Roadha Mihaaru
ސީނިއާ ކުޅުންތެރިން ވަނީ ރިޕްލޭސް ކުރަންޖެހިފައި: ކޯޗު

ސީނިއާ ކުޅުންތެރިންގެ މަގާމުތައް ވަނީ ރިޕްލޭސް ކުރަން ޖެހިފައި: މޮރިއޭރޯ

23 މާޗް 2022

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ތިބީ ރިޕްލޭސް ކުރަން ޖެހިފައި ކަމަށާއި އެ މަގާމުތަކަށް ޒުވާން ކުޅުންތެރިން ތައްޔާރު ކުރުމަށް މެޗުތަކުން ފުރުސަތު ދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ތިބީ ރިޕްލޭސް ކުރަން ޖެހިފައި ކަމަށާއި އެ މަގާމުތަކަށް ޒުވާން ކުޅުންތެރިން ތައްޔާރު ކުރުމަށް މެޗުތަކުން ފުރުސަތު ދޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ބުނެފި އެވެ.

ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ، ޖޫންގައި ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ޓީމު ތައްޔާރު ކުރުމުގެ އިތުރަށް ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭ މެޗަކަށް ކަމަށް އިޓަލީ އަށް އުފަން ކޯޗު ބުންޏެވެ.

މޮރިއޭރޯ ބުނީ ލީގު މެޗުތަކުން ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ފެނިގެން ދިޔަ ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އެ ކުޅުންތެރިން ވާނެ އުންމީދީ ކުޅުންތެރިންތަކަކަށް،" މާދަމާ ރޭ ކުޅޭ މެޗާ ބެހޭ ގޮތުން ބޭއްވި ޕްރީ މެޗު ޕްރެސްގައި މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ، ހެޑް ކޯޗު މޮރިއޭރޯ، ކެޕްޓަން އަކުރަމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު: މޮރިއޭރޯ ބުނީ އޭނާ އާއި ސިމާއޯ އެކުގައި ކްލަބްތަކުގެ މެޗުތަކާއި ޕްރެކްޓިސް ވެސް ބަލައިފައިވާނެ ކަމަށް --- ފޮޓޯ: އެފްއޭއެމް

އޭނާ ބުނީ ޓާގެޓަކީ ޒުވާން ކުޅުންތެރިން އިތުރަށް ތަރައްގީވާން ފުރުސަތު ހޯދައި ދިނުން ކަމަށެެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ ގޮތުގައި މަދު އަދަދެއްގެ މުހިންމު ކުޅުންތެރިން ވެސް ޓީމުގައި ތިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި މޮރިއޭރޯ ދެކެ އެވެ.

"ސީނިއާ ބައެއް ކުޅުންތެރިންގެ މަގާމުތައް ވެސް ވަނީ ފޫބައްދަން ޖެހިފައި. އެހެންވެ އަހަންނަށް ވަރަށް މުހިންމު ކަމެއް މި ޒުވާން ކުޅުންތެރިން ވެސް ޓީމާ ގުޅުން،" އިންޓަ މިލާން އަށް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

"އެހެންވީމަ މާދަމާ ރޭ ކުޅޭ މެޗުގައި އޭގެތެރެއިން ބައެއް ޒުވާން ކުޅުންތެރިން ކުޅޭނެ. އެ ކުޅުންތެރިންނަށް ފުރުސަތު ދެނީ އިތުރަށް ތަރައްގީވާން. މަތީ ލެވަލްއާ ހަމައަށް ދިއުމަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އަހަރެން ކޮންމެހެން ބޭނުން އެ ޒުވާން ކުޅުންތެރިން ލައްވައި ކުޅުވަން. ބަންގްލަދޭޝް މެޗަކީ އެކުޅުންތެރިންނަށް އޮތް ރަނގަޅު ފުރުސަތެއް."

ޑިސެމްބަރު މަހު ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނު ފަހުން ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޓޮޕް ޑިވިޝަންގައި އެއްވެސް މެޗެއް ކުޅެފައެއް ނުވެ އެވެ. ދިވެހި ލީގުގައި އެއްވެސް މެޗެއް ނުކުޅުނު ނަމަވެސް އަލީ ފާސިރު (ސެންޓޭ) ވަނީ ޓީމުގައި ހިމަނައިފަ އެވެ. މޮރިއޭރޯ ބުނިގޮތުގައި އަޝްފާގު ޓީމުގައި ނުހިމެނީ ރަނގަޅަށް ކަމަށް އަޝްފާގު ވެސް ގަބޫލު ކުރެ އެވެ.

ބަންގްލަދޭޝްގެ ކޯޗު ކަބަރޭރާ އާއި ރާއްޖޭގެ ކޯޗު މޮރިއޭރޯ: ކަބަރޭރާ އަކީ ބަންގްލަދޭޝްގެ ކޯޗުގެ ގޮތުގައި މޮރިއޭރޯ އާ ދެކޮޅަށް ނުކުންނަ ދެވަނަކޯޗު --- ފޮޓޯ: އެފްއޭއެމް

ބަންގްލަދޭޝްގެ ކޯޗު ކަބަރޭރާ އާއި ރާއްޖޭގެ ކޯޗު މޮރިއޭރޯ: ކަބަރޭރާ އަކީ ބަންގްލަދޭޝްގެ ކޯޗުގެ ގޮތުގައި މޮރިއޭރޯ އާ ދެކޮޅަށް ނުކުންނަ ދެވަނަކޯޗު --- ފޮޓޯ: އެފްއޭއެމް

"އަހަރެން އަޝްފާގާ ވާހަކަ ދެއްކިން. އޭނާ ބުނި ކޯޗޭ މި ވަގުތު އަހަރެން ނުނަގަން ކޯޗު ނިންމި ނިންމުމަކީ ރަނގަޅަށް ނިންމި ނިންމުމެކޭ،" މޮރިއޭރޯ ބުންޏެވެ.

ޓީމުގައި މުޅިން ފިޓް ނޫން ހަ ކުޅުންތެރިޔަކު އެބަތިބި ކަމަށް މޮރިއޭރޯ ބުންޏެވެ. އޭނާ ބުނި ގޮތުގައި މާދަމާގެ މެޗުގައި ނުކުޅެވޭނެ ކުޅުންތެރިން މިރޭގެ ޕްރެކްޓިހަށް ފަހު ދެނެގަނެވޭނެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗު ވެގެންދާނީ ރާއްޖޭގެ ކޯޗުކަމާ ނޮވެމްބަރު މަހު ހަވާލުވި ފަހުން ރާއްޖޭގެ އަމިއްލަ ދަނޑުގައި މޮރިއޭރޯ ޓީމަށް އިރުޝާދު ދޭ ފުރަތަމަ މެޗަށެވެ. ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި، އޭނާގެ ކޯޗު ކަމުގެ ދަށުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

"އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ޖޫންގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން. އެކަމަކު އޭގެ މާނައެއް ނޫން މާދަމާރޭގެ މެޗުން މޮޅުވުން މުހިންމު ނުވުން،" މޮރިއޭރޯ ބުންޏެވެ. "ކުރިން ބަލިވެފައި އޮތުމުން އަދި އަމިއްލަ ދަނޑުގައި ކުޅޭއިރު މެޗު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެެއް."