Roadha Mihaaru
ރަޝިޔާއަށް ލިބޭ ގެއްލުންތައް ޖީލުތަކަކަށް ދެމިގެންދާނެ

ރަޝިޔާއަށް ލިބޭ ގެއްލުންތައް ޖީލުތަކަކަށް ދެމިގެންދާނެ: ޒެލެންސްކީ

20 މާޗް 2022

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރަޝިޔާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި، އެ ގެއްލުންތައް އެ ގައުމުގެ އެތައް ޖީލެއް ތަހައްމަލުކުރަން ޖެހޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރަޝިޔާ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި، އެ ގެއްލުންތައް އެ ގައުމުގެ އެތައް ޖީލެއް ތަހައްމަލުކުރަން ޖެހޭނެ ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އަށް ތާއީދުކޮށް، ވެރިރަށް މޮސްކޯގައި ހުކުރު ދުވަހުގެ ރޭ ވަނީ ބޮޑު އެއްވުމެއް ބާއްވައިފަ އެވެ. އެ އެއްވުމުގައި 200،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއީ ޔޫކްރޭން ހަނގުރާމަ އަށް ރަޝިޔާ އިން ސިފައިން ފޮނުވި އަދަދެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު ހިނގަމުން ދަނީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ވިލާތުގެ ބައްރުގައި މިހާތަނަށް ހިނގާ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ހަނގުރާމަ އެވެ. އަދި އެ ހަނގުރާމައިގައި މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ލައްކަ ބަޔަކު ޒަހަމްވެފައިވާ އިރު، ތިން މިލިއަނަށް ވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި، ވިލާތުގެ އެކި ގައުމުތަކަށް ގޮސްފައިވާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގެ މެދުތެރޭގައި އޮންނަ ސްޓޭޑިއަމެއްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، ރަޝިޔާ ސިފައިންގެ ހިތްވަރާއި ކުޅަދާނަކަމަށް ތައުރީފުކުރައްވައިފަ އެވެ. ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ ރައްޔިތުންގެ ކިބައިން މިފަދަ އެއްބައިވަންތަކަމެއް ނުފެންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

އެ އެއްވުމުގެ ބައިވެރިން ވަނީ ރަޝިޔާގައި ބޭނުންކުރާ ގައުމީ ލަވަތައް ކިޔައި ރަޝިޔާ ސިފައިންނަށް ތައުރީފު ކޮށްފަ އެވެ. އެމީހުން ކީ ގައުމީ ލަވަތަކުގެ ތެރޭގައި، "މޭޑް އިން ޔޫއެސްއެސްއާރް" ފަދަ މަޝްހޫރު ލަވަތައް ހިމެނެ އެވެ. ކުރީގެ ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު މަޝްހޫރުވި އެ ލަވައިގެ މައިގަނޑުގައި ބުނެފައި އޮންނަނީ، "ޔޫކްރޭން އަދި ކްރައިމިއާ، ބެލަރޫސް އާއި މޮލްޑޯވާ، މި ހުރިހާ ތަންތަނަކީ ވެސް އަހަރެންގެ ގައުމު" ކަމަށެވެ.

ރަޝިޔާގެ ރައީސް ޕުޓިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވުމާ ގުޅިގެން، ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ. އެ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ހުއްޓުން އަރައިފަ އެވެ.