Roadha Mihaaru
ފޭކް ކުންފުންޏަކުން އޮޅުވާލައިގެން މުދާ ހޯދާ މީހެއް!

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މުދާ ހޯދާ މީހެއް!

02 އެޕްރީލް 2022

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހެއް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން މުދާ ގަނެވިއްކާ މީހެއް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މުއްދަތު ދިން، 25 އަހަރުގެ ޒައިދާން މުހައްމަދު ހާޝިމް ކިޔާ އެ މީހާގެ އެފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ އަމަރުގައިވެ އެވެ. އޭނާ އަކީ ކުށުގެ ރިކޯޑް ވެސް އޮތް މީހެކެވެ.

އޭނާ ބަންދުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި އޭނާ ކޮށްފައިވާ މުއާމަލާތްތަކާ ގުޅޭ ރިސިޓްތަކާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތަކާއި އޮޅުވާލައިގެން މުދާ ހޯދުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ބޭންކް ސްލިޕްތަކާއި ކޯޓޭޝަނާއި އަދި އިންވޮއިސްތައް ވެސް ހިމެނެ އެވެ.

ފުލުހުން ކޯޓުގައި ބުނީ ހުޅުމާލޭގައި ހުންނަ މަޝްހޫރު ހާޑްވެއާ ފިހާރައެއް ކަމަށްވާ "ހޯމްވޯކް" އިން، އޭނާ ބޮޑެތި އަދަދުތަކުން ގަނެވިއްކުމުގެ މުއާމަލާތް ކޮށްފައިވާއިރު، އެ މުދަލުގެ އަގަށް ވަގުތުން ފައިސާ ދޭން ޖެހޭއިރު، އޭނާގެ ނަމުގައި އާއި އޭނާގެ ކުންފުނީގެ ނަމުގައިވާ އެއްވެސް އެކައުންޓެއްގައި އެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: މަކަރާއި ހީލަތުން ފައިސާ އާއި މުދާ ފޭރޭ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: މަކަރާއި ހީލަތުން ފައިސާ އާއި މުދާ ފޭރޭ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

- ހޯމްވޯކް ފިހާރަ އިން އޮޅުވާލައިގެން ނެގި ކަމަށް ބެލެވޭ ފްލައިވުޑް ފިލާތަކެއް ހުރީ ރަޖިސްޓްރީ ނުކުރާ ކުންފުންޏެއް ނަމުގައި ވިއްކާފައި ކަމަށް ބެލެވޭ ހެކިތަކެއް ފުލުހުން ހުށަހަޅާފައިވޭ.

- ފިލާތައް ގަންނަން މުއާމަލާތްކޮށްފައި ވަނީ އަގު އަދާކުރެވޭ ގޮތެއް ނެތި، ފަހުން އަގު އަދާކުރުމަށް އެއްބަސްވުމެއް ނެތި ކަމުން، އޭނާ އެ މުއާމަލާތްކޮށްފައި ވަނީ ކުށްކުރުމުގެ ނިޔަތުގައި ކަމަށް ކޯޓުން ބުރަވި.

- އެ ކުށްކުރުމުގައި އަނިޔާވެރިކަމެއް ހިމެނިފައި ނުވިޔަސް، އޭނާ އަކީ އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން، ތަކުރާރުކޮށް މަކަރާއި ހީލަތް ހަދާ މީހެއް ކަމަށް ބެލެވޭތީ އޭނާ ދޫކޮށްލައިފި ނަމަ، އެއީ މުޖުތަމައު އަށް ނުރައްކަލެއް ކަމަށް ވެސް ކޯޓުން ބުރަވި.

އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ބަލައިގެންފައިވެ އެވެ. ޕީޖީގެ ވަކީލު ކޯޓުގައި ވިދާޅުވީ، އެ މައްސަލަ އަކީ ޖިނާއީ ބޮޑު މައްސަލައަކަށްވާއިރު، އިތުރު ފަރާތެއް އެފަދަ ކުށެއްގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް އޭނާ ބަންދުގައި ބަހައްޓާދިނުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ ބަދަލު ދޭންޖެހޭ އެއްވެސް ފަރާތަކަށް މިހާތަނަށް ބަދަލު ދީފައި ނުވާ ކަމަށް ވެސް ޕީޖީގެ ވަކީލު ވިދާޅުވި އެވެ.

ކުށުގެ ތުހުމަތުވާ މީހާ ކޯޓުގައި ބުނީ އޭނާ ބަންދު ނުކޮށް ދޫކޮށްލައިފި ނަމަ، އެއް މަސް ދުވަހުގެ ތެރޭގައި އޭނާ ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސްކުރާނެ ކަމަށެވެ. އެއީ މަދަނީ މުއާމަލާތުތަކެއް ހިމެނޭ މައްސަލައެއް ކަމުން، އޭނާ ބަންދު ކޮށްފި ނަމަ، ފައިސާ ނުދެއްކި އިތުރަށް ލަސްވާނެ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާއިރު 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.