Roadha Mihaaru
ޕްލާސްޓިކާ ދެކޮޅު މަސައްކަތެއް ނުހުއްޓޭނެ: ފައިސަލް

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތެއް ނުހުއްޓޭނެ: ނައިބް ރައީސް

22 މާޗް 2022

ޕްލާސްޓިކް ކުންޏަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕްލާސްޓިކް ކުންޏަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކަނޑުން ޕްލާސްޓިކް މަދުކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގުޅިގެން މިދިޔަ އަހަރު ޖެނުއަރީ 27 ގައި ފެށި "ޕްރޮމިސް- ޕްރިވެންޝަން އޮފް މެރިން ލިޓަރިން ދަ ލަކްޝަދީޕް ސީ" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން މިހާރު ވެސް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.

"ރާއްޖެއަކީ ވަރަށް ބޮޑަށް ކަނޑަށް ބަރޯސާވާ ގައުމެއް. ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަން ވެސް ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާ. އެހެންވެ، ރާއްޖޭގެ އިގްތިސާދަށް ސާފު، ރީތި ކަނޑެއް ވަރަށް މުހިންމުވޭ،" އިނގިރޭސި ބަހުން ދެއްވި ސްޕީޗުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕްރޮމިސް" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ޕްރޮމިސް" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނައިބް ރައީސް ވިދާޅުވީ، ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި ތިމާވެށީގެ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ އީޔޫގެ މަންދޫބް ޖެނީ ކޮރިއާ ނޫސްގެ އިތުރުން އެމްއެންޔޫގެ އިސްވެރިންނާއި "ޕްރޮމިސް" ޕްރޮޖެކްޓްގައި ބައިވެރިވާ ޖަމިއްޔާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ޕްރޮމިސް" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި (ކ-ވ) ތިމާވެށީގެ މިނިސްޓަރު އައިމަތު ޝައުނާ، އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފް، ނައިބް ރައީސް ފައިސަލް ނަސީމް، އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ކުނި އުފައްދާ މިންވަރު ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށާއި ކުނި އިތުރުވާ މިންވަރަށް ބަލާއިރު، ރާއްޖޭގެ ބިމުގެ ސަރަހައްދު ކުޑަވެފައި އަދި ވަސީލަތްތައް ވެސް މަދުވުމުން ކުނި މެނޭޖްކުރަން ދަތިވުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

"އެެހެން އެކަން ދިމާވަނީ ރަނގަޅު ސިޔާސަތުތައް މަދުވުމާއި އާންމުންގެ ހޭލުންތެރިކަން އިތުރު ނުކުރެވުމާއި ކުނި މެނޭޖްކުރާނެ ރަނގަޅު ފެސިލިޓީތަކެއް ނެތުމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕްރޮމިސް" ޕްރޮޖެކްޓަކީ އެފަދަ ސިޔާސަތުތައް އެކުލަވާލުމުގައި ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަނީ ކުނި މަނޭޖްކުރުމުގައި ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތައް ވެސް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމާއި ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ގާނޫނެއް ހަދައި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމުގެ މަސައްކަތް ތަންފީޒުކުރެވެމުން ދިއުން ހިމެނެ އެވެ.

"ޕްރޮމިސް" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މެހުމާނުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ޕްރޮމިސް" ޕްރޮގްރާމްގެ ފުރަތަމަ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުންތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މެހުމާނުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެއީ މި ސަރުކާރުން މި މައްސަލަ ހައްލުކުރަން އިސްކަންދޭކަމުގެ ހެއްކެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

"މިފަދަ ޕޮލިސީ މޭކިން ޕްރޮގްރާމްތަކަކީ މި މައްސަލަ ހައްލުކުރުމުގައި ރާއްޖެ އަށް ކުރިއެރުން ލިބޭ ކަމުގެ ވެސް ހެއްކެއް. މި ރައުންޑް ޓޭބަލް މީޓިންގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ."

"ޕްރޮމިސް" ޕްރޮގްރާމްގެ ޕޮލިސީ ރައުންޑްޓޭބަލް ބައްދަލުވުމުގެ ބޭނުމަކީ އެ ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް ހިޔާލުތަކާއި މަޝްވަރާތައް ލިބި ކަނޑަށް އެޅޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ސިޔާސަތުތަކެއް އެކުލަވާލުމެވެ.

އީޔޫގެ "ސްވިޗް-އޭޝިއާ ޕްރޮގްރާމް" އިން ފަންޑުކޮށްގެން ކުރިއަށް ގެންދާ "ޕްރޮމިސް" ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، ލަކްޝަދީޕް ކަނޑުގައި ހިމެނޭ ޓޫރިޒަމް ކްލަސްޓާތަކަށް ކަނޑުގައިވާ ކުނީގެ ސަބަބުންވާ ގެއްލުން ކުޑަކުރުމާއި ކަނޑަށް އަޅާ ޕްލާސްޓިކް މަދު ކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ގޮނޑުދޮށް ސަރަހައްދުތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ލަންކާގެ "ނެޝަނަލް ކްލީނާ ޕްރޮޑަކްޝަން ސެންޓަރު" އާއި އިންޑިއާގެ "ދި އެނާޖީ އެންޑް ރިސޯސް އިންސްޓިޓިއުޓް" (ޓެރީ) އާއި ޕާލޭ އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ "އަޑެލްފީ" ވެސް މި ޕްރޮގްރާމްގައި ބައިވެރިވެ އެވެ.