Roadha Mihaaru

ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެ އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މައްސަލަ ކޮމިޓީ އަށް
މޫސާ ރަޝީދު
މޫސާ ރަޝީދު

29 މާޗް 2022

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވެ އެކަށީގެންވާ ވަރަށް ހިދުމަތް ނުލިބޭތީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސައީދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 16 މެމްބަރަކު ވޯޓު ދެއްވި އެވެ. އެންމެ ދެ ވޯޓުގެ ތަފާތުން އެ މައްސަލަ ފާސްވި އެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީ އަށް ފޮނުވަން ރިޔާސަތުން ވަނީ ނިންމަވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދުގެ ގަރާރުގައި ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޓާޝަރީ ފެންވަރަށް ހިދުމަތް ދޭން ސަރުކާރުން ނިންމައި އެ ކަމަށްވަކި ބޯޑެއް ކަނޑައަޅައި ލ. އަތޮޅުގެ 10 ރަށުގައި ހުރި ސިއްހީ މަރުކަޒުތަކުން މވައްޒަފުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ޓާޝަރީ ހިދުމަތްތައް ގާއިމު ނުކުރެވި، ބަލިމީހުންގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާދިސާތައް ފަރުވާކުޑަކަމާއި ހިންގުން ދޯދިޔާ ވުމުން ހިނގާފައިވާ ކަމަށް ގަރާރުގައިވެ އެވެ.

ސައީދު ވިދާޅުވިގޮތުގައި، ކޮންމެހެން ތިބެން ޖެހޭ ޑޮކްޓަރުން ނެތް އިރު، ގިނަ ޓެސްޓުތައް ވެސް ހެއްދޭނެ ގޮތެއް ލ. ހޮސްޕިޓަލުގައި ނެތެވެ. ހޮސްޕިޓަލް އިމާރާތް ވެސް މަރާމާތު ނުކުރުމުގެ ސަބަބުން ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ސައީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެކަމަށް ބަހުސް ކުރަން ވެސް ވޯޓު ދޭން ދެކޮޅު ހެއްދެވި މެމްބަރުންނަށް ފާޑު ކިޔައިފަ އެވެ. އެއީ ހަމައެކަނި ލ. އަތޮޅު ހޮސްޕިޓަލްގެ މައްސަލައެއް ނޫން ކަމަށާއި ވަރަށް ގިނަ ދާއިރާތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށް ކަމަށް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ އެކަން ދިފާއު ކުރައްވާ މި ސަރުކާރުން ސިއްހީ ދާއިރާ އަށް ކުރަމުން އަންނަ ކަންކަމަށް ތައުރީފް ކޮށްފަ އެވެ.