Roadha Mihaaru
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް

ވިލިމާލޭ ވަގުތީ ލޯކަލް މާރުކޭޓް އަޅަން ހަވާލުކުރި ކުންފުންޏަށް 364،000ރ. ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ހުކުމްކޮށްފި

27 އޯގަސްޓް 2024

ވިލިމާލޭ ވަގުތީ ލޯކަލް މާރުކޭޓު ހެދުމުގެ މަސައްކަތްކުރި ކުންފުންޏަށް 364،000ރ. ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވިލިމާލޭ ވަގުތީ ލޯކަލް މާރުކޭޓު ހެދުމުގެ މަސައްކަތްކުރި ކުންފުންޏަށް 364،000ރ. ދައްކަން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފެބްރުއަރީ 2022 ގައި ވިލިމާލޭ ލޯކަލް މާރުކޭޓްގެ މަސައްކަތް ސިޓީ ކައުންސިލުން ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ރުފިޔާ އަށް އަދި 45 ދުވަސް ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

އެ ކުންފުނިން ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކުރީ އޭގެ ތެރެއިން މިހާތަނަށް ނުދީ އޮތް 364،000ރ. އާއި ސިޓީ ކައުންސިލްގެ އިހުމާލުން މަސައްކަތް ލަސްވުމުން އިތުރަށް ހަރަދު ކުރަން ޖެހުނު 781،000ރ. އާއި ފައިސާ ނުދީ ލަސް ކުރުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 251،000ރ. އާއި ނުސީދާ ގެއްލުމުގެ ބަދަލަށް 500،000ރ. ހޯދުމަށެވެ.

ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައިވަނީ އެ ކުންފުނިން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާގެ ތެރެއިން ނުދީ އޮތް 364،000ރ. ސިޓީ ކައުންސިލުން ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ ފައިސާ 14 ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދައްކަން ސިޓީ ކައުންސިލްގެ މައްޗަށް ހުކުމުގައި އަންގާފައިވެ އެވެ.

ނަމަވެސް އިތުރަށް ހަރަދު ކުރަން ޖެހުނު ކަމަށް ބުނާ 781،000ރ. އާއި ޖޫރިމަނާގެ ގޮތުގައި 251،000ރ. އާއި އާއި ނުސީދާގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން އެދުނު 500،000ރ. އަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.