Roadha Mihaaru
ޗެލްސީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލާ ގާތަށް

ޗެލްސީ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލާ ގާތަށް

13 އެޕްރީލް 2023

އަމިއްލަ ދަނޑުގައި އިންގްލެންޑުގެ ޗެލްސީ 2-0 އިން ބަލިކޮށް ސްޕެއިނުގެ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަމިއްލަ ދަނޑުގައި އިންގްލެންޑުގެ ޗެލްސީ 2-0 އިން ބަލިކޮށް ސްޕެއިނުގެ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ރެކޯޑް 14 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލުން ވަނީ، ކޯޗުން ބަދަލުކޮށް މުޅިން ހަމަޔަކަށް ނޭޅި އޮތް ޗެލްސީގެ މައްޗަށް މެޗުގައި ފުރިހަމަ ކޮންޓްރޯލެއް ނަގައިފަ އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މި މެޗުގައި ފުރަތަމަ ގޯލް ޖެހީ 21 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ އެވެ. މެދުތެރެއިން އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ވިނީޝިއަސް ޖޫނިއާ ޖެހުމުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލަގާގެ ފައިގައި ޖެހިފައި ނުކުތް ވަގުތު ބެންޒެމާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ ތެރެއަށް އަނބުރާ އަންނަން ޗެލްސީން ކުރި މަސައްކަތަށް ހުރަސް އެޅުނީ 59 ވަނަ މިނެޓުގައި އެ ޓީމުގެ ފުލްބެކް ބެން ޗިލްވެލް އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ ދަނޑުން ފޮނުވާލީ ރެއާލުގެ ރޮޑްރީގޯ އޭރިއާ ތެރެއަށް ވަންނަނިކޮށް ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ފައުލްކުރުމުންނެވެ.

ރެއާލުން ތަފާތު ބޮޑުކުރީ 74 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ޖެހި ގޯލުންނެވެ. ވިނީޝިއަސް ދިން ބޯޅަ އޭނާ ގޯލުގެ ތިރީ ކަނަށް ވައްދާލީ ޑީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ޝޮޓަކުންނެވެ.

ޗެލްސީ އަށް ވެސް ކުރިން ކޯޗުކޮށްދިން، ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ކުޅުމާއި ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދި މި ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

"އަހަރެމެން ޖެހޭނީ ޗެލްސީގެ ދަނޑުގައި ގަދަޔަށް މަސައްކަތްކުރަން އަދި ގުރުބާނީތަކެއްވާން. އަހަރެމެން ހިތްހަމަޖެހިފައި މިތިބީ ހަމައެކަނި މިރޭގެ ނަތީޖާއާ މެދު. އެކަމަކު ވިސްނަން ވާނެ ޗެލްސީން ދެން އޮންނަ ލެގުގައި އެ މީހުންގެ ސަތޭކަ ޕަސެންޓް ދޭނެކަން،" އަންޗެލޮޓީ ބުންޏެވެ.

ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާއާ އެކު ވެސް މެނޭޖްމަންޓް ހިތްހަމަޖެހޭ ފަދަ ނަތީޖާތަކެއް ނުނެރެވުމުން، ސީޒަނުގެ ނިޔަލަށް ޗެލްސީ ހަވާލުކޮށްފައިވާ ފްރޭންކް ލަމްޕާޑް ބުނީ އުއްމީދު ނުގެއްލޭ ކަމަށެވެ. އެ ޓީމާ އެކު 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އޭރުގެ މިޑްފީލްޑަރު ބުނީ ފަހު ވަގުތާ ހަމައަށް މަސައްކަތްކޮށްފި ނަމަ ނަތީޖާއަށް ބަދަލެއް ގެނެވިދާނެ ކަމަށެވެ.

ޕްރިމިއާ ލީގުގެ 11 ވަނައިގައި އޮތް ޗެލްސީ އަށް ރޭގެ މެޗުގައި ގޯލެއް ނުޖެހުމާ އެކު، އެކަން ނުކުރެވި ޖެހިޖެހިގެން ހަތަރު މެޗު ފާއިތުވީ އެވެ. މި ހާލަތަށް ޗެލްސީ އެންމެ ފަހުން ވެއްޓުނީ 1993 ގަ އެވެ.

ލީގުގެ ގަދަ ހަތަރެއް ހޯދުމުގެ ފުރުސަތު ބަންދުވެފައިވާތީ ޗެލްސީ އަށް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދެން އޮތީ މި ސީޒަނުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެ އުއްމީދާ ގުޅިފައިވާ ދެ ވަނަ ލެގު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގަ އެވެ.