Roadha Mihaaru
ހާޓް އެޓޭކަށްފަހު އެނބުރިއައިސް އެރިކްސަން ގޯލްޖަހައިފި

ހާޓް އެޓޭކަށްފަހު އެރިކްސަން ޑެންމާކަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައިފި

27 މާޗް 2022

އެމްސްޓަޑަމް (މާޗް 27) - ހާޓް އެޓޭކް ޖެހުނުތާ ނުވަ މަސް ފަހުން ޑެންމާކުގެ ގައުމީ ޓީމަށް އެނބުރި އައި މެޗުގައި ކްރިސްޓިއަން އެރިކްސަން ލަނޑު ޖަހައިފި އެވެ.

އެމްސްޓަޑަމް (މާޗް 27) - ހާޓް އެޓޭކް ޖެހުނުތާ ނުވަ މަސް ފަހުން ޑެންމާކުގެ ގައުމީ ޓީމަށް އެނބުރި އައި މެޗުގައި ކްރިސްޓިއަން އެރިކްސަން ލަނޑު ޖަހައިފި އެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، ރޭ ނެދަލެންޑްސް އާދެކޮޅަށް ޑެންމާކު ކުޅުނު މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ޖެހީ އެރިކްސަން އެވެ. ނެދަލެންޑްސްއިން މެޗު ކާމިޔާބު ކުރީ 4-2 ންނެވެ.

އެރިކްސަން އަށް ހާޓް އެޓޭކެއް ޖެހުނީ މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގަ އެވެ. ފިންލެންޑާ ދެކޮޅަށް ކުޅުނު އެމެޗުގެ 41 ވަނަ މިނެޓްގައި އޭނާ ދަނޑުމައްޗަށް ވެއްޓުނެވެ. ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އޭނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. އެހާހިސާބުން އެމެޗު މެދުކަނޑައިލި އެވެ. އަލުން މެޗު ފެށީ ދޮޅުގަނޑިއިރު ފަހުންނެވެ.

ސެޕްޓެމްބަރު އަދި ނޮވެމްބަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކްލަބެއް ނެތި ހޭދަ ކުރި އެރިކްސަން އަށް ޑެންމާކުގެ ކޯޗު ކެސްޕާ ހިއުލްމަންޑް ފުރުސަތު ދިނީ ބްރެންޓްފޯޑަށް ކުޅެމުންދާތީ އެވެ. އެރިކްސަން އެޓީމަށް ބަދަލުވީ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ. އެއީ އޭރު އޭނާ އެއްބަސްވުން ހަދައިފައިވާ ކްލަބް، އިންޓަ މިލާންއިން އޭނާގެ ކޮންޓްރެކްޓް ބާތިލް ކޮށްދިނުމުންނެވެ.

އެރިކްސަންގެ އެދުމަށް އިންޓައިން ކޮންޓްރެކްޓް ބާތިލު ކުރީ، އިޓަލީގެ ޑޮމެސްޓިކް ލީގުގެ ހެލްތު ގައިޑްލައިންގެ ދަށުން އޭނާ އަށް އިޓަލީގައި ނުކުޅެވޭނެތީ އެވެ.

ނުވަ މަސް ފަހުން، މިދިޔަ ހަފުތާގައި ގައުމީ ޓީމަށް ނެގިނަމަވެސް ކުރިން ބެލެވިފައި އޮތީ ނެދަލެންޑްސް މެޗުގައި އެރިކްސަނަށް ނުކުޅެވޭނެ ކަމަށެވެ. އެއީ މިދިޔަ އާދިއްތަ ދުވަހު ލެސްޓާ ސިޓީ އާދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ޕޮޒިޓިވް ވެފައިވާތީ އެވެ.

ބްރެންޑްފޯޑަށް އިންޓަ ސޮއި ކުރީ ކުރު މުއްދަތަކަށެވެ. އޭނާގެ ކޮންޓްރެކްޓް ޖޫންގައި ހަމަވާނެ އެވެ. ޕްރިމިއަ ލީގުގައި އެޓީމާއެކު އޭނާ ވަނީ ތިން މެޗުގައި ލަނޑު ޖަހައިފަ އެވެ.

އެރިކްސަން ބުނެފައި ވަނީ، މިއަހަރު ނޮވެމްބަރު ޑިސެމްބަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅުމަކީ އޭނާގެ އުންމިދެއް ކަމަށެވެ.