Roadha Mihaaru
ޗެއާޕާސަންގެ އިންތިހާބު: 94،000 މީހަކަށް ވޯޓުލެވޭ

އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި 94،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭ

17 މާޗް 2022

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،214 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓާސް ލިސްޓު އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،214 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ވޯޓާސް ލިސްޓު އާއްމުކޮށްފި އެވެ.

އެ ޕާޓީގެ އިދާރީ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވުމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ދިނީ ކެންޑިޑޭޓުން ކުރިމަތިލުމުގެ މުއްދަތު ހަމަވުމާ ހަމައަށް ޕާޓީގައި ތިބި މެމްބަރުންނަށެވެ. މި އިންތިހާބު އައިއިރު ވެސް އެ ޕާޓީގައި 93،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ދާއިރާތަކުގެ އިންތިހާބަށް ޕާޓީއާ ގުޅުނު މެމްބަރުންނާ އެކުގަ އެވެ.

އެމްޑީޕީގެ ދަފްތަރުގައި 94،000 އަށް ވުރެ ގިނަ މީހުން ތިއްބަސް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ވެފައިވާ ދަފްތަރުގައި ތިބީ 54،782 މީހުންނެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ ވާދަވެރި އިންތިހާބު މިހާރު ވަނީ މޭ 14 އަށް ފަސްކޮށްފަ އެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިންތިހާބުގެ ކެމްޕޭން އެކި ރަށްތަކުގައި ކުރިއަށް ގެންދާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޗެއާޕާސަނަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް، ހިންގައި ބެލެހެއްޓުމުގެ ޒިންމާ އަދާކުރައްވާ ޕާޓީގެ އެންމެ އިސް ފަރާތެވެ. އެމްޑީޕީގެ އެންމެ އިސް ގުނަންތައް ކަމަށްވާ ކޮންގްރެސް އާއި ގައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ވެސް ޗެއާޕާސަނެވެ.

ޕާޓީގެ އިންތިހާބުތައް ރާވައި އިންތިޒާމްކުރުމާއި ދާއިރާތަކުގެ އިންތިހާބާއި އިދާރީ ކަންކަމާއި ޕާޓީގެ އުސޫލުތަކަށް ރައްކާތެރިވެ، މެމްބަރުންގެ ތެރޭގައި ޑިމޮކްރަސީގެ މިންގަނޑުތަކާއި ބައިވެރިވުމާއި ހަމަހަމަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވުމަކީ ވެސް ޗެއާޕާސަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް އެންމެ ފަހުން ފުރުއްވީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.