Roadha Mihaaru
ރައްޔިތުންގެ ހިޔާލުން ދެކުނު ތަރައްގީކުރާނަން: ރައީސް

ރައްޔިތުން ދިން ހިޔާލާއި މަޝްވަރާއިން ފުވައްމުލަކާ އައްޑޫ ތަރައްގީކުރާނަން: ރައީސް

29 މާޗް 2022

ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި އައްޑޫއާ ފުވައްމުލަކު ސިޓީ ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި އައްޑޫއާ ފުވައްމުލަކު ސިޓީ ތަރައްގީކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އެ ދެ އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެއަށްފަހު އެ މަނިކުފާނު ވިދާޅުވީ ފުވައްމުލަކާއި އައްޑޫގެ ތަރައްގީއާ ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ފުވައްމުލަކަށެވެ. އެ ރަށުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށް ފަހު އެ މަނިކުފާނު ވަނީ ފުވައްމުލަކުގެ ތަރައްގީއަށް ބޮޑު ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި އެއާޕޯޓު ބޮޑުކުރުމާއި ހައުސިން ޔުނިޓު އެޅުމާއި މަގު ހެދުން އަދި ފުވައްމުލަކުގައި 50 އެނދުގެ އާ ހޮސްޕިޓަލެއް އަޅައި ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް ހާއްސަކުރުން ހިމެނެ އެވެ.

އައްޑުއަށް ވަޑައިގެން ރައީސް ވަނީ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ ބިޔަ މަޝްރޫއު ފައްޓަވައިދެއްވައިފަ އެވެ.

އެ ސިޓީގެ ރައްޔިތުންނަށް ދެއްވި މާހެފުމުގައި އެ މަނިކުފާނު ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް މި ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ ބޭކާރު ހަރަދެއް ނޫން ކަމަށާއި ރާއްޖޭގެ ތަރައްގީގައި އައްޑޫ މުހިއްމު ދައުރެއް އަދާކުރާ ކަމަށް ވެސް، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.

"އަބަދުވެސް ދައްކާ ވާހަކައެއް، އައްޑޫ ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުވާނެ. އެއީ ހަގީގަތެއް. އެ ހަގީގަތުގެ މައްޗަށް ބުރަވެ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނީ. ރާއްޖެ ތަރައްގީކުރުމުގައި މި ވޭތުވެދިޔަ ތަނުގައި މި ސިޓީގެ ވަރަށް ގިނަ ބައެއްގެ ހިއްސާ ލިބިފައިވޭ،" ރައީސް ވިދާޅުވި އެވެ.