Roadha Mihaaru
ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިންވަނަ އަށް

ޓީސީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިންވަނަ އަށް

22 އެޕްރީލް 2022

ޓީސީ ސްޕޯޓްސްގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ޖެހިލައިފި އެވެ.

ޓީސީ ސްޕޯޓްސްގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ ތިންވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ޖެހިލައިފި އެވެ.

މިރޭގެ މެޗުގައި ޔުނައީތެޑް ވިކްޓަރީގެ ލަނޑުތައް ޖެހީ އަލީ ހައިޝަމް (ޗުމްޕް)، އެއިސޫކޭ މޮހްރީ އަދި އަހްމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ. ޓީސީގެ ލަނޑުތައް ޖެހީ ހަމްދޫން އަބްދުލް ލަތީފް އާއި ހައިޝަމް ރަޝީދު އެވެ.

ޔޫވީ، ތިންވަނަ އަށް ޖެހިލީ، 14 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިންވަނައިގައި އޮތް ވެލެންސިއާ މިހާރު ވަނީ ހަތަރުވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ޓީސީ އަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ. އެޓީމު އޮތީ ތާވަލުގެ ހަވަނައިގަ އެވެ. ފަސްވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ.

ޔޫވީގެ ދެވަނަ ލަނޑު ޖެހީ މޮހްރީ (ކ)، ޓީސީގެ ކުޅުންތެރިޔެއް އަތުން ޞޯޅަ ހޯދަން މަސައްކަތް ކުރަނީ: މޮހްރީ ލަނޑާއެކު ޔޫވީން ދެވަނަ ފަހަރަށް ލީޑް ނެގި --- ފޮޓޯ: އެފްއޭއެމް

ޔޫވީގެ ދެވަނަ ލަނޑު ޖެހީ މޮހްރީ (ކ)، ޓީސީގެ ކުޅުންތެރިޔެއް އަތުން ޞޯޅަ ހޯދަން މަސައްކަތް ކުރަނީ: މޮހްރީ ލަނޑާއެކު ޔޫވީން ދެވަނަ ފަހަރަށް ލީޑް ނެގި --- ފޮޓޯ: އެފްއޭއެމް

މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 3-3 ން އެއްވަރު ވެގެންނެވެ. މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅު މެޗު ފެށިގެން ހަތަރުވަނަ މިނެޓްގައި، ހައިޝަމްގެ ލަނޑުން ޔޫވީ ލީޑް ނެގީ އަނަޓޮލީ ވެލިސިޗޭވް ދިން ޕާހުންނެވެ. ޓީސީގެ ހާފުގެ މެދެއްހާ ހިސާބުން އަނަޓޮލީ ބޯޅަ ލިބިގަނެ، އޭނާ ވަނީ ޓީސީގެ ކުޅުންތެރިންގެ ކައިރިން ނައްޓާލާފައި އޭރިއާ ހަމައަށް ގޮސް އޭރިއާ ތެރޭގައި ހުރި ހައިޝަމް އަށް ބޯޅަ ދީފަ އެވެ. ޓީސީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ހައިޝަމް ގޯލްގެ ކަނަށް ތިރިތިރިން ފޮނުވާލި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ ޓީސީގެ ކީޕަރު ސުޖަން ޕެރޭރާ އަތްދަށުންނެވެ.

ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ހަމްދޫން ފޮނުވާލި ހިލޭ ޖެހުމުންނެވެ. ޔޫވީގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ހަމްދޫން ފޮނުވާލީ ސީދާ ގޯލްގެ ތެރެ އަށެވެ. ޔޫވީގެ އޭރިއާގެ ތެރޭގައި ތިބި އެޓީމުގެ ކުޅުންތެރިންނާއި ޓީސީގެ ކުޅުންތެރިން ވެސް ހީކުރީ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްދޭނެ ކަމަށެވެ. ނަމަވެސް ހަމްދޫން ބޯޅަ ފޮނުވާލީ ގޯލްގެ ފާޕޯސްޓް ކަނަށް އަމާޒުކޮށެވެ. މަތިމަތިން ގޮސް ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

ޔޫވީން އަލުން ލީޑް ނެގީ ދެވަނަ ހާފުގަ އެވެ. ކޯނަރަކުން އަލީ ޝަމާލް އަބްދުﷲ އަށް ތަނަވަސްކޮށްދިން ބޯޅަ އޭރިއާގެ ބޭރުން އޭރިއާގެ ކަނާ ދިމާލުން އޭނާ ފޮނުވާލީ ސީދާ ގޯލަށް އަމާޒުކޮށެވެ. ޓީސީގެ ކުޅުންތެރިންގެ ތެރެއިން ގޮސް ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. ދަނޑީގައި ޖެހިފައި ރީބައުންސަށް ނުކުތް ބޯޅަ މޮހްރީ ވަނީ އެއްފަހަރުން ޖަހައި ގޯލްގައި ފުރާޅެއްހެން އޮތް މާތީ ދަގަނޑަށް އަމާޒުކޮށް ފޮނުވައިލައިފަ އެވެ.

ޠޫވީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: މި ސެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެން --- ފޮޓޯ: އެފްއޭއެމް

ޠޫވީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: މި ސެޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެން --- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފަުގައި ޓީސީން ރަނގަޅު އެޓޭކްތަކެއް އުފެއްދި އެވެ. އެޓީމުގެ މުހައްމަދު މުސްލިހް (މުއްޓި) އަށް ވެސް ވަނީ ރަނގަޅު ތިން ފުރުސަތެއް ލިބިފަ އެވެ. އަހްމަދު މާއިޝް ރަޝީދު ނަގައިދިން ހުރަސް މުސްލިހް ބޮލުން ފޮނުވައިލުމުން ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން އޭނާ ފޮނުވާލި ބޯޅައެއް ވެސް ގޯލްގެ ލައިން މަތީގައި ހޭކިލާފައި ގޮސް ބޯޅަ ދިޔައީ ބޭރަށެވެ.

އަނިޔާގެ ސަބަބުން ދެ މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ޔޫވީގެ ބައްސާމް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތެވެ. މެޗުގެ 73 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހުމުގެ ކުރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ލަނޑު ޖެހީ ހައިޝްމް ދިން ފުރުސަތަކުންނެވެ. ޓީސީގެ ހާފުގެ ތެރެއިން އެޓީމުގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައި، ހައިޝްމް ބޯޅަ ދިނީ ބައްސާމް ހުސްކޮށް ހުރުމުންނެވެ. އޭނާ ހުރީ އޮފްސައިޑް މަލީން ވެސް ސަލާމަތްވެގެންނެވެ. ހައިޝަމް ދިން ބޯޅަ އަށް ހުސްކޮށް އަރައި އޭރިއާ ތެރެއަށް ވަދެ ކީޕަރު ސުޖަން ބޯޅަ އަށް ނުކުމެނުކުމެ އޮއްވައި އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

އޭގެ ފަހުން ޔޫވީގެ ކެޕްޓަން އަލީ ހަމްދާން އަށް ވެސް ހުސްކޮށް ލިބުނު ބޯޅައިގައި ސުޖަން ރަނގަޅު ސޭވެއްކޮށް ބޯޅަ ހުއްޓުވި އެވެ. މެޗުގެ ފަހު 10 މިނެޓް ތެރޭގައި ޓީސީން ޔޫވީގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. އެކަމަކު އޭގެ ކުރިން ޓީސީގެ ދެވަނަ ލަނޑު ހައިޝަމް ރަޝީދު ޖެހީ އަހްމަދު ޒައުލް ނާޒިމް ދިން ބޯޅައިންނެވެ. ޒައުލް އޭރިއާ ތެރެއަށް ދިން ބޯޅަ އަށް، ޔޫވީގެ ކީޕަރު އަހްމަދު އަނަފް ޒަރިއަންދު ކުރިއަށް ނުކުމެ ނުކުމެ އޮތްވައި ހައިޝްމް ވަނީ މަޑުމަޑުން ފައިން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ. އަނަފް ބޯޅަ އަށް ޑައިވް ކުރި ނަމަވެސް ބޯޅަ ގޮސް ވަނީ އޭނާގެ އަތް ދަށުންނެވެ.