Roadha Mihaaru
ދެ ޕާޓީއަކަށް ފައިސާ ދޫކުރަން ފިނޭންސް އަށް ފޮނުވައިފި

ދެ ޕާޓީއަކަށް ފައިސާ ދޫކުރަން ފިނޭންސް އަށް ފޮނުވައިފި

18 މާޗް 2022

ރިޕޯޓުތައް ހުށަހަޅާފައިވާތީ ދެ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޕޯޓުތައް ހުށަހަޅާފައިވާތީ ދެ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައިސް އިސްމާއިލް ހަބީބު ވިދާޅުވީ 10،000 މެމްބަރުންނަށް ވުރެ ގިނައިން ތިބި ހަތަރު ޕާޓީގެ ތެރެއިން، އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ކަމަށެވެ.

އެ ދެ ޕާޓީއަށް ފައިސާ ދޫކުރަން މިދިޔަ ހަފްތާގައި އަންގާފައިވެ އެވެ.

ހަބީބު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ރިޕޯޓުތައް ހުށަހެޅުމުން އެ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކަންކަން ފަށާނެ ކަމަށެވެ.

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅަންޖެހޭނެ އެވެ.

ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު

އެމްޑީޕީ: 15 މިލިއަން ރުފިޔާ

ޕީޕީއެމް: 9.4 މިލިއަން ރުފިޔާ

ޖޭޕީ: 5.5 މިލިއަން ރުފިޔާ

އަދާލަތު: 2.9 މިލިއަން ރުފިޔާ

ގާނޫނުގައި އޮންނަނީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރުމަށެވެ. މި ފައިސާ ދޫކުރަން ޖެހެނީ 10,000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އޮތަސް މި އަދަދަށް މެމްބަރުން ހަމަވެފައިވަނީ ހަތަރު ޕާޓީއެކެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް 32.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި ފައިސާ އަންނަ އެޕްރީލް 31 ގެ ކުރިން ދޫކުރަން ޖެހެ އެވެ.