Roadha Mihaaru
ހާޓްއެޓޭކަށް ތިން އަހަރު، އެރިކްސަން އައީ ވަރުގަދަކޮށް

ޔޫރޯގައި ހާޓްއެޓޭކް ޖެހުނުތާ ތިން އަހަރު، އެރިކްސަން އެނބުރި އައީ މާ ވަރުގަދަކޮށް

17 ޖޫން 2024

ސްޓުޓްގާޓް (ޖޫން 16) - މީގެ ތިން އަހަރު ކުރިން ކުޅުނު ޔޫރޯގައި ހާޓްއެޓޭކް ޖެހުނު ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، މިއަހަރުގެ ޔޫރޯގައި އެގައުމުން ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައިފި އެވެ.

ސްޓުޓްގާޓް (ޖޫން 16) - މީގެ ތިން އަހަރު ކުރިން ކުޅުނު ޔޫރޯގައި ހާޓްއެޓޭކް ޖެހުނު ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، މިއަހަރުގެ ޔޫރޯގައި އެގައުމުން ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖަހައިފި އެވެ.

މިރޭ ސްލޮވީނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އުމުރުން 32 އަހަރުގެ އެރިކްސަން ވަނީ 17 ވަނަ މިނިޓުގައި ޑެންމާކަށް ލީޑު ނަގައިދީފަ އެވެ. އެ ގޯލުން ޑެންމާކް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް 77 ވަނަ މިނިޓުގައި ސްލޮވީނިއާގެ އެރިކް ޔަންޒާ ޖަހައިދިން ގޯލާއެކު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ.

އެރިކްސަން ގޯލު ޖަހާފައި މިވަނީ، 2021 ވަނަ އަހަރު ކުޅުނު "ޔޫރޯ 2020" ގައި، އެގައުމުގައި ކުޅުނު މެޗުގައި، ހާޓްއެޓޭކް ޖެހުނުތާ 1،100 ދުވަސް ފަހުންނެވެ.

އެރިކްސަން މިރޭގެ މެޗުގައި ޑެންމާކަށް ގޯލު ޖެހައިދެނީ.-- ފޮޓޯ: އޭއެފްޕީ

އެރިކްސަން މިރޭގެ މެޗުގައި ޑެންމާކަށް ގޯލު ޖެހައިދެނީ.-- ފޮޓޯ: އޭއެފްޕީ

ކޮވިޑާ ގުޅިގެން ފަސްކުރެވުނު އެ މުބާރާތުގައި ޑެންމާކް ފުރަތަމަ ކުޅުނީ ފިންލެންޑާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓުގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނުއިރު، ދެ ޓީމަށް ވެސް ލަނޑެއް ނުޖެހެ އެވެ.

އެއަށް ފަހު މެޗު މެދުކަނޑާލައި، ބާކީ ބައި ކުރިއަށް ގެންދަން ނިންމީ ދޮޅުގަޑިއިރަށް ފަހު އެވެ. އެ މެޗު ނިމުނީ 1-0 އިން ޑެންމާކް ބަލިވެގެންނެވެ. އެކަމަކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދިނީ އެރިކްސަން އަށެވެެ.

ހާޓްއެޓޭކްގެ ސަބަބުން އެރިކްސަން އަށް މުޅި މުބާރާތް ގެއްލުނު ނަމަވެސް ޑެންމާކް އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ. ޑެންމާކް ސެމީ އިން ކެޓީ އިންގްލެންޑް އަތްދަށުވެގެންނެވެ.

މިއަހަރުގެ މުބާރާތުގައި ޑެންމާކް ހިމެނެނީ އިންގްލެންޑާ އެއް ގުރޫޕެއްގަ އެވެ. ގުރޫޕް ސްޓޭޖުގައި ޑެންމާކް ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހެނީ އިންގްލެންޑާ ދެކޮޅަށެވެ.

ހާޓްއެޓޭކް ޖެހުނުއިރު އޭނާ ކުޅެމުން ދިޔައީ އިޓަލީގެ އިންޓަ މިލާނަށެވެ. ނަމަވެސް އިޓަލީގެ ޑޮމެސްޓިކް ލީގުގެ ހެލްތު ގައިޑްލައިންގެ ދަށުން އޭނާ އަށް އިޓަލީގައި ނުކުޅެވޭނެތީ، އެރިކްސަންގެ އެދުމަށް އިންޓައިން ކޮންޓްރެކްޓް ބާތިލު ކުރި އެވެ.

އަލުން ފިޓް ވެގެން އޭނާ ވަނީ ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހު ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ސޮއި ކޮށްފަ އެވެ. އަދި ސީޒަން ނިމުނާ އެކު އޭނާ ވަނީ ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކޮށްފަ އެވެ.

ހާޓްއެޓޭކަށް ފަހު، އެރިކްސަން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗާއި، ހާޓްއެޓޭކް ޖެހުނު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައިފަ އެވެ.