Roadha Mihaaru
ހާޓްއެޓޭކް ޖެހުނު ދަނޑުގައި އެރިކްސަން ލަނޑުޖަހައިފި

ހާޓްއެޓޭކް ޖެހުނު ދަނޑުގައި ވެސް އެރިކްސަން ލަނޑު ޖަހައިފި

30 މާޗް 2022

ކޯޕަންހޭގަން (މާޗް 30) - މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކުގެ ރަސްމީ ފުޓުބޯޅަ ދަނޑު ކަމަށްވާ ޕާކެން ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހުނު ކްރިސްޓިއަން އެރިކްސަން، އެ ދަނޑަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކަށް ގޯލު ޖަހައިދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކޯޕަންހޭގަން (މާޗް 30) - މިދިޔަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކުގެ ރަސްމީ ފުޓުބޯޅަ ދަނޑު ކަމަށްވާ ޕާކެން ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހުނު ކްރިސްޓިއަން އެރިކްސަން، އެ ދަނޑަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޑެންމާކަށް ގޯލު ޖަހައިދީފި އެވެ.

އޭނާ މި ލަނޑު ޖެހީ ޔޫރޯ މުބާރާތުގައި ދިމާވި ހާދިސާގެ 290 ދުވަސް ފަހުންނެވެ. ރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި އެރިކްސަން ކުޅެން ނުކުތީ ވެސް ފުރަތަމަ 11 ގައި ހިމެނިގެން ޓީމުގެ ކެޕްޓަން ބޭންޑާ ވެސް އެކު އެވެ. އެ ހާދިސާ އަށް ފަހު، އެންމެ ފުރަތަމަ މިދިޔަ ހޮނިހިރު ދުވަހު އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުމެ ލަނޑު ޖަހައިފަ އެވެ.

ކުޅުނު ރަހުމަތްތެރިކަމުގެ މެޗް ޑެންމާކް ކާމިޔާބުކުރީ ސާބިއާއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑު 15 ވަނަ މިނިޓުގައި ޖެހީ ޔޯކިމް މޭލެ އެވެ. ދެވަނަ ލަނޑު 53 ވަނަ މިނިޓުގައި ޖެހީ ޔެސްޕާ ލިންޑްސްޓްރޯމް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އެރިކްސަން ލަނޑު ޖެހީ ދެވަނަ ލަނޑު ޖެހިތާ ހަތަރު މިނިޓު ފަހުން 57 ވަނަ މިނިޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ކްރިސްޓިއަން ނޯގާޑް ދިން ބޯޅައެއް އޭރިއާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 111 ވަނަ މެޗުން ޖެހި 38 ވަނަ ލަނޑެވެ.

ޑެންމާކާއި ސާބިއާ ވެސް ވަނީ މި އަހަރު ނޮވެމްބަރުގައި ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ.

ރޭ ކުޅުނު، ރަހުމަތްތެރިކަމުގެ އިތުރު މެޗުތަކުގެ ތެރެއިން ނޯވޭ އިން ވަނީ އެކަކު މަދުކޮށް ކުޅުނު އަރުމީނިއާ 9-0 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ޖޯޝުއާ ކިންގް ހެޓްރިކް ހެދިއިރު، އާލިން ބްރައުޓް ހާލަންޑާއި އެލެކްޒެންޑާ ސޯލޮތު ދެ ލަނޑު ޖެހި އެވެ. އަދި ކްރިސްޓިއަން ތޯސްޓްވެޑާއި މެޓްސް މޮލާ ޑޭލީ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.

ނޯވޭގެ ނުވަ ލަނޑު ވެސް ޖެހީ މެޗުގެ 17 ވަނަ މިނިޓުގައި އަރުމީނިއާ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައި ވަނިކޮށެވެ.

ހަންސް ވަނަކެން އާއި ލިއަންޑްރޯ ޓްރޮސާޑް އަދި ކްރިސްޓިއަން ބެންޓެކޭގެ ލަނޑުތަކުން ބެލްޖިއަމް 3-0 އިން ބުރްކީނާ ފާސޯ ބަލިކުރިއިރު، އިންގްލެންޑުން ވެސް ވަނީ ހަމަ މި ނަތީޖާ އިން އައިވަރީ ކޯސްޓް ބަލިކޮށްފަ އެވެ. އޮލީ ވަޓްކިންސް 30 ވަނަ މިނިޓުގައި އިންގްލެންޑަށް ލީޑު ނަގައިދީފައި ވަނިކޮށް އައިވަރީ ކޯސްޓުގެ ސާޖް އޮރިއޭ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކި އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ރަހީމް ސްޓާލިން އިންގްލެންޑަށް ލީޑު ފުޅާ ކޮށްދިންއިރު ތިންވަނަ ލަނޑު ޓައިރޯން މިންސް ޖެހީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ.

ސްޕެއިން އާއި ފްރާންސް ވެސް ވަނީ ކުޅުނު މެޗު 5-0 އިން ކާމިޔާބު ކޮށްފަ އެވެ. ސްޕެއިން އިން އައިސްލެންޑް ބަލިކުރި މެޗުގައި އަލްވަރޯ މޮރާޓާ އާއި ޕަބްލޯ ސެރާބިއާ ދެ ލަނޑު ޖެހިއިރު ޔެރެމީ ޕީނޯ ވެސް ލަނޑެއް ޖަހައިދިނެވެ.

ފްރާންސް ވަނީ ސައުތު އެފްރިކާއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ފްރާންސަށް ލަނޑުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ، އޮލިވިއޭ ޖިރޫ، ވިސާމް ބެން ޔެޑާ އަދި މަޓެއޯ ގުއެންޑޯޒީ އެވެ.

ކޮލިފައިން ޕްލޭއޮފްގައި މެސެޑޯނިއާ އަތުން ބަލިވެ، ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު އިޓަލީ ވަނީ ތުރުކީއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 3-2 އިން ކާމިޔާބު ކޮށްފަ އެވެ. އަދި ނެދަލެންޑްސް އާއި ޖަރުމަން ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.