Roadha Mihaaru
ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށްދޭން ހޮޅިއެއް އަޅަނީ

ސްޓެލްކޯ އަށް ތެޔޮ ފޯރުކޮށްދޭން އެސްޓީއޯ އިން ތެޔޮ ހޮޅިއެއް އަޅަނީ

17 އެޕްރީލް 2018

ސްޓެލްކޯ އަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަން، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސްޓެލްކޯ އިންޖީނުގެ އަށް 1.2 ކިލޯ މީޓަރުގެ ހޮޅިއެއް އެޅުމަށް ޕްރޮޖެކްޓް ޑިޒައިންކޮށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެސްޓީއޯ އިން އިއުލާންކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސްޓެލްކޯ އަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަން، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސްޓެލްކޯ އިންޖީނުގެ އަށް 1.2 ކިލޯ މީޓަރުގެ ހޮޅިއެއް އެޅުމަށް ޕްރޮޖެކްޓް ޑިޒައިންކޮށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އެސްޓީއޯ އިން އިއުލާންކޮށްފި އެވެ.

އެސްޓީޢޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ތެޔޮ ހޮޅި އަޅަން ޕްރޮޖެކްޓް ޑިޒައިންކުރުމާއި ޓެކްނިކަލް ކޮންސަލްޓެންސީ އަދި ޕްރޮޖެކްޓް ހިންގައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން އެ ޕްރޮޖެކްޓަށް ބިޑްކުރާ ފަރާތްތަކުގެ ތެރެއިން 60 ޕަސެންޓް މާކްސް ދޭނީ ހުށަހަޅާ އަގަށެވެ. އަދި ޑިޒައިން ކުރުމަށް ހޭދަވާނެ މުއްދަތަށް 20 ޕަސެންޓް މާކްސް ދޭއިރު ތަޖުރިބާ އަށް 20 ޕަސެންޓް މާކްސް ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެސްޓީއޯ އިން ނެރުނު އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ސްޓެލްކޯ އަށް ކުރިޔަށް އޮތްތަނުގައި ތެޔޮ ސަޕްލައިކުރަން ނިންމާފައި ވަނީ އިންޑަސްޓްރިއަލް ވިލެޖްގައި ބަހައްޓާ ޓޭންކްތަކެއް މެދުވެރިކޮށް ކަމަށެވެ.

"އެތަނުގައި ތެޔޮ ވިއްކަން ޑިސްޕެންސަރުތަކެއް ހަދާއިރު ބޮޑެތި ޓޭންކްތަކެއް ވަޅުލަން ވަނީ ހަމަޖައްސާފައި. އެ ޓޭންކްތަކުން ސްޓެލްކޯ އަށް ތެޔޮ ސަޕްލައިކުރަން ހޮޅިއެއް ވަޅުލަނީ،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ އިންޖީނުގެ އަށް ބޭނުންވާ ތެޔޮ ސަޕްލައިކުރަނީ ސްޓްލްކޯއާ ދިމާލު ފަޅުތެރޭގައި ހަދާފައިވާ ޕަންޕް ސްޓޭޝަނެއް މެދުވެރިކޮށެވެ. އެ ޕަންޕު ސްޓޭޝަނަށް ތެޔޮ އަޅަނީ ފުނަދޫން ބާޖުގައި ތެޔޮ ގެނެސްގެންނެވެ.

އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސްޓެލްކޯއަށް މަހަކު 10 މިލިއަން ލީޓަރުގެ ތެޔޮ ސަޕްލައިކުރެ އެވެ.

އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯ އިންޖީނުގެ އަށް ތެޔޮ ހޮޅިއެއް އަޅާއިރު، ބްރިޖަށް ދަތުރުކުރަން އެ މަގު 16 މީޓަރަށް ފުޅާކުރަން މަސައްކަތް ވަނީ ފަށައިފަ އެވެ.