Roadha Mihaaru
ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް

ނަތަންޔާހޫއަކީ އިޒްރޭލާއި ފަލަސްތީނަށް ވެސް ނުރައްކަލެއް

28 ފެބުރުއަރީ 2023

ޑިސެމްބަރު 29، 2022 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރަށް އަދި މިވީ އެންމެ ދެ މަސްދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމުގެ އެއްވެސް ސަރުކާރަކަށް ކުރިމަތިނުވާހާ ގިނަ ފިއްތުންތައް އެހާ ގިނަ ދާއިރާތަކުން، މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ޑިސެމްބަރު 29، 2022 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި، އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރަށް އަދި މިވީ އެންމެ ދެ މަސްދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ގައުމުގެ އެއްވެސް ސަރުކާރަކަށް ކުރިމަތިނުވާހާ ގިނަ ފިއްތުންތައް އެހާ ގިނަ ދާއިރާތަކުން، މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ކުރިއަށް ދާ ކުރިމަތިލުންތަކެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އިއުލާން ކުރެއްވި އެޖެންޑާ އަށް އިޒްރޭލުގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ފާޅުގައި ދެކޮޅު ހަދައި މުޒާހަރާތަކުން، ސަރުކާރު ކޮށިއަރުވަމުންނެވެ. އެ ހުރިހާ ކަންތައްތަކާ ގުޅިގެން، ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވެފައިވާތީ، އެއީ ވެސް ނަތަންޔާހޫ އަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިދިޔަ އަހަރު އެކަނިވެސް، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 170 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، މިއަހަރުގެ މިހާތަނަށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި، ފަލަސްތީނުގެ 62 މީހަކު ޝަހީދުވެއްޖެ އެވެ. އަދި މިއަހަރުގެ މި މުއްދަތުގައި، ފަލަސްތީނު މީހުންގެ ހަމަލާތަކުގައި އިޒްރޭލު ރައްޔިތުންގެ ތެރެއިން ވެސް 14 މީހަކު މަރުވެއްޖެ އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އިޒްރޭލު ސިފައިން، ހުޅަނގު އައްސޭރީގެ ނާބުލްސް އަށް އަރައިގަނެ ދިން ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 11 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އެކަމަށް ބަދަލު ހިފުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރިންގެ ދެ މީހަކު، ހުޅަނގު އައްސޭރީގެ ހިވާރާ އަވަށުގައި ދިން ބަޑީގެ ހަމަލާތަކެއްގައި، ޔަހޫދީ ވަޒަންވެރިންގެ ތެރެއިން އެއްބަނޑު އެއްބަފާ ދެބެން ވަނީ މަރައިލައިފަ އެވެ.

އެކަމަށް ބަދަލު ހިފުމުގެ ގޮތުން ހޯމަ ވިލޭރޭ ޔަހޫދީ ވަޒަންވެރިން ވަނީ، އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި ހިވާރާ އަވަށަށް ވަދެގަނެ ފަލަސްތީނު މީހުންގެ ގެތަކުގައި ހުޅުޖަހައި ގިނަ އަދަދެއްގެ ކާރުތައް އަންދާލައިފަ އެވެ. އަދި ފަލަސްތީނު މީހުންނާ ދެކޮޅަށް މާރާމާރީތައް ހިންގައި ބަޑި ޖަހައި ފަލަސްތީނުގެ މީހަކު ވަނީ މަރާލައިފަ އެވެ.

އާދީއްތަ ދުވަހު ދިން ހަމަލާގައި ބައިވެރިވި ފަލަސްތީނުގެ ދެ ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އިޒްރޭލުން އިއްޔެ ވަނީ ހުޅަނގު އައްސޭރި އަށް ސިފައިންގެ ފައުޖުތަކެއް ފޮނުވައިފަ އެވެ. އަދި ފަލަސްތީނު މީހުންގެ ގެދޮރުގައި ހުޅުޖެހުމުގެ ކުށުގައި، ޔަހޫދީ ވަޒަންވެރިންގެ ތެރެއިން އަށް މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލު ސަރުކާރުން ބުނެ އެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ލާއިންސާނީ އަމަލުތައް ހިންގަމުން ގެންދާތީ އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުވަމުން ދާ މި ދަނޑިވަޅުގައި، އިޒްރޭލުގެ އާންމު ރައްޔިތުންގެ އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާތާ މަދުވެގެން އަށް ހަފުތާ ވެއްޖެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ބޭއްވި މުޒާހަރާތަކުގައި ވެސް 150000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު، ސަރުކާރުން ހުށަހަޅާފައިވާ އިސްލާހީ އެޖެންޑާއާ މެދު އިދިކޮޅު ފަރާތްތަކާ އެކުގައި މަޝްވަރާ ކުރުމަށް، ރައީސް އިސްހާގް ހެރްޒޮގް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ އެޖެންޑާގައި ހިމެނޭ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.

މި ބަދަލުތައް ގެނެސްފި ނަމަ އެ ގައުމުގެ ޝަރުއީ ދާއިރާއާ މެދު އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދި ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވާނެ ކަމަށް ބުނެ، އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން، އިޒްރޭލުގައި އިންވެސްޓްކޮށްގެން ވިޔަފާރި ހިންގަމުން އަންނަ ބޭރުގެ ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ، އެ މީހުންގެ ވިޔަފާރިތައް އިޒްރޭލުން ބޭރުކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، ނަތަންޔާހޫގެ ސަރުކާރަށް މިވަގުތު ކުރިމަތިވަމުން އެންމެ ބޮޑު ނުރައްކަލަކީ، ހަރުކަށި ޔަހޫދީ ޖަމާއަތްތަކުގެ ރުޅިވެރިކަމާއި ނަފްރަތު، ސަރުކާރަށް އަމާޒުވާން ފެށުމެވެ. ހަރުކަށި ޔަހޫދީ ފިކުރުގެ ޕާޓީތަކާ ގުޅިގެން ނަތަންޔާހޫ އެކުލަވައިލި ސަރުކާރުގެ މައިގަނޑު މަގްސަދަކީ ވެސް، ފަލަސްތީނު މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން، ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ ޔަހޫދީންނަށް މިލްކު ކޮށްދިނުމާ އެކު، ޔަހޫދީންނަށް ހަމަޖެހުމާއި ސުލްހަ ހޯދައިދިނުމެވެ.

ނަމަވެސް، ނަތަންޔާހޫގެ އާ ސަރުކާރުން އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު، ފަލަސްތީނު ރައްޔިތުންގެ ފަރާތުން ޔަހޫދީ ވަޒަންވެރިންނަށް ކުރިމަތިވާ ނުރައްކާތައް ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ. މި ސަބަބާ ހުރެ، ހަރުކަށި ޔަހޫދީ ޖަމާއަތްތަކުން ގެންދަނީ ނަތަންޔާހޫގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އދ.ގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނިމިދިޔަ 2022 ވަނަ އަހަރަކީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ލޭއޮހޮރުވުން އެންމެ ބޮޑު އަހަރެވެ. އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިދިޔަ އަހަރު ހުޅަނގު އައްސޭރިން ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 171 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެ އެވެ.