Roadha Mihaaru
ބެންޒެމާގެ ހެޓްރިކާ އެކު ރެއާލުން ޗެލްސީ ބަލިކޮށްފި

ބެންޒެމާގެ ހެޓްރިކާ އެކު ރެއާލް މެޑްރިޑުން ފުރަތަމަ ފަހަރަށް ޗެލްސީ ބަލިކޮށްފި

07 އެޕްރީލް 2022

ލަންޑަން (އޭޕްރިލް 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ކަރީމް ބެންޒެމާގެ ހެޓްރިކާ އެކު 3-1 އިން ޗެލްސީ ބަލިކޮށް، ރެއާލް މެޑްރިޑު ވާދަވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ޗެލްސީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޭޕްރިލް 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ކަރީމް ބެންޒެމާގެ ހެޓްރިކާ އެކު 3-1 އިން ޗެލްސީ ބަލިކޮށް، ރެއާލް މެޑްރިޑު ވާދަވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ޗެލްސީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މީގެ ކުރިން ޗެލްސީ ވަނީ ރެއާލްއާ ދެކޮޅަށް ކުޅުނު ވާދަވެރި ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް ދެ މެޗު އެއްވަރު ކޮށްފަ އެވެ.

ސްޓޭމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗު ފެށިގެން ޗެލްސީން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މާ ރަނގަޅު ހަމަލާއެއް ފޮނުވައި ނުލެވުނެވެ. މެޗުގައި ފޮނުވާލި ނުރައްކާތެރި ފުރަތަމަ ހަމަލާ ވެސް ފޮނުވާލީ ރެއާލް މެޑްރިޑުންނެވެ. ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހަކުން ކަރީމް ބެންޒެމާ ބޯޅަ ހޯދައި ފެޑެރީކޯ ވަލްވާޑަށް ދިނުމުން އޭނާ ޖައްސާލީ ހުސްކޮށް ހުރި ވިނީޝިއުސް ޖޫނިއާ އަށެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ދެވަނަ ލަނޑު ޖެހުމަށް ފަހު ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ލަނޑު ޖެހުމަށް ފަހު ބެންޒެމާ އާއި ވިނީޝަސް ޖޫނިއާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވިނީޝިއުސްގެ ހަމަލާ އަށް ފަހު އޭގެ 11 މިނިޓު ފަހުން، މެޗުގެ 21 ވަނަ މިނިޓުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ ބެންޒެމާ އެވެ. އޭނާ ވަނީ ވިނީޝިއުސްސް ނަގައިދިން ބޯޅައެއް، އޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ގޯލު މަތީ ދާގަނޑަށް ފޮނުވާލައިފަ އެވެ. އަދި އަލުން މެޗު ފަށައި، ޗެލްސީ އަށް ހަމަޖެހި ނުލެވި އުޅެނިކޮށް ތިން މިނިޓު ތެރޭ ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހައި، މިދިޔަ ސީޒަނުގެ ސެމީ ފައިނަލުން ރެއާލް ކަޓުވާލި ޗެލްސީ ހާސް ކޮށްލައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ލުކާ މޮޑްރިޗް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.

ޗެލްސީ ވެސް ދިޔައީ ލިބޭ މަދު ފުރުސަތުތަކުގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް ކައި ހަވާޓްޒް ވަނީ ޖޯޖީނިއޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލު ތެރެއަށް ފޮނުވާލައި ޗެލްސީ އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.

ކައި ހަވާޓްޒް ޗެލްސީ އަށް ލަނޑު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކައި ހަވާޓްޒް ޗެލްސީ އަށް ލަނޑު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އޭގެ އިރުކޮޅެއް ފަހުން ވިނީޝިއުސް ޖޫނިއާ ތަނަވަސްކުރި ފުރުސަތެއްގައި ބެންޒެމާ އަށް އޭނާގެ ހެޓްރިކް ފުރިހަމަ ކުރަން ވެސް ފުރުސަތު ލިބުނެވެ. ވިނީޝިއުސް އަރިމަތިން އޭރިއާ ތެރެއަށް ތިރިތިރިން ހުރަސް ކޮށްލި ބޯޅަ ޖޯޖީނިއޯ ބްލޮކްކުރި ނަމަވެސް ބެންޒެމާ ވަނީ އެ ބޯޅަ ހޯދައިފަ އެވެ. ނަމަވެސް ބެންޒެމާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ޗެލްސީން ދެވަނަ ހާފު ފެށީ އަންޑްރެސް ކްރިސްޓެންސެން އާއި އެންގޯލޯ ކަންޓޭގެ ބަދަލުގައި މަޓެއޯ ކޮވަސިޗާއި ހަކީމް ޒިޔެޝް ކުޅެން އަރުވައިގެންނެވެ. ނަމަވެސް އެޑުއާޑް މެންޑީ އޭރިއާ ބޭރަށް ނުކުމެ ހެދި ގޯހެއްގެ ފައިދާ ނަގައި ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އެވެ. ކަސެމީރޯ ރެއާލްގެ ފަހަތުން ކްލިއާ ކޮށްލި ބޯޅަ މެންޑީ އޭރިއާ ބޭރުން ކޮންޓްރޯލް ކޮށްލާފައި ކައިރީގައި ހުރި ރުޑިގާ އަށް ޕާސް ދިން ނަމަވެސް ބެންޒެމާ ވަނީ މެންޑީގެ ބާރެއް ނެތް ޕާސް ރުޑިގާއަށް ލިބުމުގެ ކުރިން ހޯދައި މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ބެންޒެމާ، 34، މި ސީޒަނުގައި ރެއާލް އަށް ޖަހައިދިން 37 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ. އޭނާ ވަނީ ގަދަ 16 ޓީމު ވާދަކުރި ބުރުގައި ޕީއެސްޖީ ކޮޅަށް ވެސް ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓުގައި ތޯމަސް ޓުޗެލް، ރޮމެލޫ ލުކާކޫ އާއި ރުބެން ލޮފްޓަސް ޗީކް ކުޅެން އެރުވުމުން ޗެސްސީން ބޮޑަށް ކުރިޔަށް ޖެހިގެން ކުޅެން ފެށި އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭ ލުކާކޫ އަށް، ބޮލުން ގޯލަށް ފޮނުވާލަން ދެ ފުރުސަތެއް ލިބުނު ނަމަވެސް ގޯލާ އަމާޒުކޮށް ނުލެވުނެވެ. އަދި މޭސަން މައުންޓް ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަ ތަންކޮޅެއް މަތިން ބޭރަށް ދިޔައިރު، ކައި ހަވާޓްޒް އާއި ރީސް ޖޭމްސް ފޮނުވާލި ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު، ތިބައު ކޯޓުއާ އެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީން ރެއާލްގެ ދަނޑުގައި ވާދަކުރާ މެޗު ކުޅޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ.