Roadha Mihaaru
އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި

މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ފާސްކޮށްފި، ސަރުކާރު މެންބަރުންގެ ތާއީދެއް ނެތް!

11 ފެބުރުއަރީ 2024

ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު އިދކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓުން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު އިދކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވޯޓުން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ސަރުކާރުގެ ގިނަ މެމްބަރުން ވޯޓު ނުދެއްވަ އެވެ.

އެ އިސްލާހު ބަލައިގަތުމަށް ވެސް ސަރުކާރުގެ މެންބަރުން ވޯޓު ނުދެއްވަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޯދަމަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީން އިލެކްޝަން ކޮމިޝަނާ ވެސް ބައްދަލުކުރުމަށް ފަހު ނިންމީ ރޯދަމަހުގެ ފަހަށް އިންތިހާބު ފަސްކުރަން ފެންނަ ކަމަށެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެ އެވެ.

އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނު ނުވަތަ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލު ކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، ރޯދަމަހު އިންތިހާބު ނުބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަން ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަން ވާނެ ކަމަށް ޝިފާއުގެ އިސްލާހުގައިވެ އެވެ.

ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލުގައި ސައްހަ ފާހަގައެއް ޖަހާފައިވާ ނަމަ، އެއީ ރަނގަޅު ވޯޓެއްގެ ގޮތުގައި ބެލުމަށް ވެސް ފާސްކޮށްފައި ވެ އެވެ.

މިހާރު ކުރިއަށް ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާއިރު، ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ އަންނަ މާޗު މަހުގެ 17 ހިސާބުގަ އެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ގާނޫނުން ލާޒިމުކުރެ އެވެ.

ރޯދަމަހުގެ ފަހަށް އިންތިހާބު ފަސްކުރުމާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރޯދައިގެ ފަހުން އިތުރު 10 ދުވަސް ވަންދެން މަޑުކުރާ ނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތު ފަހަނަ އަޅައިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ. ގާނޫނުއަސާސީގައި ބުނެފައި ވަނީ މިހާރު ހިނގަމުންދާ މަޖިލިސް މެންބަރުންގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވައި އާ މެންބަރުން އިއުލާންކޮށް ހުރިހާ ކަމެއް ނިންމަންޖެހޭ ކަމަށެވެ.

"ބިލުގައި ރޯދަ މަސް ނިމިގެން 10 ދުވަސް އޮތީމާ ގާނޫނުއަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ކިރިޔާ ލިބެނީ. ވޯޓު ގުނައި ނަތީޖާ އިއުލާން ކުރަން ހަ ދުވަސް ލިބޭނީ. ހަތް ދުވަސް ނުވެސް ލިބޭނެ." ހަބީބް ވިދާޅުވެފައި ވެ އެވެ.