27 މާޗް 2022
ރާއްޖޭގެ އެކި ދާއިރާތަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭއިރު ވެރިކަމުގައި ތިބީ ކޮން ޕާޓީއެއްގެ ބައެއްތޯ ނުބަލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ދާއިރާތަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭއިރު ވެރިކަމުގައި ތިބީ ކޮން ޕާޓީއެއްގެ ބައެއްތޯ ނުބަލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގައި އިންޑިއާއާ މާ ގާތް ގުޅުމެއް އުފައްދާތީ، އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރަމުންދަނިކޮށް، ރައީސް އެ ގޮތަށް ވިދާޅުވީ އެ ގައުމުގެ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތްކުރި ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ހިތަދޫ މާމެންދޫ ސަރަހައްދުން ވިޔަފާރި ބަނދަރު ކައިރީގައި ހަދާފައިވާ ޕޮލިސް އެކަޑަމީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ރާއްޖޭގައި ކުރިއަށް ގެންގޮސްދިނީތީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި އެ ގައުމުގެ މީހުންނަށް ރައީސް ޝުކުރު ދަންނަވާ ކަމަށެވެ.
ޕޮލިސް އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެކަމުން ވެސް ދޭހަވަނީ ރާއްޖެ އާއި އިންޑިއާގެ ގުުޅުމުގެ ބަދަހި ކަމެވެ.
އިންޑިއާ އިން ރާއްޖެ އަށް ވަމުން އަންނަނީ ސީދާ ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ އަށް އަބަދުވެސް ބޭނުންވާ އެހީތަކެއް ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ގައުމުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައިފަ އެވެ.
ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
"އައިޖީއެމްއެޗް ވިޔަސް، އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ކަމަށް ވިޔަސް އަދި 34 ރަށުގެ ފެނާއި ނަރުދަމާ އާއި ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ، އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުމާއި ކޯސްޓްގާޑް ބިލްޑިންގް ފަދަ ޕްރޮޖެކްޓްތަކަކީ އިންޑިއާގެ ހިލޭ އެހީ އާއި ލޯން އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް،" ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި އިންޑިއާއަކީ ވަކި އިރެއްގައި އޮންނަ ސަރުކާރެއްގެ ސަބަބުން ރާއްޖެ އަށް އެހީވާ ގައުމެއް ނޫނެވެ.
އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރަކު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ގައުމުގެ ތަރައްގީއާއި ދިވެހިންގެ ކުރިއެރުމަށްޓަކާ ވަމުންދާ އެހީތަކެއް -- ރައީސް
ރައީސް ވިދާޅުވީ ޕޮލިސް އެކަޑަމީގެ މަސައްކަތް ފެށިގެން އައި ގޮތަށް ބަލާއިރު ވެސް އެނގެނީ އިންޑިއާ އިން އެހީ ވަނީ ވެރިކަމުގައި ވަކި ބަޔަކު ތިބުމުން ނޫން ކަމަށެވެ.
އެ ޕްރޮޖެކްޓްގެ ވާހަކަ ދެ ސަރުކާރުގެ ދެމެދުގައި ދެއްކެވުނީ 2009 ގަ އެވެ. އެންމެ ފުރަތަމަ ޕްރޮޖެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގަ އެވެ. ފަހުން ޅ. މާބިންހުރައިން ދ. ވާނީ އަށް ޕްރޮޖެކްޓު ބަދަލުކުރިޔަސް އެންމެ ފަހުން މަޝްރޫއު ކުރިއަށް ގެންދިޔައީ ހިތަދޫގަ އެވެ.
އައްޑޫގައި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ 2014 ގަ އެވެ. ރައީސް މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޕްލޭނިން މަސައްކަތް ނިންމައި އަމަލީ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައި ކަމަށާއި އަދި މަސައްކަތް ނިންމަން އޮތީ މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކަމަށެވެ.
އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
އިންޑިއާ ސަރަކާރުން 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޭދަކުރި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެކި ސަރުކާރުތަކުންވި އެހީތެރިކަން ރައީސް ފާހަގަކުރެއްވި އެވެ.
"ރައީސް ޔާމީނާއި ޑރ. ވަހީދާއި ރައީސް ނަޝީދަށް އަޅުގަނޑު ޝުކުރު އަދާކުރަން މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ކަމަށްޓަކައި،" ނޮވެމްބަރު 17، 2018 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޕޮލިސް އެކަޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑަމީ ހެދި ނަމަވެސް އެތަން ހިންގުމުގެ ހުރިހާ ބާރަކާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިންގާނީ ދިވެހި ފުލުހުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
އިންޑިއާ ކުންފުންޏަށް ޖަމާކުރި 3.6މިލިއަން ގެއްލިއްޖެ
އިންޑިއާއައުޓުން ސަލާމަތަށް ނުރައްކާވާ ކަމަށް ނިންމައިފި
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ޕޮލިސް ސްޓޭޝަންތަކަށް ވީ ގޮތެއް ބަލަން އޮޑިޓް ކުރަނީ
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
ފުލުހުންގެ އިމާރާތް ހަވާލުކުރި ކުންފުނި ހޯދައިފި
ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ