Roadha Mihaaru
ނޭމާ އާއި އެމްބާޕޭ އަށް ވެސް ހެޓްރިކެއް

ނޭމާ އާއި އެމްބާޕޭ އަށް ވެސް ހެޓްރިކެއް

10 އެޕްރީލް 2022

ކްލެމޮންޓް-ފެރާންޑް، ފްރާންސް (އޭޕްރީލް 10) - މި ސީޒަނުގައި މުޅިން އަލަށް ފްރާންސް ލީގުގައި ކުޅޭ ކްލެމޮންޓް ފޫޓާ ދެކޮޅަށް ޕީއެސްޖީން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެޓީމުގެ ކިލިއަން އެމްބާޕޭ އާއި ނޭމާ ޖޫނިއާ ވެސް ހެޓްރިކް ހަދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކްލެމޮންޓް-ފެރާންޑް، ފްރާންސް (އޭޕްރީލް 10) - މި ސީޒަނުގައި މުޅިން އަލަށް ފްރާންސް ލީގުގައި ކުޅޭ ކްލެމޮންޓް ފޫޓާ ދެކޮޅަށް ޕީއެސްޖީން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެޓީމުގެ ކިލިއަން އެމްބާޕޭ އާއި ނޭމާ ޖޫނިއާ ވެސް ހެޓްރިކް ހަދައިފި އެވެ.

ޕީއެސްޖީން ރޭ ކްލެމޮންޓާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 6-1 އިންނެވެ. މި ނަތީޖާއާ އެކު ޕީއެސްޖީން ވަނީ ލީގުގެ އެއްވަނައިގައި ނަގާފައިވާ 15 ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ 31 މެޗު ކުޅެގެން ހޯދި 71 ޕޮއިންޓާ އެކު އެވެ.

މި މެޗުގައި ނޭމާ އާއި އެމްބާޕޭ، ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، މެސީ ވަނީ ތިން ގޯލުގައި އެސިސްޓް ކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގައި މި ތިން ކުޅުންތެރިން ވަނީ އެއް މެޗެއްގައި ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ލަނޑު ޖަހައިދީފަ އެވެ.

މެޗުގެ ހަވަނަ މިނިޓުގައި ނޭމާ ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އަދި 19 ވަނަ މިނިޓުގައި އެމްބާޕޭ އެޓީމުގެ ދެވަނަ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ މެސީ އެވެ. ކްލެމޮންޓްގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެނިކޮށެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 71 ވަނަ މިނިޓުގައި ޖެހީ ނޭމާ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން އެމްބާޕޭ އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއެއްގަ އެވެ. އޭގެ ތިން މިނިޓު ފަހުން ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ވެސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށްވެފައި ވަނިކޮށް އެމްބާޕޭގެ ހެޓްރިކް ފުރިހަމަކުރީ މެސީ ދިން ބޯޅައަކުންނެވެ. މިއީ މެސީ މި މެޗުގައި ކުރި ތިންވަނަ އެސިސްޓެވެ. އޭނާ ވަނީ ލީގުގައި މިހާތަނަށް 13 ލަނޑު ޖަހަން އެހީތެރިވެފަ އެވެ. އެމްބާޕޭގެ ހެޓްރިކާ އެކު އޭނާ ވަނީ ލީގުގައި 20 ލަނޑު ހަމަކޮށް ލަނޑު ލިސްޓުގެ އެންމެ ކުރިޔަށް ޖެހިލައިފަ އެވެ.

މީގެ އިތުރުން 83 ވަނަ މިނިޓުގައި ނޭމާގެ ހެޓްރިކް ފުރިހަމަ ކުރީ އެމްބާޕޭ ދިން ޕާހަކުންނެވެ. މިއީ އެމްބާޕޭ ލީގުގައި އެސިސްޓުކުރި 14 ވަނަ ލަނޑެވެ. އެންމެ ގިނަ ލަނޑު ޖަހަން އެހީވެގެން އެމްބާޕޭ އޮތީ ލީގުގެ އެސިސްޓް ރޭންކިން ލިސްޓުގެ ވެސް އެއްވަނައިގަ އެވެ.