Roadha Mihaaru
އިޒްރޭލުގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި

އިޒްރޭލުގައި ބަޑިޖަހައި ފަސް މީހަކު މަރާލައިފި

30 މާޗް 2022

އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި މީހަކު ރޭ ދިން ބަޑީގެ ހަމަލާތަކެއްގައި ޔަހޫދީންގެ ފަސް މީހަކު މަރާލައިފި އެވެ.

އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގައި މީހަކު ރޭ ދިން ބަޑީގެ ހަމަލާތަކެއްގައި ޔަހޫދީންގެ ފަސް މީހަކު މަރާލައިފި އެވެ.

އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި ތަލް އަބީބްގެ ރަށްބޭރު ސަރަހައްދުގައި އޮންނަ ދެ ސަހަރެއް ކަމަށްވާ ބެނީ ބަރާކް އާއި ރަމާތު ޣާންގައި އާންމުންގެ ތެރެއަށް ބަޑިޖަހައި ފަސް މީހަކު މަރައިލީ، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނީންގައި ދިރިއުޅޭ ފަލަސްތީނުގެ ޒުވާނެކެވެ.

މަންޒަރު ދުށް މީހުންނާއި ފުލުހުން ބުނި ގޮތުގައި، ސައިކަލެއްގައި އައި މީހަކު އޭނާ ލައިގެން ހުރި ގަމީހުގެ ތެރެއިން ބަޑިއެއް ނެރުމަށް ފަހު، ދުއްވާފައި ދިޔަ ކާރެއްގެ ޑްރައިވަރަށް ހަމަލާދީ މަރައިލި އެވެ. އެއަށް ފަހު ސައިކަލުގައި އެ ސަރަހައްދުން ދުރަށް ގޮސް، ފިހާރައެއްގެ ތެރޭގައި ތިބި ބައެއްގެ ތެރެއަށް ބަޑިޖަހައި ދެ މީހުން މަރައިލި އެވެ. ދެން އެ ތަނުން ދުރަށް ސައިކަލުގައި ދުއްވާފައި ގޮސް، މަގު ހިނގާފައި ދިޔަ ބައެއްގެ ތެރެއަށް ބަޑި ޖަހައި ދެ މީހަކު މަރައިލި އެވެ.

އެ ދެ މީހުން މަރައިލުމަށް ފަހު ސައިކަލުގައި ފިލައިގެން ދާން އުޅެނިކޮށް، އެ ސަރަހައްދުގައި ހުރި އިޒްރޭލު ފުލުހުންގެ މީހަކު ވަނީ ފިސްތޯލަ އިން ހަމަލާ ދީ، ފަލަސްތީނު މީހާ މަރާލައިފަ އެވެ.

އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި ބަޑި ޖަހައި ޔަހޫދީންގެ ފަސް މީހަކު މަރައިލީ، އުމުރުން 27 އަހަރުގެ ލިޔާއު ހަމާރިޝާ ކިޔާ ޒުވާނެކެވެ. އޭނާ އަކީ ގާނޫނާ ޚިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރުމުގެ ކުށުގައި މީގެ ކުރިން ހަ މަސްދުވަހަށް އިޒްރޭލުގެ ޖަލުގައި ބަންދުކޮށް ފަހުން މިނިވަންކޮށްފައި ހުރި މީހެކެވެ.

ޖަލުން މިނިވަން ވުމަށް ފަހު ވެސް އޭނާ ގާނޫނާ ހިލާފަށް ވަޒީފާ އަދާކޮށް ދިރިއުޅެމުން އައީ ބެނީ ބަރާކްގަ އެވެ. އިޒްރޭލުގެ ރަށްވެހިކަން ލިބިފައިނުވާ އަރަބިން އިޒްރޭލުގެ ރަށްތަކުގައި އުޅުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އިޒްރޭލުގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތި ވަޒީފާ އަދާކުރުން ވެސް، އެފަދަ މީހުންނަށް މަނަލެވެ.

މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ރަށްތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ، އިޒްރޭލުގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ސަލާމަތީ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި މިއަދު އިޒްރޭލުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.