Roadha Mihaaru
ކަނޑުން ޕްލާސްޓިކް މަދުކުރަން ޕްރޮގްރާމެއް ފަށައިފި

ކަނޑުން ޕްލާސްޓިކް މަދުކުރަން އެމްއެންޔޫ އާއި އީޔޫ ގުޅިގެން ޕްރޮގްރާމެއް ފަށައިފި

27 ޖެނުއަރީ 2021

ގޮނޑުދޮށުން ޕްލާސްޓިކް މަދުކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގޮނޑުދޮށުން ޕްލާސްޓިކް މަދުކުރަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި "ޕްރޮމިސް" ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އީޔޫގެ "ސްވިޗް-އޭޝިއާ ޕްރޮގްރާމް" އިން ފަންޑުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ، ލަކްޝަދީޕް ކަނޑުގައި ހިމެނޭ ޓޫރިޒަމް ކްލަސްޓާތަކަށް ކަނޑުގައިވާ ކުނީގެ ސަބަބުންވާ ގެއްލުން ކުޑަ ކުރުމާއި ކަނޑަށް އަޅާ ޕްލާސްޓިކް މަދު ކުރުމެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ގޮނޑުދޮށް ސަރަހައްދުތައް ވެސް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ކުނިއުކާ އުޅުނީ އަތިރިމައްޗަށް ކަމަށެވެ. ނަމަވެސް ކުރިން ދިވެހިން ބޭނުންކޮށް އުޅުނީ އަމިއްލައަށް ނެތިގެންދާ ތަކެތި ކަމަށާއި ޕްލާސްޓިކް ފަދަ ތަކެތި އޭރު ބޭނުން ނުކުރާ ކަމަށެވެ. އެހެންވެ، މި ފަދަ ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ޕްރޮމިސް" ޕްރޮގްރާމް އިފްތިތާހުކުރެއްވުމާ ގުޅިގެން އެމްއެންޔޫ އިން ކުރި ޓްވީޓެއް

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމުން ކަމަށާއި ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖޭގެ އެކި ބާވަތުގެ ދިރުންތައް ބަލާލަން ކަމަށެވެ.

މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖަރު، ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ގައުމުތަކުގައި ކުނީގެ މައްސަލަތައް ގިނައީ އެކަށީގެންވާ ވަރަށް އާންމުން ހޭލުންތެރިކުރެވިފައި ނެތުމުން ކަމަށާ އަދި އެފަދަ ކުނި ރައްކާތެރިކަމާ އެކު ނައްތާލެވޭނެ ގޮތެއް ވެސް ނެތުމުން ކަމަށެވެ.

ރާއްޖޭގެ އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ލަންކާގެ "ނެޝަނަލް ކްލީނާ ޕްރޮޑަކްޝަން ސެންޓަރު" އާއި އިންޑިއާގެ "ދި އެނާޖީ އެންޑް ރިސޯސް އިންސްޓިޓިއުޓް" (ޓެރީ) އާއި ޕާލޭ އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ "އަޑެލްފީ" ވެސް މި ޕްރޮގްރާމްގައި ބައިވެރިވެ އެވެ.