ވެސް އެންމެ ގިނަ ބަޔަކު ކަރަންޓް ބޭނުން ކުރަނީ އަހަރުގެ ކުރީކޮޅު ކަމަށެވެ. އެގޮތުން މާޗް، އޭޕްރީލް އަދި މެއި ކަރަންޓް ބޭނުން ކުރާ މިންވަރު ވަރަށް ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ބޭނުން ކުރިއިރު އެރީ 59 މެގަވޮޓަށެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ މި ވަގުތު މާލޭގައި ހުރީ 68 މެގަ ވޮޓަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މާލޭގައި އެއް އަހަރުން އަނެއް އަހަރަށް ކަރަންޓް ބޭނުން ކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ފުޅާ ކުރުމައްޓަކާއި ހުޅުމާލޭގައި ސްޓެލްކޯގެ ބޮޑު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ އިރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، ކަރަންޓްގެ އަގު މިހާރަށް ވުރެ ކުޑަކުރެވޭނީ އިޔާދަކުރެވެނި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

"ވަރަށް އަވަހަށް ރިނިއުއަބަލް އެނާޖީގެ ވަރަށް ފުރިހަމަ ސާވިސް ސެންޓަރެއް ސްޓެލްކޯގައި ހުޅުވާނަން. ގިނަ ރަށްރަށަކަށް ހިދުމަތް ފުޅާ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ބިލަށް އަރަމުންދާ މިންވަރު އޮންލައިންކޮށް ބަލައިލެވޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ވަގުތަކު ވެސް ކަސްޓަމަރުންނަށް ބިލަށް އެރި ވަރު ބަލައިލެވޭނެ،" މުގުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ވަކި ވަރަކަށް ވުރެ ކަރަންޓް ބިލް ބޮޑުވެއްޖެ ނަމަ ވެސް އެކަން ކަސްޓަމަރަށް އެލާޓް ކޮށްދޭނެ ކަމަށެވެ.

ރައްޔިތުންނަށް ކަރަންޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް އެއް ބިލިއަން ރުފިޔާ އަންނަނީ ހަރަދު ކުރަމުންނެވެ.