Roadha Mihaaru
ބައެއް ޖަމިއްޔާތައް އުވާލާ ލިސްޓު ބާތިލުކޮށްފި

ސަލަފް އާ އެކު ބައެއް ޖަމިއްޔާތައް އުވާލަން ނެރުނު ލިސްޓު ބާތިލުކުރަން އަންގައިފި

27 ޖުލައި 2023

އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ހަރަކާތްތެރި ޖަމިއްޔާތައް ވެސް ހިމެނޭތީ އެ އިއުލާން ބާތިލްކުރަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަންގަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ހަރަކާތްތެރި ޖަމިއްޔާތައް ވެސް ހިމެނޭތީ އެ އިއުލާން ބާތިލްކުރަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަންގަވައިފި އެވެ.

އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނުގައި ބުނީ 1،989 ޖަމިއްޔާއެއް އުވާލަން ނިންމީ، ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާތީ އަދި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައިނުވާތީ ކަމަށެވެ.

ނަމަވެސް، އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ވަރަށް ހަރަކާތްތެރި ޖަމިއްޔާތައް އުވާލަން ވެސް ނިންމައިފަ އެވެ. އޭގެ ތެރޭގައި ޖަމިއްޔަތުލް ސަލަފާއި ނޫސްވެރިންގެ ޖަމިއްޔާ އަދި ރަށްރަށުގައި ވަރަށް ހަރަކާތްތެރި ކްލަބް/ޖަމިއްޔާތައް ހިމެނެ އެވެ.

އިއުލާނުގައި ބުނީ މަސްލަހަތު އޮތް މީހަކަށް، އެ ޖަމިއްޔާއަކާ ގުޅޭގޮތުން އަންނަ ސެޕްޓެމްބަރު 24 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އޭގެ ކުރިން ޝަކުވާ ހުށަނާޅާ ޖަމިއްޔާތައް އުވާލާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެކަމާ ގުޅިގެން މަހުލޫފު "މިހާރު" އަށް ވިދާޅުވީ މިހާރު އާއްމުކޮށްފައިވާ ލިސްޓު ސަސްޕެންޑުކުރުމަށްފަހު، އެ މައްސަލަ ބެލުމަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަދި ޕާމަނަންޓް ސެކްރެޓަރީއަށް އަންގާފައިވާ ކަމަށެވެ.

"ޖަމިއްޔާތަކުގެ ލިސްޓު އާއްމުކުރުމާ ހަމައަށް ވެސް އެކަމުގެ މައުލޫމާތެއް އަޅުގަނޑަށް އެނގިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އޭގެކުރިން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި، ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިބަރު ކްލަބުތައް ހިމެނޭ ކަމަށެވެ.

"..ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައް ވެސް އެބަ ހިމެނޭ. މިކަމާ ގުޅިގެން ފަރާތްތަކުގެ ކަންބޮޑުވުން ވަނީ އަޅުގަނޑަށް ލިބިފައި." މަހުލޫފު ވިދާޅުވި އެވެ.