Roadha Mihaaru
ތެލުގެ އަގު ބޮޑުވަނީ ލިބޭ އަގު ވެސް ބޮޑުވާތީ:އެސްޓީއޯ

ކަރަންޓް އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުކުރަނީ ގަންނަން ލިބޭ އަގު ބޮޑުވުމުން: އެސްޓީއޯ

22 ޑިސެމްބަރ 2016

ކަރަންޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކުރަމުން ދަނީ ބައިނަލްއަގުވާމީ މާކެޓްގައި ތެލުގެ އަގު ވެސް ބޮޑުވާތީ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކަރަންޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކުރަމުން ދަނީ ބައިނަލްއަގުވާމީ މާކެޓްގައި ތެލުގެ އަގު ވެސް ބޮޑުވާތީ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާކުރިކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުން ކަމަށެވެ. އެހެންކަމުން އެސްޓީއޯ އަށް ގަންނަން ލިބޭ އަގު ބޮޑުވުމުން އެ ކުންފުނިން ވިއްކާ އަގު ވެސް ބޮޑުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް މާކެޓްގައި ތެލުގެ އަގު ހުރީ މައްޗަށް. އިންޓަނޭޝަނަލް މާކެޓްގެ އަގު ބޮޑުވަމުންދާތީ އެސްޓީއޯ އިން ވެސް ބޮޑުކުރަމުން ދަނީ،" ޝަހީރު ވިދާޅުވި އެވެ.

އެކަމަކު ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެނަކަ އަށް ތެޔޮ ވިއްކާ އަގު އެސްޓީއޯ އިން ބޮޑުކުރިޔަސް އެ ކުންފުނީގެ ފިއުލް ސަޕްލައިސްގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގެއް ބޮޑެއްނުކުރެ އެވެ. އޭގެ ސަބަބެއް އެސްޓީއޯ އިން ނުބުނެ އެވެ.

ޝަހީރު ވިދާޅުވީ ޝެޑުތަކުން އާއްމުންނަށް ވިއްކާ ތެލަކީ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސް ޕަސެންޓް ކަމަށެވެ. އެއީ އެސްޓީއޯގެ ތެލުގެ މުޅި ވިޔަފާރީގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ސްޓެލްކޯ އާއި ފެނަކަ އަށް ތެޔޮ ވިއްކަމުން ގެންދަނީ ފައިދާގެ ގޮތުގައި ކިހާ މިންވަރެއް ހިމަނައިގެން ކަމެއް ނުބުނެ އެވެ.

އެސްޓީއޯ އިން މަހަކު ތިން މިލިއަން ފީފާގެ ތެޔޮ ރާއްޖެ އެތެރެކުރެ އެވެ.

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ އެވްރެޖްކޮށް 52 ޑޮލަރުގަ އެވެ.

އެކަމަކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، 36 ޑޮލަރަށް ވެސް ވެއްޓުނެވެ. އޭގެ ފަހުން ތެޔޮ ފީފާއެއްގެ އަގު ފުރަތަމަ ފަހަރަށް 50 ޑޮލަރަށް ވުރެ މައްޗަށް އެރީ މި އަހަރުގެ ޖޫން މަހު އެވެ.

މިހާރު ކުޑަކޮށް އަނެއްކާވެސް އަގު މައްޗަށް ޖެހިލީ އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ވަރު މަދުކުރަން ނިންމުމުންނެވެ.