Roadha Mihaaru
ފެނަކަ އިން ވެސް ތެލުގެ ސާޗާޖަށް 27ލ. ނަގަނީ

ފެނަކައިން ވެސް ތެލުގެ ސާޗާޖު 27ލ. އަށް ބޮޑުކޮށްފި

22 ޑިސެމްބަރ 2016

ކަރަންޓް އުފައްދާ ކުންފުނިތަކަށް އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ލީޓަރެއް 8.91 ލާރި އަށް ބޮޑުކުރުމުން ފެނަކަ އިން ވެސް ތެލުގެ ސާޗާޖްގެ ގޮތުގައި ޔުނިޓަކަށް ނަގާ މިންވަރު 27 ލާރި އަށް ބޮޑުކޮށްފި އެވެ. ނަމަވެސް އެ ކުންފުނިން ތެލުގެ ސާޗާޖަށް ބަދަލު ގެނައި ދުވަހެއް ނުބުނެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކަރަންޓް އުފައްދާ ކުންފުނިތަކަށް އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ލީޓަރެއް 8.91 ލާރި އަށް ބޮޑުކުރުމުން ފެނަކަ އިން ވެސް ތެލުގެ ސާޗާޖްގެ ގޮތުގައި ޔުނިޓަކަށް ނަގާ މިންވަރު 27 ލާރި އަށް ބޮޑުކޮށްފި އެވެ. ނަމަވެސް އެ ކުންފުނިން ތެލުގެ ސާޗާޖަށް ބަދަލު ގެނައި ދުވަހެއް ނުބުނެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ތެލުގެ ސާޗާޖް ބޮޑުކުރަމުން އަންނަނީ އެ ކުންފުންޏަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ކަމަށެވެ. އެ ގޮތުން ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާ ނަމަ ކޮންމެ ދިހަ ލާރިއަކުން ތިން ލާރި ސާޗާޖުގެ ގޮތުގައި އެ ކުންފުނިން ވެސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެސްޓީއޯއާ އެބަ މަޝްވަރާކުރަން ކަރަންޓުގެ އަގު ހެޔޮކުރެވޭނެ އެހެން ގޮތްތަކެއް ހޯދަން. އެ ކަންތައް ހަމަޖެހުމުން އޭގެ ތަފުސީލްތައް އާއްމުކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަޖެހިފައި އޮންނަނީ އެސްޓީއޯ އިން ރަށްރަށަށް ތެޔޮ ސަޕްލައި ކޮށްދޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން އަމިއްލަ އަށް ސަޕްލައި ކުރީމަ ތެލަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ފެނަކަ އިން ކަރަންޓުގެ ހިދުމަތް ދޭ 152 ރަށުގައި ކަރަންޓް އުފައްދަން ތެލަށް މަހަކު 60 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ކުންފުނިން ތެލުގެ ސާޗާޖަށް ގެނައި ބަދަލާ ގުޅިގެން މަހަކު އެވްރެޖްކޮށް 500 ޔުނިޓްގެ ކަރަންޓް ބޭނުންކުރާ ގެއަކުން ސާޗާޖުގެ ގޮތުގައި 135ރ. ދައްކަން ޖެހޭނެ އެވެ.

އެ ކުންފުނިން ތެލުގެ ސާޗާޖު ބޮޑު ކުރިއިރު ސްޓެލްކޯ އިން ވެސް މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ޔުނިޓަކަށް 27 ލާރި ނަގަން ވަނީ ނިންމައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލު ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކުރި އެވެ. އަދި އެއާ އެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ކަރަންޓުގެ އަގަށް އޭގެ ފަހުން އެއްވެސް ހެޔޮ ބަދަލެއް ގެނެސްފައެއް ނުވެ އެވެ.