Roadha Mihaaru
ވިއެޓްނާމުން ލުނބޯ ގެނެސްފި، މިއަދު އަގު ވެއްޓޭނެ!

ވިއެޓްނާމުން ލުނބޯ ގެނެސްފި، މިއަދު އަގު ވެއްޓޭނެ!

03 އެޕްރީލް 2022

ރާއްޖެ އަށް އާންމުކޮށް ލުނބޯ ގެންނަ ވިއެޓްނާމުން ލުނބޯ ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ބާޒާރަށް ނެރޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް އާންމުކޮށް ލުނބޯ ގެންނަ ވިއެޓްނާމުން ލުނބޯ ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ބާޒާރަށް ނެރޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.

"ބުރާސްފަތި ދުވަހު ބޯޓު ވަދެއްޖެ. އެކަމަކު ދެން ޖެހިގެން އައީ ބަންދު ދެ ދުވަސް ކަމަށް ވާތީ ނެރެވޭ ގޮތް ނުވީ. މިއަދުގެ ވަގުތެއްގައި އެ ލުނބޯ ބާޒާރަށް ނެރޭނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

މާލޭ ބާޒާރުމަތީގައި ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ ލުނބޯގެ އަގު އުފުލިފައިވަނީ އެކި ގައުމުތަކުން ލުނބޯ ގެނެވޭގޮތް ނުވެގެން ކަމަށެވެ. އޭނާ ބުނީ އިންޑިއާ އާއި ބަންގްލަދޭޝް އިން ވެސް ވޭތުވެދިޔަ ދެ ދުވަހުު އެއާފްރައިޓްކޮށް ލުނބޯ އެތެރެކުރި ކަމަށެވެ.

"އެއާފްރައިޓްކޮށް އިންޑިއާ އިން އެތެރެކުރި ލުނބޯގެ އަގު ވެސް ވަރަށް ބޮޑު. ބަންގްލަދޭޝްގެ ލުނބޯ މީހުންނަށް ކަމަކު ނުދިޔަ. އެހެންވެ އަގަކަށް މާ ބޮޑު ބަދަލެއް ނައި،" އޭނާ ބުންޏެވެ.

މާލޭ ބާޒާރުގައި ލުނބޯގެ އަގު މިއަދު ވެސް ހުރީ ކިލޯއެއް 100ރ. އިން މަތީގަ އެވެ. އެއީ އާންމުކޮށް 35ރ. އަށް ކިލޯއެއް ލިބެން ހުންނަ އެއްޗެކެވެ.

"އަޅުގަނޑުމެން މި ބަލަނީ މިއަދު މެންދުރުފަހު ލުނބޯ ކިލޯއެއް 60ރ. ވަރަށް ވެއްޓޭނެ ކަމަށް،" އޭނާ ބުންޏެވެ.

ބާޒާރުގައި ފާއިތުވި ދެ ހަފުތާއިން ފެށިގެން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 120ރ.-150ރ. އާ ދެމެދުގަ އެވެ.

އާއްމުކޮށް ރާއްޖެ އަށް ލުނބޯ އެތެރެ ކުރަނީ އެފްރިކާގެ ބައެއް ގައުމުތަކާއި އިންޑިއާ އާއި ލަންކާ އާއި ވިއެޓްނާމުންނެވެ. ލަންކާ އާއި އިންޑިއާއިން ލުނބޯ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ވިޔަފާރިވެރިން ބުނެ އެވެ.