Roadha Mihaaru

މަޖިލިސް އިންތިހާބުގެ ތާރީހު އަދިވެސް ބަދަލު ކުރެވިދާނެ، އެކަމަށް ތާއީދު ކުރަން: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަދިވެސް ބަދަލު ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް ތާއީދު ވެސް ކުރާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން މިއަދު ބުނެފި އެވެ.

އިންތިހާބުގެ ތާރީހު ބަދަލުކުރަން ތާއީދުކުރަން: ޕީޕީއެމް
ނާޒިމް ހަސަން
ނާޒިމް ހަސަން

23 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަދިވެސް ބަދަލު ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަށް ތާއީދު ވެސް ކުރާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ އިންތިހާބު ބާއްވާށެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރެ އެވެ.

މަޖިލިސް އިންތިހާބުގެ ގައުމީ ލަފާ ދޭ ކޮމިޓީގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، އިންތިހާބު ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީހު ބަދަލު ކުރަން އަދިވެސް ޖާގަ އެބައޮތް ކަމަށާއި އެއީ އެކަމަށް އެއްވެސް ޕާޓީއަކުން އެއްބަސްވެގެން ކަނޑައަޅާފައިވާ ތާރީހެއް ނޫން ކަމަށެވެ.

މިހާރު ކުރިއަށްދާ ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާއިރު، ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު މަހުގެ 17 ހިސާބުގަ އެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ގާނޫނުން ލާޒިމުކުރެ އެވެ.

އިންތިހާބު ރޯދަ މަހުގެ ފަހަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހުށަހެޅުއްވި ނަމަވެސް، އިލެކްޝަން ކޮމިޝަނުން ބުނެފައި ވަނީ ގާނޫނު ބަދަލުކޮށްގެން ނޫނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލުކުރުމަކީ އަދިވެސް ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ކަމަށާއި ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް އޮތް ނަމަ ޕީޕީއެމް ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ތާރީހު ބަދަލުކުރަން ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުގެ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވަންދެން 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ނައިފަރު ދާއިރާ ތަމްސީލު ކުރެއްވި ޝިޔާމް ވިދާޅުވި ގޮތުގައި، ރޯދަމަސް ތެރޭގައި ސިޔާސީ މަސައްކަތްތައް އުނދަގޫވާނެ އެވެ. އެ ހާލަތުގައި އިންތިހާބު ބޭއްވުމުން ނުކުންނާނީ އެންމެ އެދެވޭ ނާތީޖާ ކަމާ މެދު ވެސް ސުވާލު އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަން ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވަން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ނަަމަވެސް، އެކަން ކުރަން ޖެހުނީ އެކަޑެމިކް ކަލަންޑަރަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަ މަހުގެ ފަހު 10 ފެށޭ ދުވަހަށެވެ. އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެ ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ.

ނަމަވެސް އެ ކޮމިޓީގެ ލަފާގައި ބުނެފައި ވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަމަހަށް ފަހު ވެސް ލިބޭތީ ރޯދަމަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރޯދަމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުކުރަން ސަރުކާރުން ކަނޑަޅާފައިވާތީ އާއި އޭގެ ފަހުން އީދު އަންނާތީ އިދާރީ ގިނަ މަސައްކަތްތަކަށް ގޮންޖެހުންތައް ހުރި ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް އީސީން ދެ ގޮތެއް ހުށަހެޅި އެވެ. އެއް ގޮތަކީ ގާނޫނުގައި ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް ދޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކޮށްލުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗު 9 ގައި އިންތިހާބު ބޭއްވިދާނެ އެވެ.

ދެ ވަނަ ގޮތަކީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. އޭރުން އިންތިހާބުގެ މަސައްކަތް ކުރިން ފަށައި އަވަހަށް އިންތިހާބު ބޭއްވިދާނެ އެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއް އޭރު މަޖިލީހުގެ ކޮމިޓީން ފާސްކޮށް ނުދިނެވެ.

ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެންބަރުން އޭރު ތުހުމަތު ކުރެއްވި ގޮތުގައި އިލެކްޝަން ކޮމިޝަނުން ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަނީ އެކަމަށް ސަރުކާރުން އެދިފައިވާތީ އެވެ. އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ، އެ ކޮމިޝަނުން ކޮމިޓީ އަށް އައީ ތާރީހު ބަދަލުކުރަން އެދެން ނޫން ކަމަށާއި މި ކަމުގައި ސަރުކާރުން ވަކި ގޮތަކަށް އަމަލުކުރަން ވެސް އަންގާފައިނުވާ ކަމަށެވެ.