Roadha Mihaaru
ރޯދަ އަށް ލޯކަލް މާރުކޭޓު ތިޔާގިވެއްޖެ

ރޯދަ އަށް ލޯކަލް މާރުކޭޓު ތިޔާގިވެއްޖެ

06 މާޗް 2024

ރޯދަ އަންނަން ފަސް ދުވަހަށް ވީ އިރު، މާލޭ ލޯކަލް މާރުކޭޓު ތިޔާގިކޮށްލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަ އަންނަން ފަސް ދުވަހަށް ވީ އިރު، މާލޭ ލޯކަލް މާރުކޭޓު ތިޔާގިކޮށްލައިފި އެވެ.

މާރުކޭޓު ސަރަހައްދުގެ ގޮޅިތަކުގައި ތަރުކާރީ އާއި މޭވާ ވަރަށް ގިނައިން އެބަހުއްޓެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ ތަރުކާރީ އާއި މޭވާ އާއި ރަށްރަށުން ގެންނަ ސާމާނު ވެސް ހިމެނެ އެވެ. މާރުކޭޓުން ލިބެން ހުރި ރާއްޖޭގެ އުފެއްދުންތަކުގެ ތެރޭގައި އއ. ތޮއްޑޫ އާއި ރ. އަތޮޅާއި ލ. އަތޮޅާއި ތ. އަތޮޅުން ވެސް ކަރަޔާއި މިރުހާއި ކިއުކަމްބާ އާއި ބަރަބޯ ފަދަ ތަކެތި ހިމެނެ އެވެ.

ވިޔަފާރިވެރިން ބުނީ، މި އަހަރުގެ ރޯދަ މަހަށް ކާބޯތަކެތި ހޯދުމުގައި އަދި ދަތިތަކެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އަންނަ ހަފްތާއިން ފެށިގެން ސްޓޮކް ލިބޭ ގޮތަކުން އަގުތަކަށް ބަދަލު އަތުވެދާނެ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މީހަކު. ބާޒާރުގައި ކަނޑޫދޫ މިރުސް ހުރީ 100 ގްރާމު 50ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މީހަކު. ބާޒާރުގައި ކަނޑޫދޫ މިރުސް ހުރީ 100 ގްރާމު 50ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރޯދަ މަހަކީ މާރުކޭޓު ގޮޅިތައް ހިންގާ ފަރާތްތަކަށް އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަހެވެ. އެހެންވެ، މާރުކޭޓުގެ ގޮޅިތަކަށް ބޭނުންވާ ސާމާނު ރޯދައަށް ހޯދުމުގައި ހާއްސަ އިސްކަމެއް ވިޔަފާރިވެރިން ވެސް ދެ އެވެ. ރޯދަ މަހު ގޮޅިތައް ހިންގާ ފަރާތްތަކަށް ތިން ގުނައަށް އާމްދަނީ އިތުރުވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.

ރޯދައަށް އެންމެ ގިނަ ބަޔަކު ގަންނަ ކަނޑޫދޫ މިރުހާއި ރާއްޖޭގައި ހައްދާ ކަރާ ވެސް މާރުކޭޓުގައި ލިބެން އެބަ ހުއްޓެވެ. އަދި އިންޑިއާއިން ގެންނަ ކަރާ ވެސް އަންނަނީ މާރުކޭޓުގައި ވިއްކަމުންނެވެ.

މާރުކޭޓު ގޮޅިއެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ، ކަރާ އާއި މިރުސް ލިބުމުގައި ވެސް ދައްޗެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، ދިވެހި ދަނޑުވެރިން ވިއްކާ ތަކެތި އަގު ބޮޑު ކަމަށާއި، އަގުތަކަށް ބަދަލު އަންނާނީ، ދަނޑުވެރިން ވިއްކާ އަގަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓުގައި ހުރި މޭވާގެ ބާވަތްތައް. މާރުކޭޓުގައި ގިނަ އަދަދެއްގެ އިމްޕޯޓު ބާވަތްތައް މިހާރު ވިއްކާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ލޯކަލް މާރުކޭޓުގައި ހުރި މޭވާގެ ބާވަތްތައް. މާރުކޭޓުގައި ގިނަ އަދަދެއްގެ އިމްޕޯޓު ބާވަތްތައް މިހާރު ވިއްކާ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާރުކޭޓުގައި ކަރާ ކިލޯއެއް ހުރީ 20ރ. އާއި 22ރ. އާ ދެމެދުގަ އެވެ. މިރުސް ކިލޯއެއް 500ރ. އަށް ހުރި އިރު ލުބޯ ހުރީ ކިލޯއެއް 65ރ. އާ އަށެވެ.

ލޯކަލް މާރުކޭޓުގައި ދިވެހި އަނބު ވެސް ލިބެން ހުއްޓެވެ. އަނބު ވިއްކަނީ 5-6 އަނބު 100ރ. އަށެވެ. ބާޒާރުގައި އެންމެ ގިނައިން ލިބެން ހުރީ ތޮއްޑޫ ކިއުކަމްބާ އެވެ. ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ.

ލޯކަލް މާރުކޭޓު ގޮޅިތަކަށް އާ ސްޓޮކް ގެނެސް ފުރާލާފައިވާ އިރު، ރޯދައަށް އަގުތަކަށް އަންނަ ބަދަލުތައް ފެންނާނީ އަންނަ ހަފްތާއިން ފެށިގެންނެވެ. އާންމުކޮށް ވެސް ރޯދައާ ދިމާކޮށް، ބާޒާރުގެ ތަކެތީގެ އަގު އުފުލެވެ.