Roadha Mihaaru
ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި

ބިދޭސީން އުޅޭތީ މާރުކޭޓުގެ 30 ގޮޅިއެއް ޖޫރިމަނާކޮށްފި

04 އެޕްރީލް 2023

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ 30 ގޮޅިއެއްގައި ބިދޭސީން މަސައްކަތް ކުރާތީ ޖޫރިމަނާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ 30 ގޮޅިއެއްގައި ބިދޭސީން މަސައްކަތް ކުރާތީ ޖޫރިމަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އާދަމް ރަމީޒު މިއަދު ވިދާޅުވީ، މިދިޔަ ދެ މަސް ތެރޭގައި 30 ގޮޅިއެއް ޖޫރިމަނާކުރި އިރު އޭގެ ތެރޭގައި ދެވަނަ ފަހަރަށް ޖޫރިމަނާ ކުރި ގޮޅިތައް ވެސް ހިމެނޭ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ބިދޭސީން ގޮޅީގެ ތެރޭގައި ތިބުމަކީ މަނާ ކަމެކެވެ. އެގޮތަށް ގޮޅިއެއްގެ ތެރޭގައި ބިދޭސީން ތިބޭ ތަން ކައުންސިލުގެ ސުޕަވައިޒަރުންނަށް ފެނިއްޖެ ނަމަ ޖޫރިމަނާ ކުރެ އެވެ.

ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ 2،000ރ. އިންނެވެ. ދެވަނަ ފަހަރު 4،000ރ. އަދި ތިން ވަނަ ފަހަރު ވެސް ބިދޭސީން ތިބޭތަން ފެނިއްޖެ ނަމަ ގޮޅި އަތުލުމުގެ ބާރު ކައުންސިލަށް އޮވެ އެވެ. ނަމަވެސް މިހާތަނަށް އަދި ބިދޭސީން ތިބޭތީ، އެއްވެސް މީހެއްގެ ގޮޅިއެއް އަތުލާފައެއް ނުވެ އެވެ.

ރަމީޒު ވިދާޅުވިގޮތުގައި، ޖޫރިމަނާ ކުރި ގޮޅިތަކުގެ ތެރެއިން ވިއްސަކަށް ގޮޅިއަކީ ދެ ވަނަ ފަހަރަށް ޖޫރިމަނާ ކުރި ގޮޅިތަކެވެ.

މާލޭގެ މާރުކޭޓުތަކުގެ ގޮޅިތަކުގައި ބިދޭސީން ވިިޔަފާރި ކުރުމަކީ އާންމު ކަމެކެވެ. ބައެއް ގޮޅިތައް ބިދޭސީން ހިންގަނީ، ދިވެހިންގެ އަތުން ކުއްޔަށް ނަގައިގެންނެވެ.