މަރިޔަމް ޝީރީނާއި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު އެ ދެ މީހުން އެކުގައި އުޅުނު ކޮޓަރި އަށް ވަން ވަގުތަކީ ޝީރީން ދިރިހުއްޓާ އެންމެ ފަހުން ފެނުނު ވަގުތެވެ. އޭގެފަހުން ވީތަނެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭގެ ތިން ދުވަސް ފަހުން މާ ދުރުގައި ހުރި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. އެއީ މީގެ 12 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި ބޮޑު މަރެވެ.
30 މާޗް 2022
މަރިޔަމް ޝީރީނާއި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު އެ ދެ މީހުން އެކުގައި އުޅުނު ކޮޓަރި އަށް ވަން ވަގުތަކީ ޝީރީން ދިރިހުއްޓާ އެންމެ ފަހުން ފެނުނު ވަގުތެވެ. އޭގެފަހުން ވީތަނެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭގެ ތިން ދުވަސް ފަހުން މާ ދުރުގައި ހުރި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. އެއީ މީގެ 12 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި ބޮޑު މަރެވެ.
ނަޖާހަކީ ޝީރީންގެ ގާތިލު ކަމަށް ބެލެވޭނެ އެތައް ހެއްކެއް ހުއްޓެވެ. އާންމު މީހެއްގެ ވިސްނުމުން ނަޖާހާ ދެކޮޅަށް ހެކި ހުއްޓަސް، ގާނޫނީ ގޮތުން އޮތް "ބަލި ފަޔަކީ" މަންޒަރު ފެނުނު އެއްވެސް މީހަކު ނެތުމެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ ބަންދު ކޮޓަރިއެއްގެ ތެރޭގަ އެވެ. މަރާލި ގޮތެއް ނުވަތަ އެކަމަށް ބޭނުންކުރި ހަތިޔާރެއް ނުފެނެ އެވެ. ހަށިގަނޑު ފެނުނުއިރު ކުނިވެފައި އޮތުމުން އޭނާ މަރުވުމަށް މެދުވެރިވި ސަބަބެއް ނުހޯދެ އެވެ.
ގުޅުވާލެވޭ ގަރީނާތަކަށް އެކަނި ބިނާކޮށްގެން ރާއްޖޭގައި ދައުވާކުރި މަރުގެ ފުރަތަމަ މައްސަލަ އޭގެ 12 އަހަރު ފަހުން ސުޕްރީމް ކޯޓުން ދާދިފަހުން ނިމިގެން ދިޔައީ މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި އާ އުސޫލެއް ގާއިމް ކުރުމަށްފަހު އެވެ.
ދަށު ކޯޓުން މިނިވަންވި ނަޖާހުގެ މައްޗަށް ހައި ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމް ދާދިފަހުން ސުޕްރީމް ކޯޓުން ދެމެހެއްޓީ "ދަ ލާސްޓް ސީން ތިއަރީ" ބޭނުން ކުރުމަށް ފަހު އެވެ. އެއީ މަރުވި މީހާއާ އެކު އެންމެ ފަހުން އުޅެނިކޮށް ފެނުނު މީހާއަކީ ގާތިލު ކަމަށް ބެލުމުގެ އުސޫލެވެ.
"އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވޭނެ ވަގުތުގެ ތެރޭގައި މަރުވި މީހާއާ އެކު ހުރި މުއްތަހަމަކީ އެ ކުށްކުރި މީހާ"
މި ތިއަރީ ބޭނުން ކުރަނީ އެ މީހާ މަރާލަން އެހެން މީހަކަށް ފުރުސަތު ނުލިބޭނެހާ ވަގުތުގެ ތެރޭގައި އޭނާއާ އެކު އެންމެ ފަހުން އުޅުނު މީހާއަކީ އޭނާގެ ގާތިލު ކަމަށް ބެލުމަށެވެ. މިއީ މަރާލި މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނުހުންނަ މައްސަލަތަކުގައި ބޭނުންކުރާ އުސޫލެކެވެ.
"މަރުވި މީހާ މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނުވަތަ މަރުވި ވަގުތު ނުވަތަ މަރުވި ފަހުން، މުއްތަހަމް ފިޔަވައި އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވޭނެ ވަގުތުގެ ތެރޭގައި މަރުވި މީހާއާ އެކު ހުރި މުއްތަހަމަކީ އެ ކުށްކުރި މީހާ،" މި ތިއަރީ ބުނެދެމުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ޝީރީނާއި އޭނާގެ ލޯބިިވެރިޔާ ނަޖާހު: ނަޖާހުގެ ޖަލު ހުކުމް ދެމެހެއްޓީ ލާސްޓް ސީން ތިއަރީގެ ދަށުން
މިސާލަކަށް ފަޅު ގެއެއްގެ ތެރޭގައި މީހަކު މަރާލާފައި އޮންނަ ހާލަތުގައި، އޭނާ މަރާލިތަން އެހެން ބަޔަކަށް ނުފެނިދާނެ އެވެ. އެކަމަކު އެ ދުވަހު އޭނާ އާއި އިތުރު މީހަކު އެތަނަށް ވަންނަނިކޮށް އެހެން ބަޔަކަށް ފެނިފައި އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ މަރާލާފައި އޮއްވާ އެތަނުން ފެނިއްޖެ ނަމަ، އޭނާގެ ގާތިލަކީ އޭނާއާ އެކު އެތަނަށް ވަން މީހާ ކަމަށް އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މި ތިއަރީގެ ދަށުން ބެލެވޭނެ އެވެ.
މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާ މެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދެވޭ ނަމަ، އެގޮތުން ކުރެވޭ އިފްތިރާޟް އިތުރަށް ވަރުގަދަ ވެގެން އަންނާނެ-- ފަނޑިޔާރު ހުސްނުއްސުއޫދު
މި ތިއަރީގެ ސަބަބުން ކުށެއް ނެތް ބަޔަކު ބެދުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން މިފަދަ ހާލަތްތަކުގައި، އޭގެ އިދިކޮޅު ހެކި ދެއްކުމުގެ ފުރުސަތު އޮވެ އެވެ. ޒިންމާ އޮންނާނީ ތުހުމަތު ކުރެވޭ މީހަކަށެވެ. އެކަން އޭނާއަށް ކުރެވިއްޖެ ނަމަ، ސަލާމަތް ވެވިދާނެ އެވެ. އެކަމަކު ބުއްދި ގަބޫލުކުރެވޭ ފަދަ ވަރުގަދަ ސަބަބެއް ނުދެއްކޭ ނަމަ، އެއީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ވަރުގަދަ ހެއްކެކެވެ.
"މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާ މެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދެވޭ ނަމަ، އެގޮތުން ކުރެވޭ އިފްތިރާޟް އިތުރަށް ވަރުގަދަ ވެގެން އަންނާނެ،" ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
މި ތިއަރީ އެހެން ބައެއް ގައުމުތަކުގައި ވެސް ބޭނުންކުރެ އެވެ. މި ތިއަރީގެ ގަބޫލުކުރުން (ޕްރިޒަމްޝަން) އަނބުރާލަން ހެކި ދެއްކޭނީ މިސާލަކަށް ތިން ވަނަ މީހަކު އެ ދެމެދަށް އައިކަން ނުވަތަ އެކަމަށް ވަގުތު އޮތްކަން ސާބިތުކޮށް ދީގެން ނުވަތަ އެތަނުގައި އޭނާ އެ ވަގުތު ނުހުންނާނެ ކަން ސާބިތުކޮށް ދީގެންނެވެ.
"ދެ މީހުން އެކީގައި އުޅެނިކޮށް ފެނުނު ވަގުތާއި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަގުތާ ދެމެދު ވަރަށް ގިނައިރުތަކެއް ވެފައި ވެސް އޮވެދާނެ. އޭރުން މި ތިއަރީ ބޭނުން ކުރަން އުނދަގޫވާނެ. އެއީ ތިން ވަނަ މީހަކަށް އެކަން ކުރަން އެބައޮތް ފުރުސަތު ލިބިފައި." ވަކީލަކު ވިދާޅުވި އެވެ.
ކުށްކުރާ ވައްޓަފާޅި ބަދަލުވެއްޖެ އެވެ. ރޯމާ ދުވާލު މަގުމަތީގައި މީހުން މެރި ޒަމާން ފާއިތުވެ، މިހާރު އެކަން ކުރަނީ ފާރަލައިގެން ވަރަށް ސިއްރިއްޔާތުގަ އެވެ. ފަހަތަށް ހެކީގެ އެއްވެސް މިންވަރެއް ދޫނުވާނެ މިންވަރަށް ތައްޔާރުވެގެންނެވެ. ޝީރީންގެ މަރުގެ މައްސަލަ އޭގެ ހެއްކަކަށް ފުދެ އެވެ.
ހެކި ހޯދުމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ/ޕޮލިސް
ބަދަލުނުވެ އޮތީ އުސޫލުތަކެވެ. މިހާތަނަށް ރާއްޖޭގައި ކުށަށް އިއުތިރާފް ނުވާ ނަމަ މަރުގެ މައްސަލަތައް ސާބިތު ކުރަމުން އައީ މަންޒަރު ފެނުނު މީހުންގެ ބަހަށް ބިނާކޮށެވެ. ފޮރެންސިކް ހެކި އެކަނި ހުރުމަކުން ނުފުދެ އެވެ.
މި މައްސަލާގައި މި ވިސްނުން ސުޕްރީމް ކޯޓުން އެއްފަރާތް ކޮށްލީ "ފުރިހަމަ ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫ މަތިން އައިސްފައިވާ ޚިޔާލީ ވާހަކައެއް" ކަމަށް ސިފަ ކުރަމުންނެވެ. އަދި މަންޒަރު ފެނުނު މީހަކު ނެތަސް، ގަރީނާތަކުން އެކަނި ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.
"ކުށްކުރި ތަން ލޮލަށް ފެނުނު ހެކިން ނެތް ނަމަވެސް ލިބިފައިވާ ގަރީނާތައް ގުޅުވާލުމުން މުއްތަހަމު އެ ކުށްކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ގަރީނާތަކުން ދޭހަ ކުރެވޭ ނަމަ، އެ މިންވަރުން ކުށް ސާބިތު ކުރުމަށް ފުދިދެ އެވެ." ހުކުމުގައިވެ އެވެ.
"ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެ އެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅިން އެއްކީލި ވާން ޖެހޭނެ."
އެހެން ނަމަވެސް ގަރީނާތަކަށް އެކަނި ބަލައިގެން މަރުގެ ކުށެއް ސާބިތު ކުރުމުގައި ހަރުކަށި އުސޫލުތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެއީ ގުޅުވާލެވޭ ގަރީނާ އެކަނި ބޭނުން ކުރާ ނަމަ، ހުރިހާ ގަރީނާތައް ތުހުމަތުވާ މީހާއާ ދެކޮޅަށް ހުރުމެވެ. އަދި އޭނާގެ މައުސޫމް ކަމާ ދިމާލަށް މިސްރާބު ހުރި ގަރީނާއެއް ކިރިޔާ ވެސް ހުރި ނަމަ، ކުށް ސާބިތު ނުކުރުމެވެ. ހުކުމުގައިވާ ގޮތުން އެއީ އިސްލާމީ ބޮޑެތި އިލްމުވެރިންގެ ރައުޔު ވެސް މެ އެވެ.
"ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެ އެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅިން އެއްކީލި ވާން ޖެހޭނެ،" ހުކުމުގައިވެ އެވެ.
ގަރީނާތަކުގެ މިސްރާބު ކިރިޔާ ވެސް އޭނާގެ މައުސޫމް ދިމާލަށް ގެންދެވޭ ނަމަ، ހުކުމުގައިވާ ގޮތުން ކުށް ސާބިތެއް ނުކުރެވޭނެ އެވެ. ހުކުމުގައިވާ ގޮތުން އެއީ އިސްލާމީ ބޮޑެތި އިލްމުވެރިންގެ ރައުޔު ވެސް މެ އެވެ. އެއީ އާންމު އުސޫލުން ހެކިބަހަށް ވުރެ ދަރަޖައިގެ ގޮތުން ގަރީނާ ދަށް ވާތީ އެވެ.
"ދެ ގޮތެއް ދޭހަކުރެވޭ ނަމަ ފަނޑިޔާރު ބުރަވާން މުއްތަހަމުގެ ފަރާތަށެވެ. ގަރީނާއިން ކުށް ސާބިތުވާ ކަމަށް ނިންމާ ނަމަ، މައްސަލާގެ ވަށައިގެންވާ ހާލަތުތަކުގެ ޖުމްލަ ނަތީޖާ ވާންޖެހޭނީ ހަމައެކަނި މުއްތަހަމު ކުށް ކޮށްފައިވާ ކަން ދޭހަވުން ކަމަށެވެ،" ހުކުމުގައި ބުނެފައިވެ އެވެ.
ހެކި ނުލިބޭ ގޮތަށް ސިއްރުވެރި ގޮތުގައި ހިނގާ މަރުތައް ރާއްޖޭގައި އާންމުވަމުން ދާއިރު، ސުޕްރީމް ކޯޓުގެ ނިންމުމަކީ މިފަދަ މައްސަލަތަކަށް ކަނޑައެޅިގެންދިޔަ މުހިންމު އުސޫލެކެވެ. އެއީ މަރުގެ މައްސަލަތަކުގައި ކުށްވެރިން ދޫވުން ހުއްޓުވަން އެޅޭނެ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
ނަޒާހާއަށް ސުޕްރީމް ކޯޓުން ވެސް ނާކާމިޔާބު
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
ރާއްޖޭގައި ފުރާނައެއްގެ އަގަކީ އެއް ލައްކަ ރުފިޔާ!
ލަމްހާ ދޫކޮށްލި މައްސަލަ ނުބެލީ ގޯސްކޮށް:ސުޕްރީމް ކޯޓް
ޒަކިއްޔާގެ މަރުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް:ސީޕީ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ގޭންގުތައް ނުހުއްޓުވޭ ސަބަބާ މެދު ފަނޑިޔާރުންގެ ސުވާލު
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ