Roadha Mihaaru
ޓީސީ ކައިރިން ވެސް ޔޫވީ ފުއްދާލީ ޕޮއިންޓަކުން

ޓީސީ ކައިރިން ވެސް ޔޫވީ ފުއްދާލީ ޕޮއިންޓަކުން

18 މާޗް 2022

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޔުނައިޓެޑް ވިކްޓަރީ ޕޮއިންޓަކުން ފުއްދައިލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޔުނައިޓެޑް ވިކްޓަރީ ޕޮއިންޓަކުން ފުއްދައިލައިފި އެވެ.

މިދިޔަ ހަފުތާގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާދެކޮޅަށް ކުޅުނު މެޗުގައި ވެސް ޔޫވީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން އެ މެޗުން މޮޅު ނުވެވުމުން ގަދަ ހަތަރެއްްގެ ތެރެއިން ޔޫވީ އަށް ފުރުސަތު ގެއްލުނެވެ. ހަތަރުވަނަ މަގާމުގައި މިހާރު އޮތީ ޓީސީ އެވެ. އެޓީމުން ގަދަ ހަތަރެއްގެ ތެރެއަށް ވަނީ މިދިޔަ ހަފުތާގައި ދަ ގްރާންޑޭ ބަލި ކުރުމަށްފަހު އެވެ.

މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ޓީސީން ލީގުގެ ފުރަތަމަ ބުރު ނިންމާލީ 10 ޕޮއިންޓް ހޯދައިގެންނެވެ. ޔޫވީ ފަސްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ޓީސީންނެވެ. އެޓީމުގެ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ޖެހީ ހަމްދޫން އަބްދުލް ލަތީފް އެވެ. ޓީސީން ޔޫވީގެ އޭރިއާގެ ތެރެއަށް ނެގި ހުރަސް ޔުވީގެ ޑިފެންޑަރުން ދީފާއު ކުރުމުން އޭރިއާ ބޭރަށް ނުކުތެވެ. އޭރިއާގެ ބޭރަށް ނުކުތް ބޯޅަ ހަމްދޫން ވަނީ ކުޅުންތެރިންގެ ތެރެއިން ބޯޅަ ފޮނުވާލައި ޔޫވީގެ ކީޕަރު އަހްމަދު އަނަފް ޒަރިއަންދުގެ ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލާފަ އެވެ.

ޔޫވީން އުފެއްދި ހަމަލާއެއް ދިފާއު ކުރަން ޓީސީގެ ކީޕަރު ސުޖަން މަސައްކަތް ކުރަނީ: ފުރަތަމަ ބުރުން ޓީސީ އަށް ހޯދުނީ 10 ޕޮއިންޓް --- ފޮޓޯ: އެފްއޭއެމް

ޔޫވީން އުފެއްދި ހަމަލާއެއް ދިފާއު ކުރަން ޓީސީގެ ކީޕަރު ސުޖަން މަސައްކަތް ކުރަނީ: ފުރަތަމަ ބުރުން ޓީސީ އަށް ހޯދުނީ 10 ޕޮއިންޓް --- ފޮޓޯ: އެފްއޭއެމް

ޓީސީ އަށް ލީޑްގައި އޮވެވުނީ 10 މިނެޓެއްހާއިރު އެވެ. ޔޫވީގެ އީވާން ވެރަސް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ 21 ވަނަ މިނެޓްގަ އެވެ. ޔޫވީގެ ކެޕްޓަން އަލީ ހަމްދާން އޭރިއާގެ ކަނާ ދިމާލުން ބޯޅަ ހިފައިގެން އަރައި އޭނާ ބޯޅަ ހުރަސްކކޮށްދިނީ އީވާން އޭރިއާގެ ތެރޭގައި ހުރުމުންނެވެ. ހަމްދާން ދިން ބޯޅަ އެއްފަހަރު ޖަހައި އީވާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ހައިޝަމް (ޗުމްޕް) ވަނީ ޔޫވީ އަށް ލީޑް ނަގައިދީފަ އެވެ. ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން ޔޫވީ އަށް ލިބުނު ހިލޭ ޖެހުން އަނަޓޮލީ ވްލަސިޗޭވް އޭރިއާ ތެރެއިން ނަގައިދިނުމުން އެބޯޅައިގައި ބޮލުން ޖެހީ ޔޫވީގެ ޖަޕާން މިޑްފީލްޑަރު އެއިސުކޭ މޮހްރީ އެވެ. އޭނާ ބޮލުން ގޯލް ކުރިމައްޗަށް ނަގައިދިނުމުން ހައިޝަމް ވަނީ އެބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

ޓީސީ އާއި ޔޫވީ މިއަދު ކުޅުނު މެޗުގެ ތެރެއިން: ފުރަތަމަ ބުރުގެ ފަހު ތިން މެޗުން ވެސް ޔޫވީ އަށް މޮޅެއް ނުވެވުނު --- ފޮޓޯ: އެފްއޭއެމް

ޓީސީ އާއި ޔޫވީ މިއަދު ކުޅުނު މެޗުގެ ތެރެއިން: ފުރަތަމަ ބުރުގެ ފަހު ތިން މެޗުން ވެސް ޔޫވީ އަށް މޮޅެއް ނުވެވުނު --- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގެ ކުރީކޮޅު ޒަޔާން ނަސީރު ވަނީ ޓީސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޓީސީގެ ހާފުގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ލިން ލޯންގް ޕާސް ލިބުނީ ޔޫވީގެ އޭރިއާގެ ބޭރުން އުމަރު ސަލާހް އަށެވެ. އޭނާ ބޯޅަ ދިނީ ޒަޔާން ނަސީރު އޭރިއާގެ ތެރޭގައި ހުރުމުންނެވެ. ޒަޔާން ވަނީ ކީޕަރު އަނަފް ބޯޅަ އަށް ނުކުމެ ނުކުމެ އޮއްވައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

ނަތީޖާ އަށް ބަދަލު އައީ މެޗުގެ ފަހު 10 މިނެޓްގައި މެޗުގެ 80 ވަނަ މިނެޓްގައި މިސްރުގެ ފޯވާޑް އުމަރު ސަލާހް ޓީސީ އަށް ލީޑް ނަގައިދިނެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން ޔޫވީގެ އީވާން ލަނޑު ޖަހައި ނަތީޖާ އެއްވަރު ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އީވާން އެވެ.