Roadha Mihaaru
ޔޫވީ މެޗުގެ މުހިންމުކަން ބޮޑު: ނިޒާމްބެ

ޔޫވީ މެޗަކީ މި ސީޒަންގައި ޓީސީ ނުކުންނަ އެންމެ މުހިންމު މެޗު: ނިޒާމްބެ

03 އެޕްރީލް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓަޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ޓީސީ ސްޕޯޓްސް ނުކުންނައިރު، މި މެޗަކީ މި ސީޒަންގައި މިހާތަނަށް ޓީސީ ނުކުންނަ އެންމެ މުހިންމު މެޗު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓަޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ޓީސީ ސްޕޯޓްސް ނުކުންނައިރު، މި މެޗަކީ މި ސީޒަންގައި މިހާތަނަށް ޓީސީ ނުކުންނަ އެންމެ މުހިންމު މެޗު ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޓީސީ މި ވަގުތު އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގަ އެވެ. ތާވަލްގެ ފުލުގައި ތިން ޕޮއިންޓާއެކު ޔުނައިޓަޑް ވިކްޓަރީ އޮތްއިރު، އެ ޓީމަށް އަދި މި ސީޒަންގައި މޮޅެއް ނުލިބެ އެވެ.

ޓީސީގެ ކޯޗުކަމާ ނިޒާމްބެ މި ސީޒަންގައި ހަވާލުވި ފަހުން، ޓީސީ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްސް އަތުން ޓީސީ ބަލިވީ 1-0 އިންނެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ލީގު ތާވަލްގައި ޓީސީ މިހާރު އޮތް ހިސާބުން ކުރިއަށް ޖެހިލުމަށް، މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމުކަމަށެވެ.

"ޓީސީ އަށް މި މެޗުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު،" ޓީސީ އަށް 2018 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްދިން ނިޒާމްބެ ބުންޏެވެ. "މިހާރު އޮތް ހިސާބުން އަރައިގަންނަން މި މެޗުން މޮޅުވުން ކޮންމެހެން ވެސް މަޖުބޫރު. އެހެންވީމަ ޓީސީން މި މެޗަށް ނުކުންނާނީ ވީ އެންމެ ރަނގަޅަށް ތައްޔާރުވެގެން."

ނިޒާމްބެ ބުނީ ޓީސީ އަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުން ކަމަށެވެ. އެކަމަކު މި މެޗުގައި އެކަން ބަދަލުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ސްކޯ ނުކުރެވޭ މައްސަލަ މިއީ ޓީސީ އަށް މި ވަގުތު ދިމާވާ އެއް މައްސަލަ. ވެެލެންސިއާ މެޗު (ދެވަނަ ބުރުގައި ކުޅުނު ފުރަތަމަ މެޗު)ގައި ވެސް ފެނުނު ޓީސީ އަށް ލިބުނު ފުރުސަތުތައް ބޭނުންކުރެވުނުތަން. ދެން ކޮޅަށް އަންނަ އެއްޗެއް މި ވަންނަނީ،" ނިޒާމްބެ ބުންޏެވެ. "ދިގު ބްރޭކަކަށް ފަހު ނުކުންނައިރު ޓީސީ އެކަންޏެއް ނޫން އެހެން ހުރިހާ ޓީމުތަކަށް ވެސް މެޗު ފިޓްނަސްގެ މައްސަލަ ދިމާވި. އެކަމަކު މި މެޗަށް ނުކުންނައިރު ވަރަށް އުންމީދު އެބައޮތް. ޖެހިޖެހިގެން ތިން ބަލި ވާކަށް ބޭނުމެއް ނޫން."

މި މެޗުގައި ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ތޮއްޕޭ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ޔުނައިޓަޑް ވިކްޓަރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މި މެޗުގެ މުހިންމުކަން ޔުނައިޓަޑް ވިކްޓަރީ އަށް ވެސް ބޮޑު ކަމަށެވެ.

"ޓީސީ އެކަންޏެއް ނޫން ޔޫވީ އަށް ވެސް މި މެޗުގެ މުހިންމުކަން ބޮޑު. ޔޫވީ މި އޮތް ހިސާބުން ވެސް ތިން ޕޮއިންޓް ލިބިއްޖެއްޔާ ބަދަލުތަކެއް (ތާވަލަށް) އަންނާނެ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ ތާވަލްގެ ފުލުގައި ޔުނައިޓަޑް ވިކްޓަރީ އޮތަސް، އެހެން ޓީމުތަކާ ކުޅޭއިރު އެ ޓީމަށް ލިބޭ "އެޑްވާންޓޭޖެއް އެބައޮތް" ކަމަށެވެ. އަދި އެކަން ކުޅުންތެރިންނަށް ވިސްނައިދޭން މަސައްކަތްކުރާނެ ކަމަށެވެ.

"ޔޫވީ އަށް މިހާރު ނެތް އެއްވެސް ޕްރެޝަރެއް. އެކަމަކު އެހެން ޓީމުތަކަށް (އޮތް މަގާމުގެ) ސަބަބުން ޔޫވީއާ ދެކޮޅަށް ކުޅުނަސް ޕްރެޝަރު އޮންނާނެ. އެހެންވީމަ އަޅުގަނޑު މި މަސައްކަތްކުރަނީ އެކަން ކުޅުންތެރިންނަށް ވިސްނައިދެވޭތޯ،" ސާންތީ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ޔުނައިޓަޑް ވިކްޓަރީ ކުޅުނު މެޗުގައި ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އަތުން އެ ޓީމު ބަލިވީ 1-0 އިންނެވެ.

އެ މެޗުގައި ޔުނައިޓަޑް ވިކްޓަރީގެ ބިދޭސީ ޑިފެންޑަރު މާރަތު އަދްޒިނިއަޒޯފަށް ވަނީ އަނިޔާވެފަ އެވެ. ސާންތީ ބުނީ މިއަދުގެ މެޗުގައި އޭނާ ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ކަމަށެވެ.

ޔުނައިޓަޑް ވިކްޓަރީ އާއި ޓީސީ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރެވެ.