Roadha Mihaaru
ކުޅިވަރުތައް ތަފާތު ނުކޮށް ބޮޑު އިންގިލާބެއް ގެނެވިއްޖެ

އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެވިއްޖެ: މަހްލޫފް

18 މާޗް 2023

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް، ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވީ ރޭ އެކުވެނި ސިންތެޓިކް ޓްރެކް ސަރަހައްދުގައި ކުލަގަދަކޮށް ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު މޭގައި އަތް ޖަހާލައިފައި ބުނެލަން ކެރޭ، މި ރާއްޖޭގައި ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތު ނުކޮށް ގެނެސްދީފައި ވާނެކަން،" މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ނުވަ މުބާރާތް ބާއްވާފައި ވާނެ ކަމަށާއި، މި އަހަރު ވެސް ކުޅިވަރުތައް ބާކީ ނުކޮށް ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އޭޝިއާގެ ސާފިން އެސޯސިއޭޝަނާ ވާހަކަ ދެކެވި، މި އަހަރުގެ ޖުލައި މަހު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާގޮތަށް ހަމަޖެހިފައި ވާކަން މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

މީގެ އިތުރުން އެވޯޑްސް އާ ގުޅިގެން ކުޅިވަރު ކުޅުންތެރިންގެ އުންމީދު ބޮޑު ވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ބައެއް ކުޅިވަރުތައް ނުހިމެނޭތީ އެކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށެވެ. މަހުލޫފް ވިދާޅުވީ ބައެއް ކުޅިވަރުތައް މި އެވޯޑްގައި ހިމެނިފައި ނެތީ އެއީ ގައުމީ ޓީމެއް އޮތް ނަމަވެސް ގައުމީ މުބާރާތްތައް ބާއްވާފައި ނުވާތީ ކަމަށެވެ. އަދި އެ ކުޅިވަރުތަކުގެ ގައުމީ މުބާރާތްތަކެއް ބާއްވައި، މި އެވޯޑުން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން މަހްލޫފް ވަނީ އެސޯސިއޭޝަންތަކަށް ހިތްވަރު ދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ބެލިއަސް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށެވެ. އަދި މަޝްރޫއުތައް ގިނަކަމުން ބޭނުންވާ އެންމެ ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ދަތިތައް ކުރިމަތިވާކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށް ހުޅުވާ "އަރުތަ ޖިމް"ގެ މަސައްކަތް ނިމި އަންނަ ހަފްތާ ހުޅުވަން ހަމަޖެހިފައިވާ ކަމަށާއި، ފަސް ޓެނިސް އެރީނާގެ ބިންގާ މި މަހުގެ 22 ވަނަ ދުވަހު އަޅާނެ ކަން މަހްލޫފް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓްގެ ދަށުން ސިންތެޓިކް ޓްރެކްތަކާއި ޓޭބަލް ޓެނިސް ނެޝަނަލް ސެންޓަރާއި ބާސްކެޓްބޯޅަ އެރީނާ އަދި ވޮލީބޯޅަ ސެންޓަރާއި ގައުމީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިވަގުތު 85 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ދާއިރު، މި އަހަރުތެރޭ ރާއްޖޭގައި 50 ވަނަ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ހަމަ އެއާ އެކު 15 ރަށެއްގައި ވޮލީ ކޯޓް ނިމިފައި ވާއިރު 50 އަށް ވުރެ ގިނަ ރަށްރަށުގައި އިތުރު ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ހިންގާ އަރުތަ ޕްރޮގްރާމުގެ ދަށުން ގިނަ އެތުލީޓުންތަކެއް މިހާރު ވެސް އަންނަނީ ޖެމެއިކާ، ފްރާންސް، ކްރޮއޭޝިއާ، ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ ހައި ޕާފޯމަންސް ސެންޓަރުތަކުގައި ތަމްރީނު ހޯދަމުންނެވެ. މަހްލޫފް ވިދާޅުވީ ރޭގެ އެވޯޑް ހަފްލާގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ނައިޖީރިއާގެ މިނިސްޓަ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭ ގެ އެހީއާ އެކު މި ޕްރޮގްރާމްގެ ދަށުން އެތުލީޓުން ނައިޖީރިއާ އަށް ވެސް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.