Roadha Mihaaru
ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެލަނޑު ޖަހަން އެހީވީ މެސީ

ނަންޓްސް ކޮޅަށް އެމްބާޕޭގެ ދެ ލަނޑު ޖަހަން އެހީވީ މެސީ

04 ސެޕްޓެމްބަރ 2022

ނޯންޓްސް، ފްރާންސް (ސެޕްޓެމްބަރު 4) - ފްރާންސް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު ކިލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު 3-0 އިން ރަށުން ބޭރުގައި ނޯންޓްސް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޯންޓްސް، ފްރާންސް (ސެޕްޓެމްބަރު 4) - ފްރާންސް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި ލިއޮނެލް މެސީގެ އެހީތެރިކަމާ އެކު ކިލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު 3-0 އިން ރަށުން ބޭރުގައި ނޯންޓްސް ބަލިކޮށްފި އެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ނޯންޓްސް އިން ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒެއް ނުވި އެވެ. އަދި އެމްބާޕޭ ދިން ބޯޅައަކުން ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ ފޮނުވާލި ހަމަލާއެއް ނޯންޓްސްގެ ކީޕަރު އަލްބާން ލަފޯންޓް ވަނީ ދިފާއު ކޮށްފަ އެވެ.

މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖަހައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެޗުގެ 18 ވަނަ މިނިޓުގަ އެވެ. އޭގެ ހަ މިނިޓު ފަހުން، ޕީއެސްޖީއާ މި ސީޒަނުގައި އަލަށް ގުޅުނު މިޑްފީލްޑަރު ވިޓީނިއާ އަށް ކުރި ފައުލަކަށް ނޯންޓްސްގެ ފުލްބެކް ފަބިއޯ ސިލްވާ ކުރި ފައުލަކަށް އޭނާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ނޯންޓްސް ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނޯންޓްސް ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފައުލާ ގުޅިގެން ޕީއެސްޖީގެ ކޯޗު ކްރިޓޯފް ގަލްޓިއޭ ވަނީ ވިޓީނިއާ ގެ ބަދަލުގައި ރެނާޓޯ ސަންޗޭޒް ކުޅެން އަރުވައިފަ އެވެ. މި ހާފުގެ އިތުރު ވަގުތުގައި އަޝްރަފް ހަކީމީ ނެގި ހުރަހަކުން އެމްބާޕޭ އޯވަހެޑް ކިކަކުން ބޯޅަ ފޮނުވާލި ނަމަވެސް، ގޯލު ކުރިމަތިން ނޯންޓްސްގެ ޑިފެންޑަރެއްް ވަނީ އެ ބޯޅަ ބްލޮކް ކޮށްފަ އެވެ.

އެކަކު މަދުކޮށް ކުޅުނު ނޯންޓްސް ކޮޅަށް ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނިޓުގަ އެވެ. މެސީގެ އެހީތެރިކަމާ އެކު މި ލަނޑު ވެސް ޖެހީ އެމްބާޕޭ އެވެ. އަދި ފަހުން އޭނާ ކީޕަރު ކައިރިން ނައްޓާފައި ފޮނުވާލި ހަމަލާއެއް ގޯލަށް ވަނުމުގެ ކުރިން ނޯންޓްސްގެ ޑިފެންޑަރެއް ވަނީ ބޯޅަ ބްލޮކް ކޮށް، ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

މެސީ އާއި އެމްބާޕޭ މި މެޗުގައި ސްޓާޓު ކުރި އިރު، ނޭމާ ކުޅެން އެރުވީ ދެވަނަ ހާފުގައި އެމްބާޕޭގެ ބަދަލުގަ އެވެ. އަދި މިއީ ނޭމާ މި ސީޒަނުގައި ލަނޑެއް ނުޖަހައި ނިންމާލި ފުރަތަމަ މެޗެވެ. އެހެން ނަމަވެސް ޕީއެސްޖީގެ ތިންވަނަ ލަނޑުގައި ނޭމާގެ ހިއްސާ ބޮޑެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 68 ވަނަ މިނިޓުގައި ޖެހީ، ދެވަނަ ހާފަށް ކުޅެން ނުކުތް ވާތުބެކް ނޫނޯ މެންޑޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ނޭމާ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯޅަ އިންނެވެ. މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ޕީއެސްޖީ އަށް ކުޅުނު މެންޑޭޒްގެ ކޮންޓްރެކްޓް މި ސީޒަނުގައި އެ ޓީމުން ވަނީ ދާއިމީ ކޮށްފަ އެވެ. އަދި މިއީ އޭނާ ޕީއެސްޖީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލީގުގައި ޕީއެސްޖީ އިން މިހާތަނަށް 24 ގޯލު ޖަހައިދީފައި ވާއިރު، އެމްބާޕޭ އާއި ނޭމާ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތް ގޯލު ޖަހައިފަ އެވެ. މެސީ ޖެހީ ތިން ގޯލެވެ. މެސީ އާއި ނޭމާ ވެސް ވަނީ މިހާތަނަށް ހަ ގޯލު ޖަހަން އެހީ ވެފަ އެވެ.

ލީގުގައި ޕީއެސްޖީ އިން މިހާތަނަށް ހަ މެޗު ކުޅެފައި ވާއިރު އެޓީމު ވަނީ އެއް މެޗު އެއްވަރުކޮށް، ފަސް މެޗުން މޮޅުވެފަ އެވެ. ޕީއެސްޖީއާ އެއްވަރަށް އޮލިމްޕިކް މާސޭ އަށް ވެސް 16 ޕޮއިންޓް ލިބިފައި ވާއިރު، ޕީއެސްޖީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

މާސޭ ވަނީ ރޭ އޮކްސެއާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު އެޓީމުގެ ފުރަތަމަ ލަނޑު އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ގާސަން ޖަހައިދިން އިރު، މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ދެ ވަނަ ލަނޑު ޖަހައިދިނީ އެލެކްސިސް ސަންޗޭޒް އެވެ. މިއީ މިދިޔަ ސީޒަނުގައި މާސޭއަށް ބަދަލުވެ، ސަންޗޭޒް އެޓީމަށް ކުޅެދިން ފަސް ވަނަ މެޗުން ޖެހި ތިން ވަނަ ގޯލެވެ.