Roadha Mihaaru
ހާޓް އެޓޭކަށް ނުވަމަސް ފަހުން އެރިކްސަން ގައުމީ ޓީމަށް

ހާޓް އެޓޭކް ޖެހުނުތާ ނުވަ މަސް ފަހުން އެރިކްސަން އަލުން ޑެންމާކް ޓީމަށް

16 މާޗް 2022

ކޯޕެންހޭގަން (މާޗް 16) - ހާޓް އެޓޭކް ޖުހުނުތާ ނުވަ މަސް ފަހުން ޑެންމާކުގެ ގައުމީ ޓީމަށް ކްރިސްޓިއަން އެރިކްސަން ފުރަތަމަ ފަހަރަށް ނަގައިފި އެވެ.

ކޯޕެންހޭގަން (މާޗް 16) - ހާޓް އެޓޭކް ޖުހުނުތާ ނުވަ މަސް ފަހުން ޑެންމާކުގެ ގައުމީ ޓީމަށް ކްރިސްޓިއަން އެރިކްސަން ފުރަތަމަ ފަހަރަށް ނަގައިފި އެވެ.

އިނގިރޭސި ވިލާތުގެ ބްރެންޓްފޯޑަށް މިހާރު ކުޅެމުން އަންނަ މިޑްފީލްޑަރު ޑެންމާކު ޓީމަށް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގައި ފިންލެންޑާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓްގައި އެރިކްސަނަށް ހާޓް އެޓޭކެއް ޖެހި ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެ މެޗު އެހާ ހިސާބުން މެދުކަނޑާލައި އަލުން ފެށީ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ.

އޭގެ ފަހުން އަލުން ކުޅެން ނުކުތީ ބްރެންޓްފޯޑްގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ތިން މެޗުގައި ބްރެންޓްފޯޑަށް ކުޅެފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނެވެ. އެއީ ބާންލީ އާއީ ނޯރިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބާންލީއާ ދެކޮޅަށް ބްރެންޓްފޯޑް ކުޅުނު މެޗުގައި އެރިކްސަން ދިން ޕާހަކުން އީވާން ޓޮނީ ލަނޑު ޖެހި އެވެ.

ބްރެންޓްފޯޑަށް އެރިކްސަން ސޮއިކުރީ ކުރިން އޭނާ ކުޅުނު ކްލަބް އިންޓަ މިލާންގައި ކުޅެވެން ނެތުމުންނެވެ. އިޓަލީ ލީގުގެ ސިއްހީ ގައިޑްލައިންގެ ދަށުން އެރިކްސަނަށް އެ ލީގުގައި ކުޅުމުގެއް ހުއްދައެއް ނުލިބެ އެވެ. އެހެންވެ އޭނާގެ އެދުމުގެމަތިން އިންޓައިން ކޮންޓްރެކްޓް ބާތިލުކުރި އެވެ. ބްރެންޓްފޯޑަށް އެރިކްސަން ސޮއިކުރީ ހަ މަސް ދުވަހުގެ އެއްބަސްވުމުގެ ދަށުން މިދިޔަ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގަ އެވެ.

އެރިކްސަން މީގެ ކުރިން ބުނެފައި ވަނީ ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕްގައި ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ޑެންމާކުން އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. އެއީ ނެދަލެންޑްސް އާއި ސާބިއާއާ ދެކޮޅަށެވެ.