Roadha Mihaaru
ސްޓެލްކޯ އިން ވެސް ފިއުލް ޗާޖެއް ނުނަގާނެ

ސްޓެލްކޯ އިން ވެސް ފިއުލް ޗާޖެއް ނުނަގާނެ

10 ޖުލައި 2017

ފިއުލް ސާޗާޖް ނަގާ މިންގަނޑަށް ވުރެ ދަށް އަގުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާތީ، ކަރަންޓު ބިލްތަކުގައި ފިއުލް ސާޖް ނުހިމަނާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފިއުލް ސާޗާޖް ނަގާ މިންގަނޑަށް ވުރެ ދަށް އަގުގައި އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާތީ، ކަރަންޓު ބިލްތަކުގައި ފިއުލް ސާޖް ނުހިމަނާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ތެލުގެ ޑިއުޓީގެ ގޮތުގައި ނަގަމުން އައި މިންވަރު ފަސް ޕަސެންޓަށް މިދިޔަ މަހު ކުޑަކުރުމާ ގުޅިގެން ސްޓެލްކޯގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ވަނީ ފިއުލްް ސާޗާޖް ކަނޑާލައިފަ އެވެ.

ސްޓެލްކޯއިން މިދިޔަ އޭޕްރިލް 23 އިން ފެށިގެން ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން އައީ ޔުނިޓަކަށް 35 ލާރި އެވެ. އޭރު އެ ކުންފުންޏަށް ޑީސަލް ލީޓަރެއް ގަންނަން ލިބުނީ 9.18ރ. އެވެ. ނަމަވެސް ޑިއުޓީ ކުޑަކުރުމާ ގުޅިގެން ސްޓެލްކޯއަށް މިހާރު ތެޔޮ ލީޓަރެއް ގަންނަން ލިބެނީ 7.94ރ. އެވެ.

ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކަށް އެނާޖީ އޮތޯރިޓީން ހުއްދަ ދީފައި ވަނީ ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ އިތުރުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމަށެވެ.

ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުން އައި މިންވަރު އުނިކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުއްލަތީފް ވިދާޅުވީ، ފިއުލް ސާޗާޖު އުނިކުރުމުން އެ ކުންފުނީގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކުން ފިއުލް ސާޗާޖުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މަހަކު 8.54 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށެވެ.