Roadha Mihaaru
ނާޒިމްގެ "ވިލެޖް ލައިފް" ވަރަށް ސަޅި!

ނާޒިމްގެ "ވިލެޖް ލައިފް" ވަރަށް ސަޅި!

07 އެޕްރީލް 2022

އުމުރުން އެންމެ 16 އަހަރުގައި ރިސޯޓެއްގެ ބަގީޗާ ބަލަހައްޓާ މީހެއްގެ ވަޒީފާ އަށް ނުކުތް ނާޒިމް އަހުމަދު މިހާރުގެ ބައެއް މީހުންނަށް ނޭނގިދާނެ އެވެ. އެކަމަކު އުމުރުން މިހާރު 46 އަހަރުގެ ނާޒިމްގެ މާޒީ އަަށް ބަލާއިރު ފެންނަން އޮތީ އިންޑަސްޓްރީގެ އެއްވެސް އެއްޗެއް ނޭނގި ނުކުތް މީހަކާ ބަލާއިރު ވަރަށް ރީތި ސަފުހާއެކެވެ.

އަހުމަދު ހަމްދޫން ގއ. މާމެންދޫން އަހުމަދު ހަމްދޫން

އުމުރުން އެންމެ 16 އަހަރުގައި ރިސޯޓެއްގެ ބަގީޗާ ބަލަހައްޓާ މީހެއްގެ ވަޒީފާ އަށް ނުކުތް ނާޒިމް އަހުމަދު މިހާރުގެ ބައެއް މީހުންނަށް ނޭނގިދާނެ އެވެ. އެކަމަކު އުމުރުން މިހާރު 46 އަހަރުގެ ނާޒިމްގެ މާޒީ އަަށް ބަލާއިރު ފެންނަން އޮތީ އިންޑަސްޓްރީގެ އެއްވެސް އެއްޗެއް ނޭނގި ނުކުތް މީހަކާ ބަލާއިރު ވަރަށް ރީތި ސަފުހާއެކެވެ.

ނާޒިމް މިހާރު މަޝްހޫރުވެފައި އޮތީ ގއ. މާމެންދު އަށް ޓޫރިޒަމް ތައާރަފުކުރި އެންމެ އިސް މޭސްތިރިޔާގެ ގޮތުގަ އެވެ. އެއީ މި ރަށުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް، ވިލެޖް ލައިފް މޯލްޑިވްސްގެ ތިން ހިއްސާދާރުންގެ ތެރެއިން އެންމެ އިސްމީހާ އެވެ. ކުޑަކުޑަ ގޯއްޗެއްގައި 2016 ގައި އެންމެ ހަތަރު ކޮޓަރިން ފެށި ވިލެޖް ލައިފް މޯލްޑިވްސްއަކީ މިހާރު 12 ކޮޓަރީގެ ގެސްޓް ހައުސްއެކެވެ. އެއީ ރަށެއްގައި ހުރި އާދައިގެ ގެސްޓް ހައުސްއެކޭ ބުނާ ވަރަށް ވުރެ މާ ޗާލު ތަނެވެ. އެ ތަނަށް ވަންނަ މީހަކަށް ހީވާނީ އެއީ ލަގްޒަރީ ހޮޓަލަކަށް ވަދެވޭހެންނެވެ. ކޮޓަރިތައް ޗާލު ވެފައި ހަދާފައި ވަނީ ވެސް ލަގްޒަރީ ފެންވަރަށެވެ. އެހާ ހިތްގައިމެވެ.

ވިލެޖް ލައިފް މޯލްޑިވްސްގެ ކޮޓަރިއެއް: މިއީ 12 ކޮޓަރީގެ ލަގްޒަރީ ގެސްޓް ހައުސްއެއް ފަދަ ތަނެއް.

ވިލެޖް ލައިފް މޯލްޑިވްސްގެ ކޮޓަރިއެއް: މިއީ 12 ކޮޓަރީގެ ލަގްޒަރީ ގެސްޓް ހައުސްއެއް ފަދަ ތަނެއް.

ވިލެޖް ލައިފް މޯލްޑިވްސްގެ ރެސްޓޯރަންޓް ފެންވަރުގެ ތަނެއް އަދި ގއ. ގައި ވެސް ނެތެވެ. ހިދުމަތް އެހާ ފުރިހަމަ އެވެ.

"އަތޮޅުގައި މި ވަގުތަށް އޮތް އެންމެ ވަރުގަދަ އެއް ތަނަކީ ވިލެޖް ލައިފް މޯލްޑިވްސް ކަމަށް މި ބަލަނީ. އެންމެން ކިޔާ އެއްޗެއް،" ނާޒިމް ބުންޏެވެ.

ވިލެޖް ލައިފް މޯލްޑިވްސްގެ ދެ ބުރީގެ އެ އިމާރާތަށް އެކަނިވެސް 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އެންމެ ޒަމާނީ ފެންވަރުގެ ރެސްޓޯރަންޓެއް ގެސްޓް ހައުސްގައި ހުޅުވާފައިވާއިރު އެ ތަނަށް ވެސް 2.5 މިލިއަން ރުފިޔާ ހަރަދު ވެއްޖެ އެވެ. ޓޫރިޒަމްގެ ތަފާތު ބޭނުންތަކަށްޓަކައި 1.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ލޯންޗެއް ގަނެފި އެވެ. އިތުރު ލޯންޗެއް މި އަހަރު ގަންނާނެ އެވެ. ގެސްޓް ހައުސް އަށް އިތުރު ފްލޯއެއް ނަގައި ކޮޓަރިތައް އަދި ގިނަވާނެ އެވެ.

މާމެންދޫގައި ހިންގާ ވިލެޖް ލައިފް މޯލްޑިވްސް ގެސްޓް ހައުސް: މި ތަން ހަދަން މިހާތަނަށް ހަ މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައި.

މާމެންދޫގައި ހިންގާ ވިލެޖް ލައިފް މޯލްޑިވްސް ގެސްޓް ހައުސް: މި ތަން ހަދަން މިހާތަނަށް ހަ މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައި.

ވިލެޖް ލައިފް މޯލްޑިވްސްގެ ތަަސައްވުރު ހަގީގަތަކަށް ހެދުމަށް ފުރަތަމަ އެންމެ ހަތަރު ކޮޓަރި ހެދީ ހައެއްކަ ލައްކަ ރުފިޔާ ހަރަދު ކޮށްގެންނެވެ. މިހާރު އެ ހުރި ފެންވަރަށް އެ ގެސްޓް ހައުސް ގެނައީ ކުދި އަދި މެދުފަންތީގެ މީހުންނަށް ސަރުކާރުން ދޫކުރި ލޯނުގެ އެހީގަ އެވެ. ނުވަތަ ގެޓްސެޓްގެ ލޯނެއްގަ އެވެ.

ވިލެޖް ލައިފް މޯލްޑިވްސްގެ ކޮޓަރިތައް ހިމެނޭ ބްލޮކް: ހަތަރު ކޮޓަރިން ފެށި ކުޑަކުޑަ ގެސްޓް ހައުސް މިހާރު ވަނީ 12 ކޮޓަރީގެ ބޮޑު ތަނަކަށް ބަދަލުކޮށްފައި.

ވިލެޖް ލައިފް މޯލްޑިވްސްގެ ކޮޓަރިތައް ހިމެނޭ ބްލޮކް: ހަތަރު ކޮޓަރިން ފެށި ކުޑަކުޑަ ގެސްޓް ހައުސް މިހާރު ވަނީ 12 ކޮޓަރީގެ ބޮޑު ތަނަކަށް ބަދަލުކޮށްފައި.

"މި ތަނަށް އަދި 35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މި ބަލަނީ. މުސްތަގްބަލުގައި މި ތަނުގައި ޕޫލެއް އޮވެފައި، ގެސްޓުންނަށް ވަރަށް ބޮޑަށް ޕްރައިވެސީ ދޭނެ. ސްޕާއެއް ވެސް ހަދައި ޖަކޫޒީ ވިލާސްތައް ހެދުމަށް މަސައްކަތް ކުރަމުން މިދަނީ. ﷲ އިރާދަކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި އެ ކަން ފެންނާނެ،" ހަ ހާސް އަކަފޫޓުގެ ބިމެއްގައި ހިންގާ ގެސްޓް ހައުސްގެ ކުރިމަގާ ގުޅޭ ގޮތުން ނާޒިމް ބުންޏެވެ.

ވިލެޖް ލައިފް މޯލްޑިވްސް ހުޅުވީ، މާމެންދޫގައި އޭނާ އާއި އެހެން ދެ ޕާޓްނަރުން ގުޅިގެން ފުރަތަމަ ހުޅުވި ގެސްޓް ހައުސްގެ ވިޔަފާރި ކާމިޔާބު ނުވެ ހުއްޓާލަން ޖެހުނު ހިތްދަތި ދުވަސްތަކަކަށް ފަހު އެވެ. ނާޒިމާއި އޭނާގެ އެ ދެ ޕާޓްނަރުންގެ ފުރަތަމަ ގެސްޓް ހައުސް 2012 ހިސާބުގައި މާމެންދޫގައި ހުޅުވި ނަމަވެސް އެ ގެސްޓް ހައުސް ދެ އަހަރު ނުވަނީސް ބަންދުކުރަން ޖެހުނީ ލޯކަލް ޓޫރިޒަމްގެ ކޮންސެޕްޓް ޕާޓްނަރުންނަށް ވެސް ރަނގަޅަށް ފަހުމު ނުވުމުންނެވެ. ރަށުގެ ރައްޔިތުންނަށް ވެސް ލޯކަލް ޓޫރިޒަމަކީ ކޯނޗެއްކަން އޭރު އެހާ ބޮޑަކަށް ނޭނގެ އެވެ. އޭގެ ނަފާވެރިކަން ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.

"އަޅުގަނޑަށް މާ ބޮޑު އެއްބާރުލުމެއް ނުލިބުނު ގެސްޓް ހައުސް ހިންގާކަށް އޭރަކު. ޕާޓްނަރުންނަށް ވެސް މީތި އަންޑަސްޓޭންޑެއް ނުވޭ. އެހެންވެ ފުރަތަމަ ގެސްޓް ހައުސް ޖެހުނީ މާ ގިނަ ދުވަހެއް ނުވެ ބަންދުކޮށްލަން،" ނާޒިމް ބުންޏެވެ.

"އަސްލު ވަރަށް މާޔޫސްވި ދުވަހެއް އެއީ. އެރޭ 12 ޖެހިއިރު އަޅުގަނޑު ޑިސައިޑް ކުރަނީ ދިސް އިސް ދަ އެންޑް އޮފް ދަ ސްޓޯރީއޭ. ހިތަށް އެރީ މިއީ ވޭސްޓް އޮފް ޓައިމްއޭ ލައިފްގައި. އެ ރެއިން އެ ރެއަށް [ރިސޯޓަކަށް] ސީވީ ފޮނުވައިފިން ވަޒީފާ ހޯދަން. އަނެއް ދުވަހު ފަތިހު ފުރައިގެން ރިސޯޓަކަށް ދިޔައީ،" ތިން ކުދިންގެ ބައްޕަ ނާޒިމް ބުންޏެވެ.

ނާޒިމްގެ އަނެއް ދެ ޕާޓްނަރުން ކަމަށްވާ އަނިލް (ވ) އާއި އަދުހަމް: ކުންފުނީގައި ނަގާ ކިޔަނީ ނާޒިމް.

ނާޒިމްގެ އަނެއް ދެ ޕާޓްނަރުން ކަމަށްވާ އަނިލް (ވ) އާއި އަދުހަމް: ކުންފުނީގައި ނަގާ ކިޔަނީ ނާޒިމް.

ވިލެޖް ލައިފް މޯލްޑިވްސް ގެސްޓް ހައުސް ހުޅުވީ، އޭގެ ތިން މަސް ފަހުން އަނެއްކާ ވެސް މާމެންދު އަށް އެނބުރި އައިހެވެ. އެ ކުންފުނީގެ މިހާރުގެ އެއް ޕާޓްނަރު އަދި އާއިލީ ގޮތުން ވެސް ގާތް އެއް ޕާޓްނަރު އަހުމަދު އަނިލްގެ އެދުމަކަށް އަނެއްކާވެސް މާމެންދު އަށް އައިސް ވިލެޖް ލައިފް މޯލްޑިވްސް ކޮޅަށް ޖެހީ އެވެ. މިއަދު ނާޒިމަކީ އެ ތިން މީހުންގެ ވިޔަފާރީގައި ބަސްނަގައި ކިޔަން ހުރި މީހާ އެެވެ. އަނެއް ދެ ޕާޓްނަރުން ކަމަށްވާ އަހުމަދު އަނިލް (މެނޭޖިން ޑިރެކްޓަރު) އާއި އިބްރާހިމް އަދުހަމް މި ވިޔަފާރީގައި ފިޔަވަޅެއް އެޅިޔަސް އަޅަނީ ނާޒިމް ބުނާ ގޮތަކަށެވެ.

ވިލެޖް ލައިފް މޯލްޑިވްސްގެ އެމްޑީ އަނިލް (ކ) އާއި ނާޒިމް

ވިލެޖް ލައިފް މޯލްޑިވްސްގެ އެމްޑީ އަނިލް (ކ) އާއި ނާޒިމް

ވިލެޖް ލައިފް މޯލްޑިވްސް 12 ކޮޓަރީގެ ތެރެއިން ހަ ކޮޓަރި އަބަދުވެސް އުޅެނީ ފުލްކޮށެވެ. އެއީ މުޅި އަހަރަށް ބަލާއިރު އޮކިއުޕެންސީ 25 ޕަސެންޓްގައި އެވްރެޖްކޮށް ހިފަހައްޓަ އެވެ. ހަތް މުވައްޒަފުންނާއެކު ގެސްޓް ހައުސް ހިންގާއިރު، މިހާތަނަށް އޭނާގެ ވިޔަފާރީގައި ފެންނަނީ ކުރިއެރުމެވެ. ކޮވިޑްގެ އެންމެ ދަތި ދެ އަހަރު ވެސް ހިފެހެއްޓީ އެންމެ ދެ މުވައްޒުންނާއެކު ވަރަށް ހާލުގަ އެވެ. ލޯނު ދައްކަން ޖެހެ އެވެ. އެކަމަކު، އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނެތި ހިފެހެއްޓި އެވެ.

"ހުރިހާ ޒުވާނުންނަށް ވެސް ބުނެލަން އޮތް ވާހަކައަކީ ދޫކޮށްނުލާށޭ. ވެއްޓޭނެއޭ. ވެއްޓޭއިރަށް ތެދުވެ އަނެއްކާވެސް މަސައްކަތް ކުރާށޭ. ގެރެންޓީ، ކާމިޔާބުވާނެއޭ. ލޯކަލް ޓޫރިޒަމްގެ ފައި ރާއްޖޭގައި ވިއްދޭނެ،" ނާޒިމް ބުންޏެވެ.

މާމެންދު އަށް އެކްސްކާޝަނަށް ދިޔަ ޓޫރިސްޓުންތަކަކާއެކު ނާޒިމް (ކ-3) ގުރޫޕް ފޮޓޯއެއް ނަގަނީ.

މާމެންދު އަށް އެކްސްކާޝަނަށް ދިޔަ ޓޫރިސްޓުންތަކަކާއެކު ނާޒިމް (ކ-3) ގުރޫޕް ފޮޓޯއެއް ނަގަނީ.

ރިސޯޓް ލައިފްގައި 18 އަހަރު އަދި ބާކީ ދުވަސްތައް ލޯކަލް ޓޫރިޒަމްގެ ވިޔަފާރީގައި އުޅޭއިރު، އޭނާ ވަނީ ރިސޯޓުތަކުގައި ވަރަށް އާދައިގެ މަގާމުތަކުން އެންމެ މައްޗާ ހަމައަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ބަގީޗާ ބަލަހައްޓާ މީހެއްގެ އިތުރުން ރެސްޓޯރަންޓް ހެލްޕަރު، ރެސްޓޯރަންޓް ކްލީނަރު، ވެއިޓަރު، ބަދިގޭގެ ހެލްޕަރު، ސްޓުވާޑިންކަން، ބުޗަރީކަން، ރެސްޓޯރަންޓް ސުޕަވައިޒަރު، ރެސްޓޯރަންޓް މެނޭޖަރު، އެފްއެންބީ ޓްރެއިނިން މެނޭޖަރު، އެފްއެންބީ އެސިސްޓެންޓް މެނޭޖަރުކަން ހިމެނެ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓޫރިޒަމް ޗެއިންތަކުން ހިންގާ ރިސޯޓްތަކުގައި މަސައްކަތްކުރި އެވެ.

"އަޅުގަނޑު ރިސޯޓް ލައިފް ނިންމާލީ އެފްއެންބީ ޑައިރެކްޓަރު ކަމުގެ މަގާމުން. އެފްއެންބީ ޑައިރެކްޓަރަކަށް ހެރަތަރައިގައި ތިން މަސް ހޭދަކުރިން. އަމާރީން ހެރަތެރަ ދޫކޮށްފައި ތިން މަސް ތެރޭގައި ދިޔައީމާ ދެން އަޅުގަނޑަށް އެނގިއްޖެ މިއީ ސަރުކާރެއް ހިންގުން ކަހަލަ ކަމެއްކަން،" އައްޑޫ ފޭދޫ މަންމައަކާއި މާމެންދޫ ބައްޕައަކަށް ނިސްބަތްވާ ނާޒިމް ބުންޏެވެ.

"އެ ހިސާބުން އަނެއްކާވެސް ލޯކަލް ޓޫރިޒަމަށް އައިސް، ވިލެޖް ލައިފް މޯލްޑިވްސްގެ ވިޔަފާރި މާމެންދޫގައި ފެށީ."

މި ވިލެޖް ލައިފް މާ ކަމުދޭ

ނާޒިމްގެ މާޒީ އަށް ބަލާއިރު އޭނާ އަށް ރިސޯޓް ވަޒީފާ އިން ލިބޭ އެއްޗަކުން އުޅެވެން އޮތެވެ. އެކަމަކު، އޭނާ ބޭނުންވީ އަމިއްލަ މަސައްކަތުން އުޅެވޭނެ ގޮތެއް ހޯދުމެވެ. ރިސޯޓްތަކުގައި ހޭދަކުރި 18 އަހަރު އުޅުނީ އާއިލާއާ ދުރުގަ އެވެ. އާންމުކޮށް އާއިލާ ކައިރިއަށް އޭރު ދެވެނީ އަހަރަކު އެއް ފަހަރު އެވެ. ބައެއް ފަހަރު ތިން މަހުން އެއް މަހު އެންމެ އަށް ދުވަހަށެވެ.

"މިހާރު މި އުޅެވެނީ އުޅެން ވާ ގޮތަށް. އަމިއްލަ އަށް ބޭނުން އިރަކު އޮފީހަށް ވަދެލާފައި މީހަކަށް ޑިޕެންޑް ނުވެ މި އުޅެނީ. އާއިލާ އަށް ބޭނުން ވަގުތެއް ބޭނުން އިރަކު އެބަދެވޭ. ކުރީގައި ވެއްޖިއްޔާ އާއިލާ ނުފެނި އެތައް ދުވަހެއް ވެދާނެ،" ނާޒިމް ބުންޏެވެ.

ކަން ދިމާވި ގޮތުން ބައްޕަގެ ރަށް މާމެންދު އަށް ބަދަލުވާން ޖެހުމުން ބެލީ ލޯކަލް ޓޫރިޒަމްގެ އިސް ސަފުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމެވެ. މިއަދު މި ރަށުގައި އުޅެނީ އުފާވެރި ދިރިއުޅުމެއްގަ އެވެ. މާމެންދޫގެ އެންމެންނާ ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ އަކީ އޭނާގެ އެހީތެރިކަން ބޭނުންވާ ކޮންމެ މީހަކަށް އެ ފުރުސަތު އޮތުމެވެ. ރަށުން ބޭރުން ވިޔަސް ވަކި މީހަކަށް ބެލުމެއް ނޯވެ އެވެ. މާމެންދޫގެ ގިނަ މީހުން އޭނާ އަށް "ނާޒިމްބެ" އޭ ކިޔާފައި ގޮވަނީ އެ ގުޅުން ބޮޑުކަމުންނެވެ.

ވިލެޖް ލައިފް މޯލްޑިވްސް އަށް ދިޔަ ޓޫރިސްޓަކަށް މަރުހަބާ ކިޔުމުގެ ގޮތުން ނާޒިމްގެ އަތުން ކުރުނބަލެއް ދެނީ.

ވިލެޖް ލައިފް މޯލްޑިވްސް އަށް ދިޔަ ޓޫރިސްޓަކަށް މަރުހަބާ ކިޔުމުގެ ގޮތުން ނާޒިމްގެ އަތުން ކުރުނބަލެއް ދެނީ.

ގއ. ކޮނޑޭގައި ދާދި ފަހުން ޒުވާނަކު ހުޅުވި ގެސްޓް ހައުސްގެ ކުރިއެރުމަށް ނާޒިމްގެ ފެންވަރުގައި އެހީތެރިކަން ދިނެވެ. ރެޖިސްޓްރޭޝަނާއި އޮންލައިން ބުކިން ހެއްދުމުގައި އެ ޒުވާނާ އަށް އެހީތެރިކަން ދިނެވެ. މާމެންދު އަށް އެ ޒުވާނާ ގެނެސް ލޯކަލް ޓޫރިޒަމްގައި ކުރިއަށް ދާނެ ގޮތާއި ގެސްޓް ހައުސް ހިންގާ ގޮތް ކިޔައި ދިނެވެ.

"ސާވިސް ދޭނެ ގޮތާއި ބެޑް އަޅާނެ ގޮތާއި މާކެޓް ކުރާނެ ގޮތާއި ބުކިން ޑޮޓްކޮމްގައި ބޫސްޓް ކުރާނީ މިހެން ކަމާއި ބުކިން ޑޮޓްކޮމުން ބުކިންއެއް އައިސްފިއްޔާ ދެން ހަދަން ޖެހޭނެ ގޮތް ކިޔައިދިނިން. އަދި ވަރަށް ސަކްސެސްފުލް. އެ މީހުން ވަރަށް ރަނގަޅު. ފުރަތަމަ ގެސްޓް ހައުސް މީހާ އައިސްގެން ވެސް އަޅުގަނޑަށް ގުޅި،" ނާޒިމް ބުންޏެވެ.

"އަޅުގަނޑުމެން ވިލެޖް ލައިފުން މި ތިބީ ފުލް ވެލްކަމް ކިޔާށޭ އަތޮޅުގެ ކޮންމެ ބަޔަކު މި ކަމަށް ނުކުތަސް. އެހީތެރިކަން ދޭ ނަމޭ. ގިނަ ބަޔަކު ނުކުމެ މި ކަމުގައި އުޅެގެން މި ސަކްސެސް ވާނީ."

ނާޒިމް އަބަދުވެސް ގަބޫލުކުރާ ކަމަކީ ދެކުނުގައި ޓޫރިޒަމް ކުރިއެރުވޭނެ ކަމެވެ. ހާއްސަކޮށް ލޯކަލް ޓޫރިޒަމްގެ މުސްތަގުބަލް ގއ. އާއި ގދ. އަދި އައްޑޫގައި އޮންނާނެ ކަމަށް އޭނާ ދެކެ އެވެ. ނަމަވެސް އެއާއެކު އޮތް ގޮންޖެހުންތައް އިންތިހާ އަށް ބޮޑެވެ.

ވިލެޖް ލައިފް ރެސްޓޯރަންޓުން ބަޔަކު ހިދުމަތް ހޯދަނީ: މިއީ ގއ. އަތޮޅުގައި ވެސް ހިންގާ އެންމެ މަތީ ފެންވަރުގެ ރެސްޓޯރަންޓް ކަމަށް ވޭ.

ވިލެޖް ލައިފް ރެސްޓޯރަންޓުން ބަޔަކު ހިދުމަތް ހޯދަނީ: މިއީ ގއ. އަތޮޅުގައި ވެސް ހިންގާ އެންމެ މަތީ ފެންވަރުގެ ރެސްޓޯރަންޓް ކަމަށް ވޭ.

"ލޮޖިސްޓިކްސް އެއީ އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖް. މި ސަރަހައްދަކުން ނޯވޭ ހުރިހާ އެއްޗެއް ލިބޭކަށް. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ ސްޓާފުން ހޯދަން. ބައެއް ބޭފުޅުންނަށް ހީވާ ކަހަލަ ގެސްޓް ހައުސްއެއްގައި މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެކޭ. އެކަމަކު ގެސްޓް ހައުސްއެކޭ ރިސޯޓެކޭ މި ވަނީ އެއްވަރު،" ނާޒިމް ބުންޏެވެ.

"މި ތަނުން ވެސް އަޅުގަނޑުމެން ސާވިސް ޗާޖު ދެން. ސާވިސް ޗާޖު ދެނީ ހަމަ ޑޮލަރުން. އެހެންވެއްޖިއްޔާ އެއް ސާވިސްއެއް މި ދެނީ. ގެސްޓުންނަށް ކާންދިނުމާއި ގެސްޓުން ގޮވައިގެން ޕިކްނިކަށް ދިއުން މި އޮންނަނީ. އެކަމަކު ރަށެއްގައި، ވިލެޖެއްގައި [ގެސްޓް ހައުސް] ހިންގާތީ އެހެން އިމޭޖެއް މި އޮންނަނީ. އެއީ މިހާރުން މިހާރަށް ވެސް ނައްތާލަންޖެހޭ އެއްޗެއް."

ވިލެޖް ލައިފް މޯލްޑިވްސްގެ ލޮބީ އޭރިއާ

ވިލެޖް ލައިފް މޯލްޑިވްސްގެ ލޮބީ އޭރިއާ

މާމެންދު އަށް ބަލާއިރު ވެސް ނާޒިމަށް އޮތް އެންމެ އުނދަގޫ އެއް ކަމަކީ މި ރަށުން ޓޫރިސްޓުންނަށް ވިއްކާނެ އެއްޗެއް ނެތުމެވެ.

"ފިއުޗާ އަށް ކަންތައްތަކެއް ކުރެވޭނީ ވިއްކާނެ ތަނެއް ގާއިމު ކޮށްގެން. ރަށް ސާފުކޮށްގެން. ޑައިވިން ސްޕޮޓްތަކެއް ހެދިގެން. ވޯޓާ ސްޕޯޓްސް ތަނެއް ގާއިމްވެގެން. ރަށުން އައިސް ލިބެން ހުރެގެން. ޕެޓްރޯލް ލިބެން ހުރެގެން. ވިޔަފާރިތަކަށް ހުޅުވައިލަންވީ. ރަށު ކައުންސިލާއި ރައްޔިތުންނާ ގުޅިގެން ހިނގާބަލާށޭ މާމެންދޫ ހަބަކަށް ހަދާލަން."

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.

ނާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.

ނާޒިމްގެ މިހާތަނަށް ތަޖުރިބާ އިން ފެނުނީ ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓް ހައުސް ވިޔަފާރި ހިންގަން ބޭނުންވާ މީހުންނަށް ހުރި ފުރުސަތުތަކުގެ ހަނިކަމެވެ. ފަސޭހައިން ލޯނެއް ނުލިބެ އެވެ. ލިބެނީ ކުޑަ އަދަދެކެވެ. ލޯނު ހޯދަން ކުރަންޖެހޭ މަސައްކަތް އެހާމެ ގިނަ އެވެ.

"އަޅުގަނޑުމެންނަށް ދޭންވީ ނޫންތޯ 12 ވަރަކަށް މިލިއަން ޑޮލަރު [ލޯނެއް]. އޭރުން ޑައިވިން ސްކޫލެއް. ވޯޓާ ސްޕޯޓްސް ފެސިލިޓީ ހުންނާނެ. ނިންމާލާނަން. މިތާނގައި ފުރުސަތެއް ނެތް. އަމިއްލަ ގޮތުން ކުރިއަށް ދާން ބޭނުންވާ މީހުން ކުރިއަށް ދާންވީ،" އޭނާ ބުންޏެވެ.

ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ، އަދި އެންމެންނާ ވެސް ގާތް ގުޅުމެއް ބާއްވާ ނާޒިމަށް މިހާތަނަށް ލޯކަލް ޓޫރިޒަމްގައި ކާމިޔާބު ލިބުނީ އޭނާ ބުނާ ގޮތުން އަޒުމެއް އޮވެގެންނެވެ. އެއީ ލޯކަލް ޓޫރިޒަމް ވެސް ރިސޯޓް ވިޔަފާރިއެކޭ އެއްވަރަށް ގެންދިއުމެވެ. އޭނާ އާއި އަނެއް ދެ ޕާޓްނަރުންގެ މަސައްކަތުން މާމެންދޫ ވިލެޖް ލައިފް މޯލްޑިވްސްގެ ވިޔަފާރި ފުޅާކުރަމުން ދަނީ އެ އުސޫލުންނެވެ.

އަސްލު ވަރަށް މާޔޫސްވި ދުވަހެއް އެއީ. އެރޭ 12 ޖެހިއިރު އަޅުގަނޑު ޑިސައިޑް ކުރަނީ ދިސް އިސް ދަ އެންޑް އޮފް ދަ ސްޓޯރީއޭ. ހިތަށް އެރީ މިއީ ވޭސްޓް އޮފް ޓައިމްއޭ ލައިފްގައި. އެ ރެއިން އެ ރެއަށް [ރިސޯޓަކަށް] ސީވީ ފޮނުވައިފިން ވަޒީފާ ހޯދަން. އަނެއް ދުވަހު ފަތިހު ފުރައިގެން ރިސޯޓަކަށް ދިޔައީ،"--- ނާޒިމް

"ތަނެއް މަޝްހޫރު ވަނީ ވާދަވެރިން ގިނަވީމާ. އެހެންވީމާ ގިނަ ގެސްޓް ހައުސްތައް ހަދާށޭ. ދެން ހިނގާށޭ އެ ތަންތަން ހިންގާ މީހުންނާ ގުޅިގެން އެ ބޮޑު އެއްޗަކަށް ހަދަން. ޓޫރިޒަމް މިނިސްޓްރީން ވަރަށް ފަހުން ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރީ. މާމެންދޫގައި ވެސް ރޫމްތައް ހަދާލާފައި ވިލެޖް ލައިފަށް އައިސް ބުނަންވީ އެބަހުއްޓޭ ތިން ރޫމް. އެ ވިއްކަދޭށޭ،" ނާޒިމް ބުންޏެވެ.

"ވިލެޖް ލައިފުން މި ތިބީ [އެ ކޮޓަރިތައް] ވިއްކައިދޭން ހަމަ ރެޑީއަށް. އެހެންވީމާ ގިނަ ބަޔަކު މީގެ ތެރެއަށް ވަންނާށޭ. އެ މީހުން ވަދެގެންނޭ ވިޔަފާރި ކުރެވޭނީ."

ބައިނަލްއަގްވާމީ ޗެއިންތަކުން ރާއްޖޭގައި ހިންގާ ރިސޯޓެއްގައި ބޮޑު މުސާރަ އަށް މަސައްކަތް ކުރުމުގެ ފުރުސަތު ނާޒިމަށް އަދިވެސް އެބަޮއޮތެވެ. އެކަމަކު، އެ ރިސޯޓް ލައިފް ދޫކޮށްލައި މިއަދު ވިލެޖް ލައިފްގައި އޭނާ އެ އުޅެނީ ލިބޭ އުފާވެރިކަން ބޮޑުކަމުންނެވެ. އޭނާގެ ވިލެޖް ލައިފްގެ މާޒީ އާއި ކުރިމަގު ވެސް ވަރަށް ސަޅި އެވެ.