Roadha Mihaaru
ސްޕޯޓްސް އެވޯޑަށް ހަރަދުކުރީ 6.1 މިލިއަން ރުފިޔާ

ސްޕޯޓްސް އެވޯޑަށް ހަރަދުކުރީ 6.1 މިލިއަން ރުފިޔާ: މިނިސްޓްރީ

29 މާޗް 2022

މި މަހުގެ 17 ވަނަ ދުވަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް 6.1 މިލިއަން ރުފިޔާ ހަރަދުކުރިކަން ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ސަރުކާރުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ އަށް 6.1 މިލިއަން ރުފިޔާ ހަރަދުކުރިކަން ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ، އެވޯޑް ހަފުލާ އަށް ރާއްޖެ އިން ބޭރުން ގެނައި ކުޅިވަރުގެ ލެޖެންޑުންނަށާއި އެ ހަފުލާ ބޭއްވި ތަން ތައްޔާރު ކުރުމަށާއި ކޭޓަރިން އަށެވެ. ލެޖެންޑުންގެ ދަތުރަށް 2.2 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، އޮންލައިން ނޫސް "ދިޔަރެސް" އިން އެދިގެން ކުޅިވަރާ ބެހޭ މިނިސްޓްރީން ދިން މައުލޫމާތުތަކުން އެނގޭ ގޮތުން ހަފުލާ ތައްޔާރު ކުރުމަށާއި ކޭޓަރިން އަށް 2.8 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ އެވޯޑް ދީފައިވާއިރު، އެވޯޑް ހޯދި މީހުންނަށް ދިން ޓްރޮފީ އާއި މެޑަލް ތައްޔާރު ކުރުމަށް 585،690ރ. ހަރަދުކުރި އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސި މީޑީއާތަކަށް 309،000ރ. ދިނެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ މުވައްޒަފުން އެވޯޑް ހަފުލާ އަށް ދިިއުމަށް ވަކި ޑްރެސް ކޯޑެއް ތައްޔާރު ކުރުމަށް ޑްރެސް ކޯޑް އެލަވަންސަށް އެކަނިވެސް ސަރުކާރުގެ ބަޖެޓުން 159،000ރ. ވަނީ ހަރަދުކޮށްފަ އެެވެ.

ބޭރުގެ ލެޖެންޑުންނާއި އެކި ގައުމުތަކުގެ ކުޅިވަރާ ބެހޭ ވަޒީރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިއުމަށް ހިންގި ހަރަކާތްތަކަށް 50،000ރ. ހޭދަކޮށްފައިވެ އެވެ. އަދި ސްޕޯޓްސް އެވޯޑްގެ ކުރިން ބޭއްވި އެކި ޕްރޮމޯޝަނަލް އިވެންޓްތަކުގައި ލާނެ ޓީޝާޓްތަކެއް ތައްޔާރު ކުރުމަށް 35،000ރ. ވަނީ ހޭދަކޮށްފަ އެވެ.

މި ހުރިހާ ހަރަދުތަކާ އެކު އެވޯޑް ހަފުުލާ އަށް ހޭދަކޮށްފައި ވަނީ 6,195,735.8ރ. އެވެ. ސްޕޮންސަރުންގެ ގޮތުގައި އެވޯޑަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ސްޕޯޓްސް އެވޯޑަށް ކުންފުނިތަކުން ސްޕޮންސާ ކުރި އަދަދުތައް:

- އެމްޓީސީސީ: 100،000ރ.

- ދިރާގު: 100،000ރ.

- ސްޓެލްކޯ: 100،000ރ.

- ފެނަކަ: 100،000ރ.

- އެމްޑަބްލިއުއެސްސީ: 50،000ރ.

- އެޗްޑީސީ: 50،000ރ.